ޚަބަރު

ފުލުހުން ހުރިހާ ވަގުތެއްގައިވެސް އިސްކުރާނީ ރައްޔިތުންގެ ބޭނުންތައް: ސީޕީ ޙަމީދު


  • އަލަށް ޚިދުމަތަށް ނިކުންނަ ފުލުހުންނަށް ސީޕީ ވަނީ މުހިންމު އިލްތިމާސްތަކެއް ކުރައްވައިފައި

  • ޒަމާނީ ވަސީލަތްތަކާއެކު ފުލުހުންގެ މުއައްސަސާވެސް ވަނީ ބަދަލުވެފައި

ދިވެހި ފުލުހުންގެ މުއައްސަސާއަކީ ހުރިހާ ވަގުތެއްގައިވެސް ރައްޔިތުންގެ ބޭނުންތައް އިސްކޮށް މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ބައެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ، ފުލުހުންގެ 35 އިނީޝިއަލް ޓްރެއިނިންގ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެނެވެ.

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ 35 ވަނަ އިނީޝިއަލް ޓްރެއިނިންގ ޕްރޮގްރާމުން އެކި ވަނަތައް ހޯދި ފަރާތްތަކަށް ހޯދި ފުރިހަމަ ކާމިޔާބީއަށާއި، ދެއްކި ނަމޫނާއަށް މަރުޙަބާ އަދި ޝުކުރު ދަންނަވާފައެވެ.

އަލަށް ތަމްރީން ފުރިހަމަކޮށް ފުލުހުންގެ ޙިދުމަތައް ނުކުތް ފުލުހުންނަށް ސީޕީ ހަމީދުވަނީ ގިނަ ކަންތައްތަކަކަށް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން ސީޕީ ހަމީދު ވަނީ 21 ވަނަ ގަރުނަށް ފެތޭ ފުލުހުންނަށް ވާން އިސްކަންދިނުމަށާއި، މުޖުތަމައުއާއި، ފަރުދުންގެ އިތުބާރު ހޯދައި، ގުޅިގެން މަސައްކަތްކުރުމަށް އިސްކަން ދޭބަޔަކަށްވުމަށް އެޑިވަޑައިގެންފައެވެ. އަދި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއަށް އަހުލުވެރިވެ، އޭގެ ބޭނުން ހިފައިގެން ކުށް ނުވަތަ މައްސަލަތައް ހައްލުކުރުމާއި، އޮޕަރޭޝަންތައް ދުވަހުން ދުވަހަށް ހަރުދަނާކުރުމަށް މަސައްކަތްކުރާ ބަޔަކަށް އަލަށް ނުކުންނަ ދަރިވަރުން ވާންޖެހޭކަން ސީޕީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ތަމްރީނުވެގެން ނުކުންނަނީ ޒަމާނީ ވަސީލަތްތަކާއެކު ބަދަލުވަމުންދާ މުއައްސަސާއަކަށްކަން ފާހަގަކުރަމުން ސީޕީ ހަމީދުގެ ވާހަކަފުޅުގައި ފުލުހުންގެ ޚިދުމަތަށް އަންނަމުންދާ ބަދަލުތަކާއި، ފުލުހުން ކޮށްގެން ތިބި ހުވަޔާއި، ފުލުހުންގެ ޤާނޫން ލާޒިމުކުރާ ކަންކަން ވީހާވެސް ފުރިހަމައަށް ބޭނުން ހިފުމަށް އެދިވަޑައިގެންނެނެވިއެވެ.

""ތަމްރީނުވެގެން މަސައްކަތަށް ނުކުންނަ ފަރާތްތަކުން އިސްކަންދޭންވާނީ، ތަމްރީނުން ކަންކަން ދަސްވިގޮތަށް ޚިދުމަތް ކުރުމުގެ އަޒުމުގައި މަސައްކަތްކުރަން އަދި އެ އަޒުމުގައި ދެމިތިބޭނެ ބަޔަކަށްވާން، އަދި މަސައްކަތް އިތުރަށް ރަނގަޅުކޮށް، މަސައްކަތްކުރުމުގައި ހުރެދާނެ ނުރަގަނޑު ސަޤާފަތެއްވާނަމަ އެ ސަޤާފަތެއް ބަދަލުކުރަން މަސައްކަތްކުރާ، ޗޭންޖް އޭޖެންޓުންނަށްވާން ބަޔަކަށްވާން" ސީޕީ ހަމިދު ވިދާޅުވިއެވެ.

