ޚަބަރު

ދަރަވަންދޫ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި


  • ދަރަވަންދޫ އަކީ ރާއްޖޭގައި އޮތް އެންމެ ބިޒީ ޑޮމެސްޓިކް އެއަރޕޯޓް އޮތްރަށް

  • ދުވާލަކު އެތައް އުޅަނދެއް ބަނދަރުގެ ބޭނުން ކުރޭ

ބ. ދަރަވަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް އެރަށުގައި ކުރަނީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓް ކޮމްޕެނީ، އެމް.ޓީ.ސީ.ސީ އިންނެވެ. އެކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތްކަމަށެވެ.

ބ. ދަރަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރެއްވީ މިއަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން، 30,504 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1843 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 4126 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ރޭމްޕް އޭރިއާ ފުންކުރުންހިމެނެއެވެ.

މީގެ އިތުރުން 2301 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 352 މީޓަރުގެ ސަރަަޙައެއްގައި ބޭރުތޮށި ލުމާއި، 83 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 24 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 140 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 2104 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ދަރަވަންދޫ ބަނދަރުގެ މަސައްކަތް ހިނގާގޮތް ބަލާލުމަށާ، ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ކުރެއްވި ދަތުރު ފުޅަށްފަހު މީޑިއާ މައުލޫމާތުދެމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މި މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވެނޭކަމަށެވެ. މި ބަނދަރުގައި މިހާރު ކުރަމުންދަނީ ކީވޯލް ޖެހުމަށް ބޭނުންވާ ސަރަހައްދު ފުންކުރުމުގެ މަސައްކަތެވެ.

އާޒިމް ވިދާޅުވީ، އެންމެ ފުރަތަމަ އެ މަސައްކަތް ފެށީ ދަރަވަންދޫ ބަނދަރަކީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ އުޅަނދުތައް ވަދެ ނުކުމެ ހަދާ ބަނދަރަކަށްވުމުން، އެ ބަނދަރު ބޭނުންކުރާފަރާތްތަކަށް ދަތި ނުވާނެގޮތްހެދުމަށްކަމަށެވެ.

"ބަނދަރުގެ މަސައްކަތް ފެށީ މިއަދު. ރައްޔިތުން ބޭނުންވާ ގޮތައް ގުޅިގެން މަސައްކަތްކޮށް އަންނަ އަހަރުގެ އޯގަސްޓްމަހަށް މަސައްކަތް ނިންމާލެވޭނެކަމަށް މިބަލަނީ ބަނދަރު މަރާމާތުކޮށް ބޮޑު ކުރާއިރު ވީހާވެސް ބޮޑަށް ބަލާނީ ބަނދަރު ބޭނުންކުރާ މީހުންނަށް ދަތިނުވާނެހެން ކުރިއަށްގެންދެވޭތޯ" އާޒިމް ވިދާޅުވިއެވެ.

ބ. އެއަތޮޅުގެ މައި ދޮރާށީގެ ގޮތުގައި އޮންނަ ދަރަވަންދޫ ބަނދަރަކީ އެތައް ހާސް ފަތުރުވެރިންނަށާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމަށާއި، އެރަށު މީހުންގެ އޮޑިފަހަރު އެޅުމަށް ފަޅު ކުޑަވުމުގެ ސަބަބުން އެއް އުޅަނދުން އަނެއް އުޅަނދަށް މީހުން އަރުވާ ބޭލުމަކީ އެއަރޕޯޓް ބިޒީ ދުވަސްތަކުގައި ބަނދަރު ބޭނުންކުރާ ގޮތެވެ.

ދުވާލެއްގެ މައްޗައް މަދުވެގެން 8 ފްލައިޓް އަންނަ ވައިގެ ބަނދަރެއް އޮންނަ މިރަށުގެ ބަނދަރު ކުޑަނަމަވެސް ފަތުރުވެރިންނަށާއި އެއަރޕޯޓްގެ ބޭނުން ކުރުމަށް އަންނަ މީހުންގެ އުޅަނދުތައް އެޅުމަށާއި، އަރާ ފޭބުމަށް ތަންކޮޅެއް ކަނޑައަޅާފައި އޮވެއެވެ. ބަނދަރު ބޭނުން ކުރާ އަދަދަށް ބަލާނަމަ އެއީ ވަރަށް ކުޑަ ސަރަހައްދެކެވެ. ނަމަވެސް އެއަށްވުރެ ބޮޑުކޮށް ބަނދަރުން ޖާގަދީފިނަމަ ރައްޔިތުންގެ އުޅަނދުތައް އެޅުމަށް ދަތިތަކާ ކުރިމަތިވާނެކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.

އެރަށު ކައުންސިލްގެ މެންބަރު ފަރަހަ އާދަމް ވިދާޅުވީ، ބަނދަރުގެ ޖާގަކުޑަވުމުން ބަނދަރު ބޭނުންކުރާ މީހުންގެ ޝަކުވާ ކައުންސިލަށް ލިބޭކަމަށާ، ބަނދަރުބޮޑުކޮށްގެން ނޫންގޮތަކަށް އެކަމަށް ހައްލު ނާންނާނެކަމަށެވެ.

"ބަނދަރުގެ ޖާގަ ކުޑަވުމަކީ ބޭނުން ކުރާމީހުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުން ރަށުގެ އުޅަނދުތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން، ބަނދަރުބޮޑުކޮށްގެން ނޫންގޮތަކަށް ހައްލެއްނުލިބޭނެ" ފަރަހަ އާދަމް ވިދާޅުވިއެވެ.

ދަރަވަންދޫގައި މިހާރު އޮތް ބަނދަރަކީ މީގެ 20 އަހަރުކުރިން ތަރައްޤީކުރި ބަނދަރެކެވެ. އެބަނދަރަކީ 700 ފޫޓް ދިގު 290 ފޫޓް ފުޅާ ބަނދަރެކެވެ. ބ. އަތޮޅުގެ 16 ރިސޯޓަކާ ރ. އަތޮޅުގެ ބައެއް ރިސޯޓްތަކުގެ ބޮޑެތި ލޯންޗްފަހަރު ކައިރިކޮށް ފަތުރުވެރިން އަރުވާ ބާލައެވެ. އެރަށު ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫޢު އެމްޓީސީސީ އާ ހަވާލުކުރީ 55.48 މިލިއަން ރުފިޔާއަށެވެ.