ޚަބަރު

އޭދަފުށީ ބަނދަރުގެ މަސައްކަތް ނޮވެމްބަރުމަހު ފެށުމަށް އަންނަނީ ތައްޔާރުވަމުން: އެމްޓީސީސީ


  • މިޙާރު އޮތީ އަމިއްލަ ފަރާތަކުން ހަދައިދީފައި އޮތް ބަނދަރެއް

  • ބަނދަރުގެ ބޮޑުމިނަކީ 900 ފޫޓް 250 ފޫޓް

  • އާ ބަނދަރުގެ މަސައްކަތް ނޮވެމްބަރުގައި ފެށުމަށް އަންނަނީ ތައްޔާރުވަމުން

އޭދަފުށީ ބަނދަރުގެ އަމަލީ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުފެށުމަށް އެމްޓީސީސީން ތައްޔާރުވަމުން އަންނަކަމަށް އެކުންފުނިން ބުނެފިއެވެ. އޭދަފުށީގައި އެމްޓީސީސީން ކުރިއަށްގެންދާ މަސައްކަތްތައް ބަލާލުމަށް ކުރެއްވި ދަތުރުގެ ތެރެއިން މީޑިއަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ބަނދަރުގެ މަސައްކަތް އަވަހަށް ފެށުމަށް ކައުންސިލާއެކު މަޝްވަރާތަކެއް ކުރައްވާފައިވާކަމަށެވެ.

މީގެ 30 އަހަރު ކުރިން އޭދަފުށީ ރައްޔިތުންގެ ބުރަ މަސައްކަތުން ތަރައްޤީ ކުރި ބަނދަރު، ފުރި ބަނދަރު ބޭނުން ކުރުމުގައި އެކިކަހަލަ ގޮންޖެހުންތަކާ އައީ ކުރިމަތިވަމުންނެވެ. އަތޮޅުގެ ވިޔަފާރީގެ މައިހަބެއްގެ ގޮތުގައި އޮންނަ އޭދަފުށީ ބަނދަރަކީ އަތޮޅުގެ އެހެން ރަށްރަށުން އެތައް އުޅަނދެއް ވަދެ ނުކުމެ ހަދާ ބަނދަރެކެވެ. ވިޔަފާރި މުދާ އަރުވާ ބޭލުމަށް ވަކި ސަރަހައްދެއް ކަނޑައެޅިފައި ނެތީވެސް މިދެންނެވި ބަނދަރުގެ ޖާގަ ނެތުމުންނެވެ.

ރަށު ރައްޔިތުންގެ އުޅަނދުތަކުން މުޅި ބަނދަރު ފުރިފައި އޮތުމުން މީހުން އަރާފޭބުމަށް ބޭނުން ކުރާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ ފާލަމުގެ ދެ ފަރާތެވެ. އުޅަނދުތައް އައިސް މަޑު ކުރާނެ ވަކި ސަރަހައްދެއް މި ބަނދަރަކު ނޯވެއެވެ. މަސްވެރިން މަސް ބޭލުމަށް ސަރަހައްދެއް ކަނޑައާޅާފައި އޮތަސް އެސަރަހައްދުވެސް އޮންނަނީ އޮޑިދޯނިފަހަރުން ފުރާލާފައެވެ. ގާތްގަނޑަކަށް 900 ފޫޓް ދިގު 250 ފޫޓް ފުޅާ މި ބަނދަރުގެ ބޭނުން އެންމެ އެެދެވޭ ގޮތެއްގައި ނުކުރެވުމަކީ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެވެ.


ސުނާމީގައި ބަނދަރު އެއްކޮށް ހަލާކުވުމުން މިހާރު އޮތް ބަނދަރަކީ އަމިއްލަ ފަރާތަކުން ހަދާދީފައި އޮތް ބަނދަރެކެވެ. އެރަށު ކައުންސިލްގެ މެންބަރު ޒައިދު އަލީ ވިދާޅުވީ އާ ބަނދަރުގެ މަސައްކަތް ފެށުމަށް ކައުންސިލުން ދޭންޖެހޭ ހުރިހާއެއްބާރުލުމެއް ދެއްވަމުން ގެންދަވާކަމަށެވެ.

މި ދެންނެވި ގިނަ ސަބަބުތަކާ ހުރެ އޭދަފުށީގައި އިތުރު ބަނދަރެއް ތަަރައްޤީ ކުރުމަށް އެރަށު ކައުންސިލުން ދިޔައީ ސަރުކާރުގައި އެދެމުންނެވެ. އެކަމަށް ހައްލުގެންނާނެ ކަމުގެ ފެހި ސިގުނަލް މިހާރުވަނީ އެރަށު މީހުންނަށް ލިބިފައެވެ. މިސަރުކާރުން އެރަށުގައި ބަނދަރެއް ތަރައްޤީ ކުރުމަށް އެމްޓީސީސީ ހަވާލުކުރެއްވީ މިދިޔަ ޖޫންމަހުއެވެ. މި ބަނދަރުގެ މަސައްކަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ބަނދަރު ތަރައްޤީ ކުރުމަށް ކައުންސިލާއި މަޝްވަރާކުރައްވައި ވީއެންމެ އަވަހަކަށް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

"އީއައިއޭގެ މަސައްކަތް ނިމުމުން ބަނދަރުގެ މަސައްކަތް ފެށޭނެ. އެއީ މުޅިން އަލަށް ހަދާ ބަނދަރެއްވުމުން އެހާ ގިނަ މުއްދަތެއް ނަގަނީ އެހެންނަމަވެސް އެކަންކަން އަވަސް ކުރުމަށްވެސް މިދަނީ މަސައްކަތް ކުރަމުން. އަދި ނޮވެމްބަރުގެ ކުރިންވެސް މަސައްކަތް ފެށިދާނެ މިމަސައްކަތްތައް ނިމިއްޖެނަމަ" އާޒިމް ވިދާޅުވިއެވެ

ރަށުގެ ހުޅަނގުފަރާތުގައި ތަރައްޤީ ކުރާ މިބަނދަރުގެ މަސައްކަތްތަކަށް ބަލާއިރު، 303 މީޓަރުގެ އެއްގަމު ތޮށިލުމާ 371 މީޓަރުގެ ބޮޑުހިލަ ރިވެޓްމެންޓާއި 18 މީޓަރުގެ ކޮންކްރީޓް ބުރިޖާއި، 119 މީޓަރުގެ ބޮޑު ހިލަ ބޭރުތޮއްޓާއި، 63 މީޓަރުގެ ނެރުފައިކަށި، 5490 އަކަ މީޓަރުގެ ސަރަހައްދެއް ހިއްކުމާއި، ވާޓަރުގައި ރޭމްޕެއް ހިމެނުމާއި، ވާޓަރާއި އިންވެގެން ޕޭވްމެންޓަކާއި ބަނދަރު ބައްތި އަދި ނެރު ބައްތި ގާއިމް ކުރުން ހިމެނެއެވެ.

މި މަޝްރޫއަކީ 64.67 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރައްވާފައިވާ މަޝްރޫއެކެވެ.