ކުރީގެ ރައީސް، ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިންތިޚާބީ ހައްޤުތައް ގެއްލިފައިވާކަމަށް ވިދާޅުވެ، އެ ހައްގުތައް ކަށަވަރުކޮށްދެއްވުން އެދި އެމަނިކުފާނު ފަރާތުން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ރައީސް ޔާމީންގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ރޭގެ ވަގުތެއްގައެވެ.
ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައާމެދު ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވި ނިންމުމުގައި ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހަޅާފައި ވިޔަސް، އެއީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިޢުނާފީ މައްސަލަތައް ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތަކެއް އަސާސީ ޙައްޤުތަކާއި އިންތިޚާބީ ޙައްޤުތަކަށް ހުރަސް އެޅެމުންދާތީ އެޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި ކަމަށެވެ.
ރައީސް ޔާމީންގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހަޅުއްވާފައި މިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ދަނޑިވަޅެއްގައެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވާފައިވީ ނަމަވެސް ވ.އާރަށް ކުއްޔަށް ދިނުމުގައި ރިިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގ ދައުވާ ސާބިތުވެ، އެމަނިކުފާނު ތަންފީޒުކުރަމުންދާ ހުކުމުގެ ސަބަބުން ރިޔާސީ އިންތިހާބަށް އެމަނިކުފާނުގެ ކެނޑިޑަސީ ބަލައިގަންނާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
ރައީސް ޔާމީންގެ ކެނޑިޑަސީގެ މައްސަލައިގައ އިލެކްޝަންސް ކޮމިޝަނުންވެސް ސާފުކޮށް ވަކި އެއްޗެއް މިހާތަނަށް ވިދާޅެއްނުވެއެވެ. އަދި ރައީސް ޔާމީން އިންތިހާބުގައި ވާދަކުރެއްވުމަށް ފުރުސަތު ދެއްވުމާއިމެދު ގޮތެއް ނިންމާނީ، ރިޔާސީ ކެނޑިޑޭޓުންގެ ކެނޑިޑަސީއާމެދު އެންމެފަހުގެ ނިންމުން ނިންމަވާ ސުޕްރީމް ކޯޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ބައެއް އޮފިޝަލުން ވަނީ މީގެކުރިން ވިދާޅުވެފައެވެ.