ޚަބަރު

އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގައި ރާއްޖެއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި: އައްބާސް ފާއިޒު


  • ރާއްޖެއަށް ތައުރީފްކުރީ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައި

  • އައްބާސް ވަނީ ރާއްޖެއިން ހޯދަމުންދާ ކާމިޔާބީތަކަށް ތައުރީފްކުރައްވާފައި

އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގައި ރާއްޖެއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށް އިންސާނީ ޙައްޤުތަކުގެ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ އައްބާސް ފާއިޒު ވިދާޅުވެއްޖެއެވެ.

އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާޢީ، ސަޤާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރައްވާ ކަމާގުޅޭ ޚާއްޞަ މާހިރެކެވެ. އަދި، އޭނާއަކީ ދެކުނު އޭޝިޔާ ބައްރުގެ ޤައުމުތަކުގެ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތްކުރައްވައި، ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބުގައި ދިވެހިންނަށް ތަހުނިޔާ ފޮނުއްވައި، ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު އޮތް ގޮތާއި ގުޅޭގޮތުން އެމްނެސްޓީން މީގެ 20 އަހަރު ކުރިން ރިޕޯޓެއް ނެރުނު ފަހުން ރާއްޖެއިން ބޮޑެތި ކުރިއެެރުންތަކެއް ހޯދާފައިވާކަމަށެވެ. އަދި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީން ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް އެ ގޮތުގައި ދެމެެހެއްޓުމަށްވެސް ރާއްޖެއިން ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާކަން އައްބާސް ފާހަގަކުރެއްވިއެވެ.

އައްބާސް ފާއިޒަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެސެކްސްގައި 2017 ވަނަ އަހަރުން ފެށިގެން ޤާނޫނީ ލެކްޗަރަރއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގައި ރާއްޖެއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށް އައްބާސް ފާއިޒުގެ އިތުރުން ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ކަމާއި ބެހޭ ދާއިރާގެ ބޭފުޅުންވެސް ދަނީ ފާހަގަކުރައްވަމުންނެވެ. މިގޮތުން ޑިމޮކްރަސީ ކުރިއަރުވައި، ކޮރަޕްޝަން ނައްތާލާއި، އަސާސީ ހައްގުތައް ކަށަވަރުކުރުމުގައި ސަރަހައްދީގޮތުންވެސް ރާއްޖެއަކީ ނަމޫނާ ޤައުމެއްކަމަށް ކަމާބެހޭ ފަރާތްތަކުން ނެރޭ ރިޕޯޓްތަކުގައި ފާހަގަކުރައްވާފައިވެއެެވެ.