ޚަބަރު

މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި


  • މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެން

  • 249.90 މިލިޔަން ރުފިޔާގެ މަޝްރޫޢެއް

  • 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައި

މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެނެވެ.

އެމްޓީސީސީން ބުނީ ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން ށ. މަތި ކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެެވެ.

މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރިޔަށް ގެންދަނީ ޗަރޓަރކުރެވިފައިވާ ޑްރެޖަރ "ފިލިޕޯ ބްރުނެލޭޝީ" ބޭނުންކޮށްގެނެވެ. އެންމެފަހުން އެމްޓީސީސީން ނިންމާލި އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތަށްވެސް ބޭނުންކުރީ މި ޑްރެޖަރެވެ.

މި މަޝްރޫޢުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަޙައްދު ގުޅުވާލުން ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ. އަދި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މަތި ކޮމަންޑޫ ހިއްކާ، ކޮމަންޑޫއާއި ގުޅާލުމުގެ މަސައްކަތަކީ، ކޮމަންޑޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.

މަތި ކޮމަންޑޫ ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، ދެކޮމަންޑޫ ގުޅާލުމަށް ހަދާ ބްރިޖްގެ މަސައްކަތްވެސް އޯގަސްޓް މަހު ފެށުމަށް އެމް.ޓީ.ސީ.ސީން ދަނީ ތައްޔާރުވަމުންނެވެ. ދެކޮމަންޑޫ ގުޅާލުމަށް 200 މީޓަރުގެ ބްރިޖެއް ތަރައްޤީކުރުމަށްވަނީ ނިންމާފައެވެ. އަދި މަސައްކަތް 6 މަސްތެރޭގައި ނިންމުމަށް އެމް.ޓީ.ސީ.ސީން ވަނީ ކަނޑައަޅާފައެވެ.

ކޮމަންޑޫ ރައްޔިތުންގެ އޮތް އެންމެ ބޮޑު އެދުމަކީ، އެރަށަށް ކުރިމަތިވެފައިވާ ބިމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމެވެ. އެތައް ޢާއިލާއެއް އެއްގެއެއްގެ ތެރޭގައި ދިރިއުޅެން ޖެހުމުގެ ސަބަބުން އިޖުތިމާޢީ އެތައް މައްސަލަތަކަކާއި ކޮމަންޑޫ ރައްޔިތުން ވަނީ ކުރިމަތިލާންޖެހިފައެވެ. އެހެންކަމުން ބިން ހިއްކާ ނިމުމާއެކު ރަށުގެ ލޭންޑް ޔޫސްޕްލޭން އެކުލަވާލާ، ބިން ދޫކުރުމަށް ކައުންސިލުން ވަނީ ނިންމަވާފައެވެ.

މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ 249.90 މިލިޔަން ރުފިޔާ ޚަރަދުކުރައްވައިގެނެވެ.