ޚަބަރު

1 ޖެނުއަރީ 2024އިން ފެށިގެން ޕްލާސްޓިކް ފުޅީގައި ވިއްކާ ސުޕާރީވެސް މަނާ


  • 1 ޖެނުއަރީ 2024 އިން ފެށިގެން ޕްލާސްޓިކް ފުޅީގައި ހުންނަ ސުޕާރީވެސް ވިއްކުން މަނާވާނެ

  • 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު އެތެރެކޮށް ވިއްކުން މަނާކުރާ މުއްދަތުވަނީ ފަސްކޮށްފައި

  • މިބާވަތުގެ ޕްލާސްޓިކް ކޮތަޅު އެތެރެކޮށް އުފެއްދުން މަނާވާ ތާރީޚަކީ 1 ޖެނުއަރީ 2024

ޕްލާސްޓިކް ފުޅީގައި ހުންނަ ސުޕާރީ ރާއްޖޭގައި އެތެރެކޮށް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާތީ އެބާވަތްތައްވެސް 1 ޖެނުއަރީ 2024އިން ފެށިގެން ވިއްކުން މަނާކުރުމަށް ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމަވާ "އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް އެތެރެކޮށް ބޭނުންކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅާފައިވާ އުސޫލު"ވެސްވަނީ މުރަޖާޢާކުރައްވާފައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ވިދާޅުވީ ތިމާވެއްޓަށް ގެއްލުންދޭ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅުއްވާފައިވާ 13 ބާވަތުގެ ތެރެއިން 2 ބާވަތަކަށް އިސްލާޙު ގެންނަވާފައިވާކަމަށެވެ. އެގޮތުން ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ އެއް ބާވަތަކީ ޕްލާސްޓިކް ކޮތަޅުގައި ބަންދުކޮށްފައިވާ ސުޕާރީއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، މިބާވަތް މަނާވެފައި އޮތްނަމަވެސް، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ސުޕާރީ އެތެރެކޮށް ވިއްކަމުންދާކަން ފަހަކަށް އައިސް ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ފަދަ ބާވަތްތަކުގައި ނުވަތަ ޕްލާސްޓިކް ފުޅީގައި ބަންދުކޮށް ވިއްކަމުންދާ ސުޕާރީގެ ބާވަތްތައް "ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ޕްލާސްޓިކްގެ" ލިސްޓުގައި ހިމަނުއްވާފައިވާ ކަމަށެވެ. އަދި 1 ޖެނުއަރީ 2024އިން ފެށިގެން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ފަދަ ބާވަތްތަކުގައި ނުވަތަ ޕްލާސްޓިކް ފުޅީގައި ބަންދުކޮށް ވިއްކަމުންދާ ސުޕާރީގެ ބާވަތްތައް ބޭނުންކުރުން މަނާވާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މިލިސްޓުގެ ތެރެއިން ދެން އިސްލާޙު ގެންނަވާފައިވަނީ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅުގެ ބާވަތްތަކެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، ރާއްޖެއަށް މިބާވަތް އެތެރެކުރުމަށް ހުއްދަ ދޫކޮށްފައިވާ މުއްދަތުގައި، އެއްކުރެވިފައިވާ ސާމްޕަލްތަކުން ރާއްޖެއަށް އެތެރެކުރާ ހުރިހާ ކޮތަޅެއްގެ ބޯމިންވެސް ހުންނަނީ 50 މައިކްރޯންއަށްވުރެ ތުނިކޮށްކަން ރިކޯޑުކުރެވިފައިވާކަމަށެވެ. އެހެންކަމުން މިކަންކަމަށް ވިޔަފާރިވެރިންނާއި ޢާއްމުން އަހުލުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމަށް އިތުރު މުއްދަތެއް ދެއްވުމުގެ ގޮތުން ޕްލާސްޓިކް ކޮތަޅު ރާއްޖެއަށް އެތެރެކޮށް އުފެއްދުން މަނާވާ ތާރީޚު 1 ޖެނުއަރީ 2024އަށް ފަސްކުރައްވާފައިވާ ކަމަށެވެ. އަދި މިބާވަތުގެ ކޮތަޅު ރާއްޖޭގައި ބޭނުންކުރުން މަނާވާ ތާރީޚަކީ 1 ޖޫން 2024 ކަމަށްވެސް ސަރުކާރުންވަނީ ކަނޑައަޅުއްވާފައެވެ.

އެންމެ ފުރަތަމަ ކަނޑައަޅުއްވާފައި އޮތްގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު އެތެރެކޮށް ބޭނުންކުރުން މަނަލެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާކުރައްވާފައިވަނީ ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރެއްވުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަނޑައަޅުއްވާފައިވާ ޤަރާރަކުންނެވެ. މީގެތެރެއިން 12 ބާވަތެއް ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާކުރައްވައި އަންނަނީ ތަންފީޒުކުރައްވަމުންނެވެ.