ޚަބަރު

މުއްދަތު ހަމަވިއިރުވެސް ވެލާ ފެޅި މީހުން ޖޫރިމަނާ ފައިސާ ނުދައްކާ: އީ.ޕީ.އޭ


  • މިކަމުގައި 7 މީހަކު ބައިވެރިވި

  • ކޮންމެ މީހަކު 198،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި

  • ޖޫރިމަނާގެ ގޮތުގައި ޖުމްލަ 1،386،000 މިލިއަން ރުފިޔާ އަރާ

ބ. އަތޮޅު ކެޔޮދޫގައި ވެލާ ފެޅި މީހުންގެ ޖޫރިމަނާ ފައިސާ ދައްކަން އަނގާފައި އޮތް މުއްދަތު ހަމަވިއިރުވެސް އެއްވެސް ފަރާތަކުން އެފައިސާ ދައްކާފައިނުވާކަމަށް އެންވަޔަރަމަންޓް ޕްރޮޓަކްޝަން އޭޖެންސީ، އީ.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

އީ.ޕީ.އޭއިން ވިދާޅުވީ، ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި 7 މީހަކު 198،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ވާތީ މުޅި ޖުމްލަ 1،386،000 ރުފިޔާ ޖޫރިމަނާގެ ގޮތުގައި އެ 7 މީހުން އެ އެޖެންސީއަށް ދައްކަންޖެހޭކަމަށެވެ. މިފައިސާ ދެއްކުމަށް 30 ދުވަހުގެ މުހުލަތެއް ދީފައިވާއިރު މި މުއްދަތު ހަމަވެފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ޖޫރިމަނާ ފައިސާ ދެއްކުމަށް އެމީހުންނަށް އަންގާފައިވަނީ މިދިޔަ ޖޫންމަހުގެ 20 ވަނަ ދުވަހުއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އީ.ޕީ.އޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާޙިމް ނައީމް ވިދާޅުވީ، އެމީހުން ޖޫރިމަނާކޮށްފައިވަނީ ދިވެހި ރާއްޖޭގެ ޤާނޫނުގެ ދަށުން ތިމާވެށި ޚިމާޔަތް ކުރުމުގެ ޤާނޫނުގައި ބަޔާންކޮށް ޚިމާޔަތްކޮށްފައިވާ ދިރޭއެއްޗަކަށް ގެއްލުން ދިން މައްސަލައެއްގައި ކަމަށެވެ.

މި ޖޫރިމަނާ ފައިސާ ހޯދުމަށް ކަނޑައަޅާފައި އޮންނަ އުޞޫލުގެ ތެރެއިން މަސައްކަތް ކުރަމުންދާކަމަށް އީ.ޕީ.އޭއިން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ވެލާ ކަހަނބަކީ ނެތިދިޔުމުގެ ނުރައްކަލުގައިވާ ދިރުމެއްކަމަށް އިންޓަރނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަވޭޝަން އޮފް ނޭޗާސް (އައި.ޔޫ.ސީ.އެން) އިން ކަނޑައަޅާފައިވާ ދިރުމެކެވެ. ވެލާކަހަނބު ޚިމާޔަތްކޮށްފައިވަނީ "ގުދުރަތީ ގޮތުގައި ނުވަތަ ތަބައީ ގޮތުގައި ރައްކާތެރިކުރާ ދިރޭތަކެއްޗާބެހޭ ޤަވާއިދު" އަދި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެދަށުންނެވެ.

ރާއްޖޭގައި ވެލާ ކަހަނބު ޚިމާޔަތްކޮށްފައިވަނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 6 ދުވަހުން ފެށިގެންނެވެ.