ޚަބަރު

އިންޑޮނީޝިޔާގައި މައިނެއްގައި ތާށިވި އަށް މީހުން ސަލާމަތް ކުރަން މަސައްކަތް ކުރަނީ


އިންޑޮނީޝިޔާގެ ޖާވާގައި މެދުތެރޭ ހިސާބެއްގައި އޮންނަ މައިނެއްގައި ތާށިވި އަށް މީހުން ސަލާމަތް ކުރަން މަސައްކަތް ކުރަމުން އެބަދެއެވެ. އެ މީހުން ތާށިވެފައިވާ މައިން އޮންނަނީ ޖާވާގެ ޕަންޗުރަންދަންގް އަވަށުގައެވެ. އިންޑޮނީޝިޔާއަކީ ރަސްމީ ހުއްދަތެއް ނެތި ގިނަ ޢަދަދެއްގެ މައިންތަކެއް ޤަވާޢިދާ ޚިލާފަށް ހިންގާ ޤައުމެކެވެ. އަށް މީހަކު ތާށިވެފައި ވަނީ ޤަވާޢިދާ ޚިލާފަށް ހިންގާ ރަން ނަގާ މައިނެއްގައި ކަމަށް ޖާވާގެ އޮފިޝަލުން ވިދާޅުވެއެވެ.

އިންޑޮނީޝިޔާގައި ޤަވާޢިދާ ޚިލާފަށް ހިންގާ ގިނަ މައިންތަކަކީ ސަލާމަތާއި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާފައިވާ ތަންތަން ނޫން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިއީ، އިންޑޮނީޝިޔާއަށް ޚާއްޞަ ކަމެއް ނޫން ކަން ފާހަގަކުރެއެވެ. ދެކުނުއިރުމަތީ އޭޝިޔާގެ ގިނަ ޤައުމުތަކުގައި ޤަވާޢިދާ ޚިލާފަށް ހިންގާ މައިންތަކުގައި ސަލާމަތާއި ރައްކާތެރި ކަމުގެ ފިޔަވަޅުތައް ގާއިމުކޮށްފައެއް ނުހުރެއެވެ.

ޖާވާގެ އޮފިޝަލުން ވިދާޅުވީ ޕަންޗުރަންދަންގުގެ މައިނެއްގެ އަށް މީހުން ތާށިވީ 200 ފޫޓު ފުން ވަޅެއް ކޮންނަމުން ދިޔަ ވަގުތުގައި މައިންގެ ތެރޭގައި ކުއްލިއަކަށް ފެންބޮޑުވުމާ ގުޅިގެން ކަމުގައެވެ. މައިންގެ ތެރެއިން އޮކްސިޖަން ހުސްވަމުންދާ ކަމަށާއި، އެ ތަނުގެ ތެރޭގައި ތާށިވެފައިވާ މީހުން ދިރިތިއްބާ ސަލާމަތް ކުރެވޭނަ ކަމުގެ އުންމީދު ފަނޑުވަމުންދާ ކަމުގައި ވެސް ޖާވާގެ ފުލުހުންގެ އިސް އޮފިޝަލެއް ކަމުގައިވާ އެޑި ސުރާންތާ ސިތޭޕޫ ވިދާޅުވެއެވެ.

މައިންގެ ތެރޭގައި ބޮޑުވެފައިވާ ފެންގަނޑު ހިންދަން ބޮޑެތި ޕަމްޕުތަކެއް ބޭނުންކޮށްގެން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، ފެން ހިންދަން ކުރަމުންދާ މަސައްކަތްތައް ފޭލުވެއްޖެ ނަމަ މައިންގެ ތެރެއަށް ޑައިވަރުން ފޮނުވަން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އިންޑޮނީޝިޔާގައި ހިންގާ މައިންތަކުގައި ވަރަށް ގިނައިން ހިތާމަވެރި ހާދިސާތައް ހިނގާ ކަން ފާހަގަކުރެވެއެވެ. 2021 ވަނަ އަހަރު ސުލަވެސީގައި ހުންނަ މައިނެއްގައި ބާރުގަދަ އެއްޗެއް ގޮވައި، މައިންގެ ތެރޭގައި ތިބި ހަ މީހުން މަރުވިއެވެ. 2019 ވަނަ އަހަރު ހިނގި އެހެން ހާދިސާއެއްގައި 16 މީހުން މަރުވެ، ގިނަ ޢަދަދެއްގެ ބަޔަކު މައިންގެ ތެރޭގައި ތާށިވިއެވެ. އަދި، 2016 ވަނަ އަހަރު މައިނެއް ހުންނަ ސަރަޙައްދެއްގެ ބިންގަނޑު ކެނޑި، މައިންގެ ތެރެއަށް ކިސަޑު ފޭބުމާ ގުޅިގެން 11 މީހުން މަރުވިއެވެ. އެ ހާދިސާ ހިނގާފައި ވަނީ ސުމާތްރާގެ ޖަމްބީ ޕުރޮވިންސުގައެވެ.