ޚަބަރު

ދަރިމައިވުމުގެ މައްސަލަތަކަށް ދުރާލާ ރައްކާތެރިވުން މުހިންމު: ފަޒްނާ


  • އައި.ވީ.އެފް ފަންޑް ތަޢާރަފުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު

  • އައި.ވީ.އެފްގެ އަގު ޖުމްލަ 15000 ޑޮލަރާއި ގާތްކުރާނެ

ދަރިމައިވުމުގެ މައްސަލަތަކުގެ ތެރެއިން ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ކަންކަމަކީ، ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ފާރޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން އައި.ވީ.އެފް ހެދުމަށް ފޯރުކޮށްދޭ މާލީއެހީއަށް ހޮވިފައިވާ ފަރާތްތަކަށް، އެ އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހަވީރު ސޯލްޓްކެފޭ އެންޑް ރެސްޓޯރެންޓްގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ފާރޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ މަސައްކަތް ފާހަގަކުރައްވައި، އެޖަމްޢިއްޔާގެ ހިންގުންތެރީންނަށް ހިއްވަރުދެއްވިއެވެ. މީގެ އިތުރުން ޖަމްޢިއްޔާ ޖަމާއަތްތަކުން އިސްނަގައިގެން އާއްމުން ހޭލުންތެރިކުރުވުމާއި، ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވުމަކީ، ސިޔާސަތުތައް ކަނޑައެޅުމާއި ތަންފީޒް ކުރުމާއި ކަންކަން ރަނގަޅު ކުރުމަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އުފަންވެނި ސިއްޙަތާއި، ދަރިމައިވުމުގެ ޞިއްޙަތު އަދި ދަރިން ލިބޭ މިންވަރާ، ރާއްޖޭގެ އާބާދީއަށް އަންނަ ބަދަލުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ބޯހިމެނުމުގެ ތަފާސް ހިސާބުތައް ފާހަގަކުރައްވައި އެކަމަނާ ވަނީ، މިދިޔަ އަހަރާއި ހަމައަށް އައިރު ކުދިން ހޯދާ ނިސްބަތް ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަކުރައްވައިފައެވެ. އެކަމަނާ ވިދާޅުވީ، އެއީ ޙާއްސަގޮތެއްގައި ސަމާލުކަންދޭންޖެހޭ މުހިއްމު މައްސަލައެއްކަމުގައި ދެކިގެން ފާރޓިލިޓީ ސަޕޯޓާއި ގުޅޭ ޚިދުމަތްތައް ރާއްޖޭގައި ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.

"މިދިޔަ އަހަރުގެ ނިޔަލަށް އެވަރެޖްކޮށް ކުދިން ހޯދާ ނިސްބަތް ނޫނީ ޓޯޓަލް ފާޓިލިޓީ ރޭޓް 1.7 އަކަށް ވަނީ ދަށްވެފައި. މިއީ ކޮންމެ ސަބަބަކާހުރެ އެއީ ސިއްހީ މައްސަލައެއް ނުވަތަ ދިރިއުޅުމުގެ ވަށްޓަފާޅިއަށް އައިސްފައި އޮތް ކަމަކާހުރެނަމަވެސް މި މައްސަލައަކީ ހައްސާސް މައްސަލައެއްކަމުގައި ދެކިގެން ސަރުކާރުން ދަނީ ފާޓިލިޓީ ސަޕޯޓާގުޅޭ ޚިދުމަތްތައް ރާއްޖޭގައި ފުޅާކުރުމަށް މަސައްކަތްކުރަމުންކަމަށް އަޅުގަނޑަކަށް ޤަބޫލުކުރެވޭ." ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވާހަކަފުޅުގައި، ދަރިމައިވުމުގެ މައްސަލަ ދިމާވާ އާއްމު ސަބަބުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެކަމަނާ ވިދާޅުވީ، ދަރިމައިވުމާއި ގުޅޭ މުޅި މައްސަލައަށް ހައްލެއް ހޯދަން ޖެހޭކަމަށެވެ. އަދި ރަނގަޅުކާނާ ކެއުމާ ކަސްރަތު ކުރުމާ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރާހޭދަ އިތުރުކުރަންޖެހޭ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

މިއަދުގެ މިރަސްމިއްޔާތުގައި، ފާރޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ އެހީ ލިބުނު 5 ދެމަފިރިއަކަށް އެ އެހީ ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

އައި.ވީ.އެފް ފަންޑަކީ މިދިޔަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ފާރޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ދަރިމައިވުމުގެ ދަތިތައް ހުންނަ ފަރާތްތަކުގެ ތެރެއިން މާލީ ދަތިތަކާއިހުރެ، އައި.ވީ.އެފް ހެދުމުގެ ފުރުޞަތު ލިބިފައިނުވާ ދިވެހި ދެމަފިރިއަކަށް ޖަމިއްޔާގެ އެހީގައި ހިލޭ އައި.ވީ.އެފް ހެދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްސަދުގައި ހުޅުވި ފަންޑެކެވެ. މިއީ އަހަރަކު އެއްފަހަރު އާންމުކޮށް ހުޅުވާލައިގެން، ކުރިމަތިލާ ފަރާތްތަކުގެ ހާލަތު ކަށަވަރުކުރުމަށްފަހު އެންމެ މަތިން މާކްސް ލިބިގެން ހޮވޭ ފަރާތަކަށް ދެވޭ އެހީއެކެވެ.

މިގޮތުން ހޮވާލެވޭ އެއް ދެމަފިރިއަކަށް ފަންޑް ހަވާލުކުރަން ގަސްތުކުރެވިފައިވީނަމަވެސް އިންޑިއާގެ ޔާމީ ފާޓިލިޓީ އެންޑް އައިވީއެފް ސެންޓާ އިންނާއި އަދި އެސްޓާ މެޑްސިޓީގެ ފަރާތުން ލިބުނު އެހީއާއެކު އިތުރު 4 ދެމަފިރިއަކަށް މި އަހަރު އައިވީއެފް ހެދުމުގެ ފުރުޞަތު ވަނީ ލިބިގެން ގޮސްފައެވެ. މި 5 އައިވީއެފްގެ އަގު ޖުމްލަ 15000 ޑޮލަރާއި ގާތްކުރާނެކަމަށް ފާރޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ބުނެއެވެ.

އައިވީއެފް ފަންޑް ލިބުނު ފަރާތްތަކަކީ އެވްރެޖް ގޮތެއްގައި 17 އަހަރު ކައިވެނިކޮށްގެން ދަރިއަކު ހޯދުމަށްޓަކައި އެވްރެޖްކޮށް 15 އަހަރުވާންދެން މަސައްކަތްކޮށްފައިވާ ނަމަވެސް އަދި މިހާތަނަށް އައިވީއެފް ހެދުމުގެ ފުރުސަތު ލިބިފައިނުވާ ފަސް ދެމަފިރިއެކެވެ. މި ފަންޑް ހަވާލުކުރުމާއެކު، އޭގެ ހައްގުވެރިންނާއި އަދި ޖަމިއްޔާއާއި ދެމެދުވަނީ ހާއްސަ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ކުރިއަށްއޮތް އެއް އަހަރުގެ ތެރޭ، މި ފަރާތްތަކުގެ އައިވީއެފް ހެދުމުގެ ޕްރޮސީޖާ ފެށިގެންދާނެކަމަށް ފާރޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ބުނެއެވެ.