ޚަބަރު

މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ނަތީޖާ ދަނީ ފެންނަމުން: ނަސީމް


  • މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު

  • ކަމާގުޅޭ އިދާރާތަކުގެ މެދުގައި ގުޅުން ރަނގަޅުކުރެވިއްޖެ

  • އެން.ޑީ.އޭގެ ހިންގުން ހަރުދަނާކޮށް ނަތީޖާ ދަނީ ފެންނަމުން

މި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތްތަކާއި ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ކުރާ މަސައްކަތުގައި ނަތީޖާ ފެންނަމުންދާކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން މީރުމާގައި މިރޭ ބޭއްވި ޚާއްސަ ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، ނޭޝަނަލް ޑްރަގް އޭޖެންސީ، އެން.ޑީ.އޭގެ މަސައްކަތްތައް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވުމަށް 5 މެއި 2021 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމެވި ނިންމެވުމަކީ، ނިކަމެތިވެފައި އޮތް މިދާއިރާ ނަގާ ކޮޅަށް ޖަހާ، ދުރު މުސްތަޤުބަލަށް ރޭވުންތައް ރާވާ، އަސްލު މައްސަލައިގެ ހައްލު ހޯދުމަށް އެތައް ގޮތަކަށް ބަލަން ފުރުސަތު ހުޅުވިގެންދިޔަ މުހިންމު ނިންމެވުމެއްކަމަށެވެ.

އެން.ޑީ.އޭގެ ހިންގުން ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގައި ކަންކަން ރޭވުމަށާއި، އިސްލާޙީ ފިޔަވަޅުތައް ދެނެގަތުމަށް ބޭނުންވި ފަންނީ އަދި އިތުރު އެހީތެރިކަންވެސް ފޯރުކޮށްދިނުމަށް ޑަބްލިއު.އެޗް.އޯއާއި ޔޫ.އެން.އޯ.ޑީ.ސީގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެން.ޑީ.އޭ ހެލްތު މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށަށް ބަދަލުވިތާ މާ ގިނަ ދުވަހެއް ނުވެ ޙާލަތާ ގުޅޭ ޞައްޙަ މަޢުލޫމާތު ހުށަހެޅުމާއި، ގެނެވެމުންދާ އިސްލާޙްތަކާއި ޕްލޭންތައް ރައްޔިތުންގެ މަޖިލީހުގެ މިކަމާ ގުޅޭ ކޮމިޓީ މެންބަރުންގެ ލަފާއާއި އިރުޝާދާއެކު ބިނާ ކުރުމާއި، މަސައްކަތް ކުރިއަށް ދާ ގޮތުގެ މަޢުލޫމާތު އެ ކޮމިޓީތަކަށް ހުށަހެޅުމުގެ ސަޤާފަތެއް އުފެއްދުނުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ނޭޝަނަލް ޑްރަގް އޭޖެންސީ މިއަދު މިދެކޭ ހެޔޮ ބަދަލުތައް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. ކަންކަން ތަރުތީބު ކުރެވިއްޖެ. ކުރިއަށް ކުރަންހުރި ކަންކަން ދެނެގަނެވިއްޖެ. މިހާރު ކުރިއަށް މިދަނީ، ތަންފީޒީ މަރުހަލާ. އުއްމީދުން ފުރިގެންވާ ދުވަސްތައް އަޅުގަނޑުމެނާއި އަރާ ހަމަކުރާ ވަގުތު މާތް ﷲ ގެ އިރާދަ ފުޅާއެއެކު ވަރަށް ގާތްވެއްޖެ" މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، މަސްތުވާތަކެތީގެ ފަރުވާގެ ކަންކަމުގައި މުޖްތަމައު ދެކޭގޮތް ބަދަލުވާތަން ފެންނަމުންދާކަމަށާއި، ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް މިކަން ކުރިއަށް ގެންދެވިއްޖެނަމަ، އަތޮޅުތެރެ ބާކީ ނުވެ، މާލެ ނައިސް އަމިއްލަ ރަށުގައި ހުރެގެން ފަރުވާއަށް ފުރުސަތު ލިބިގެންދާނެކަމަށެވެ.

