ވިޔަފާރި

ފެބްރުއަރީ މަހު މީރާއަށް ލިބުނު އާމްދަނީ 66.6 އިންސައްތަ އިތުރު


މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ ފެބުރުއަރީ މަހު ބަލައިގަތް އާމްދަނީ އޭގެ ކުރީ އަހަރުގެ ފެބްރުއަރީ މަހާއި އަޅައިބަލާއިރު 66.6 އިންސައްތަ އިތުރުވެފައިވާކަމަށް އެއޮތޯރިޓީއިން ހާމަކޮށްފިއެވެ.

މީރާއިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، މިއަހަރުގެ ފެބުރުއަރީ މަހު މީރާއަށް ބަލައިގަނެފައިވަނީ 1.5 ބިލިއަން ރުފިޔާއެވެ. މިއީ، މިއަހަރުގެ ފެބުރުއަރީ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 26.6 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަނެފައިވަނީ، 79.8 މިލިއަން ޑޮލަރެވެ.

ފެބުރުއަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީ އިތުރުވެފައިވަނީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު، މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 11.7 އިންސައްތަ އިތުރުވުމާއި އަދި ފަތުރުވެރިކަމުގެ ދާއިރާއިން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުން ކަމަށް މީރާއިން ބުނެއެވެ. އަދި މިމުއްދަތުގައި ގްރީން ޓެސްކްގެ ގޮތުގައި ލިބުނު އާމްދަނީވެސް އިތުރުވެފައިވާކަން މީރާއިން ފާހަގަކޮށްފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ފެބުރުއަރީ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ، ޖީއެސްޓީންނެވެ. ފެބްރުއަރީ މަހު ޖީއެސްޓީގެ ގޮތުގައި 522.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ.