ޚަބަރު

ހުޅުމާލޭގައި ފުޅަނދުތައް ދައްކާލުން އޮންނާނީ މިރޭ


  • ފުޅަނދުތައް ދައްކާލުން އޮންނާނީ މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި

  • މާދަމާ ހަވީރު އަދި މާދަމާރޭވެސް ފުޅަނދުތައް ދައްކާލުން އޮންނާނެ

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދިޔަ ފުޅަނދުބުރުގައި ބައިވެރިވި ފުޅަނދުތައް ދައްކާލުން ހުޅުމާލޭގައި މިރޭ އޮންނާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މާލޭގައި ރޭ ކުރިއަށްދިޔަ ފުޅަނދުބުރުގެ ފުޅަނދުތައް ހުޅުމާލޭގައި ދައްކާލަން ބެހެއްޓުމަށް ކުރިން ހަމަޖެހިފައި އޮތީ މިއަދު ހަވީރުއެވެ.

ފުޅަނދު އިންތިޒާމް ކުރައްވާ ހޯމް މިނިސްްޓްރީން ވިދާޅުވީ ފުޅަނދުތައް ދައްކާލަށް މިހާރު ހަމަޖެހިފައި އޮތީ މިރޭ 8:30ގައި ސެންޓްރަލް ޕާކުގައިކަމަށެވެ. އަދި މާދަމާ ހަވީރާއި މާދަމާރޭވެސް ފުޅަނދުތައް ދައްކާލުން ހުޅުމާލޭގައި ކުރިއަށްދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިވަން ދުވަހާއި ގުޅުވައިގެން މީގެ އެތައް އަހަރެއް ކުރިން ފެށިގެން ސަރުކާރުން މާލޭގައި ބާއްވަވަމުން އަންނަ ފުޅަނދުބުރުގައި މިއަހަރު ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ހިމެނޭހެން 8 އިދާރާއަކުން ޖުމްލަ 15 ފުޅަނދު ބައިވެރިވިއެވެ..

މި ފުޅަނދުބުރުގައި ބައިވެރިކުރި ފުޅަނދުތަކުގެ ތެރޭގައި އާއްމުންގެ ސަމާލުކަން ލިބޭފަދަ ތަފާތު ފުޅަނދުތައް ހިމެނެއެވެ. އަދި ކުޑަކުދިންނާއި ގުޅޭ ތަފާތު ފުޅަނދުތައްވެސް ފުޅަނދުބުރުން ފެނިގެންދިޔައެވެ. އެކި ކުލަތަކުން ދިއްލާލާފައި ފުޅަނދުތައް މާލޭގެ އެކި ސަރަހައްދުތަކުން ދަތުރުކުރާމުންދިޔައިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ހިތްގާއިމު މަންޒަރު ބަލާލުމަށް މަގުތަކަށް ނިކުމެފައެވެ.