މިސަރުކާރުގެ ސިޔާސަތަކީ އަތޮޅުތެރޭ، ސިއްޙީ ޚިދްމަތްދޭ ތަންނުން ވީހާވެސް ފުޅާދާއިރާއެއްގައި މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާ ފޯރުކޮށްދިނުންކަން ފާހަގަކުރައްވާ އެކަން ކުޅުދުއްފުށީގައި މިހާރު ފެށި، ތަޖްރިބާ ކުރެވިއްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދެން އޮތީ، ވަކި ރަށެއް ތަފާތު ނުކޮށް، އެ ޚިދުމަތުގެ ބޭނުން އޮތް ހުރިހާ ސަރަޙައްދެއްގައި މަސައްކަތް ފެށުންކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެހީތެރިކަމަށް އެދި، ދާނެ ތަނެއް ނެތި، އަޅާލާނެ މީހަކު ނެތި މާޔޫސް ކަންމަތީ ތިބި އެންމެނަށް އަޅުގަނޑު ދަންނަވާލަން އޮތީ، އުއްމީދު ނަގާ ނުލާށޭ! ސަރުކާރުން ތިޔަ އެންމެނަށް ފަރުވާ ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު މިވަނީ ފެށިފައޭ. މިސަރުކާރުން އެކަކުވެސް، ހަމަ އެންމެ އާއިލާއެއްވެސް ތަފާތު ނުކޮށް އެހީތެރިވެދޭނަން." މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި އަށަގެންފައިވާ އިޖްތިމާއީ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަތައްކަން ފާހަގަކުރައްވާ ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވީ ބޯހިޔާވަހިކަމަށް ގެންނަ ހައްލުގެ ތެރެއިން މިކަމަށްވެސް ކުރިއެރުން ލިބިގެންދާނެކަމަށެވެ. އަދި އަންހެނުންނަށް ހާއްސަކުރެވިގެން ދެވޭ ފަރުވާއަށް ގެނައި ބަދަލާއިއެކު، އެތަނުން ރަނގަޅު ނަތީޖާ ފެންނަމުންދާކަމަށާއި، ޖަލުގައި ފެއްޓި ފަރުވާއިން، މީހުން ޖަލުން ނިކުމެ، މުޖްމަޢުގައި ހަރުދަނާ ބައެއްގެ ގޮތުގައި ދިރިއުޅެމުން އަންނަކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެތައް ބައިވަރު ދިރާސާތަކަކާއި، އިދާރީ ތަރުތީބެއްގެ ތެރެއިން އެކުލަވާލެވުނު މިނެކިރޭނެ އުޞޫލްތަކުގެ ސަބަބުން އެން.ޑީ.އޭގެ ހިންގުން ހަރުދަނާވެ، ބޭކާރު ޚަރަދުތައް ކުޑަކުރެވި، ފުރިހަމަ މަސައްކަތެއް ކުރެވޭނެ ގޮތްތަކަށް ބަދަލުކުރެވިއްޖެކަމަށެވެ. އަދި އެކުގައި މަސައްކަތް ކުރާ ތަފާތު ގިނަ މުއައްސަސާތައް ދެމެދު ރަނގަޅު ގުޅުމެއް ޤާއިމްކުރެވިއްޖެކަމަށާއި އެއްބަޔަކު އަނެއް ބަޔަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދެނެގަނެވި، ވާހަކަ ދެއްކުން އިތުރު ކުރެވިއްޖެކަމަށެވެ.

މި ޙަފްލާގައި ވަނީ ޑަބްލިއު.އެޗް.އޯގެ އެހީތެރިކަމާއެކު ރާއްޖޭގެ މަސްތުވާތަކެތީގެ ޙާލަތު ދެނެގަތުމަށްޓަކާ ތައްޔާރުކޮށްފައިވާ "ސިޓުއޭޝަނަލް އެނާލިސިސް އޮފް ޑްރަގްސް އިން ދަ މޯލްޑިވްސް 2021" ރިޕޯޓު ހެލްތު މިނިސްޓަރ އަޙްމަދު ނަސީމަށް އަރުވާފައެވެ. އަދި މި ޙަފްލާގައި މިނިސްޓަރ ނަސީމް ވަނީ ނޭޝެނަލް ޑްރަގް އޭޖެންސީ، ރީ-ބްރޭންޑްކޮށް، އެ އެޖެންސީގެ އައު ލޯގޯއާއި ކުލަ އިފްތިތާޙްކޮށްދެއްވާފައެވެ.