ޚާއްސަ ތަމްރީނެއް ފުރިހަމަކުރުމުގެ ސަބަބުތަކުގެ މައްޗައް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުންގެ އަސާސީ ތަމްރީނަކީ، މި ޚިދުމަތާގުޅޭ ފަރާތްތައް ފުރިހަމަ ފުލުހަކަށް ބަދަލުކޮށްލާ މަރުހަލާއެއްކަމަށެވެ. އަދި މިއަދު، އަސާސީ ތަމްރީނުގެ މިބައި ފުރިހަމަކޮށްގެން ޢަމަލީގޮތުން މަސައްކަތް ދަސްކުރުމަށް ނުކުންނައިރު، ފުލުހުންގެ ވަޒީފާގެ މަސްއޫލިއްޔަތާމެދު ވިސްނާގޮތް ތަފާތުވާނެކަން ދަންނަންޖެހޭކަން ފާހަގަކުރެއްވިއެވެ.

ސީޕީ ވިދާޅުވީ، އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ފުލުހުންގެ ޚިދުމަތަށް އިތުކުރުމަށްކަމަށެވެ. އަދި އަބަދުވެސް ޔަޤީންވާ އެއްކަމެއް އޮންނަކަމަށާ އެއީ މިއަދުގެ ދިވެހި ފުލުހުންގެ ޚިދުމަތަކީ ހުރިހާ ކަމެއްގައިވެސް އަދި ހުރިހާ ވަގުތެއްގައިވެސް ރައްޔިތުންގެ ބޭނުންތައް އިސްކުރާނެ ބައެއްކަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

"އަލަށް ތަމްރީނުވެގެން ޚިދުމަތާގުޅޭ ވަގުތަކީ މިފަދަ މުއައްސަސާއެއްގައި އިތުރަށް ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކުރަންތި ފުލުހުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއް. ކަމެއް ގޯސްކޮށް ދާނަމަ އެއ ގޯހެކޭ ބުނުމުގެ ހިތްވަރު އަދި ކެރުން ތިޔަ ކޮންމެ ފުލުހެއްގެ ކިބައިގައިވެސް ހުންނަންވާނެ. އަދި ހަމަ އެހެންމެ މުޖުތަމަޢުގެ ތެރެއިން ކުށެއް ކުރާތަން ފެނިއްޖެނަމަ، އެކަމަކަށް ފުރިހަމައަށް އެޓެންޑުވުމުގެ ގާބިލުކަމާއި ފެންވަރު ހުންނަންވާނެ" ސީޕީ ހަމީދު ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިޝީންގ އެންޑް ލޯ އެންފޯސްމަންޓްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމްއެވެ.

މި އަހަރުގެ މާރިޗު 12 ވަނަ ދުވަހުން ފެށިގެން ޖުލައި 31 އަށް ކުރިއަށް ގެންދިޔަ މި ކޯހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.

އެގޮތުން، ގާނޫނާއި، ހިއުމަން ރައިޓްސް އާއި ދީނީ ވާޖިބުތަކާއި އިސްލާމީ ރިވެތި އަހުލާގު އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޯޑް އޮ ފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ފަދަ ބައިތަކާއެކު ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ. 48 އަންހެން ބައިވެރިންނާއި 172 ފިރިހެން ބައިވެރިން މި ކޯހުގައި ބައިވެރިވެ 192 ބައިވެރިން ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެއެވެ.

މިރަސްމިއްޔާތު ނިންމައިލާފައިވަނީ ކޯހުގެ ދަރިވަރުންގެ ރޫޓް މާޗަކާ އަދި ބަޑިބޭހުގެ ކުޅިވަރުތަކާ އެކުގައެވެ.