ޚަބަރު

125 އަށްވުރެ ގިނަ މެމްބަރުން ހިމެނޭ ނެކްސިއާގެ މެމްބަރުކަން ރާއްޖޭގެ އެފްޖޭއެސްއަށް


  • އެފްޖޭއެސްއަކީ ރާއްޖޭގައި އޮޑިޓްކުރުމާއި އަދި ވިޔަފާރި ކުރިއެރުވުމަށް ލަފާދޭ ކުންފުންޏެއް

  • ނެކްސިއާ އިންޓަރނޭޝަނަލްއަކީ 270 އަށްވުރެ ގިނަ މެމްބަރުން ހިމެނޭ ވިއުގައެއް

މިނިވަން އެކައުންޓިންގ އަދި ކޮންސަލްޓިންގ ކުންފުނިތަކުގެ ބައިނަލްއަޤްވާމީ ވިއުގައެއް ކަމަށްވާ ނެކްސިއާ އިންޓަރނޭޝަނަލްގެ މެމްބަރުކަން، ރާއްޖޭގެ ކުންފުންނެއްކަމަށްވާ އެފްޖޭއެސްއަށް ލިބިއްޖެއެވެ.

ރާއްޖޭގެ ވިޔަފާރިތަކަށް އޮޑިޓް އަދި ކޮންސަލްޓިންގ ހިދުމަތް ފޯރުކޮށްދޭ އެފްޖޭއެސްއިން ބުނީ ނެކްސިއާއާއެކު ޤާއިމްކުރި ގުޅުމުގެ ސަބަބުން އެފްޖޭއެސްއިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދޭ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެކަމަށެވެ.

ނެކްސިއާ އިންޓަރނޭޝަނަލްއަކީ 270 އަށްވުރެ ގިނަ މެމްބަރު ކުންފުނި އެކުލެވިގެން 125 އަށްވުރެ ގިނަ ޤައުމުގައި ހަރަކާތްތެރިވާ ވިއުގައެކެވެ.

އެފްޖޭއެސްގެ މެނޭޖިންގ ޕާޓްނަރ ފަރީހާ ޝަރީފް ވިދާޅުވީ ނެކްސިއާއާއެކު ޤާއިމްކުރި ޕާޓްނަރޝިޕަކީ ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމެއްކަމަށެވެ.

"ޕްރޮފެޝަނަލް ޚިދުމަތްތަކުގެ ދާއިރާއިން ދުނިޔޭގެ ލީޑަރެއް ކަމަށްވާ ނެކްސިއާގެ ޤައުމަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިޕާޓްނަރޝިޕަކީ ނެކްސިއާގެ ގްލޯބަލް އެކްސްޕަޓީސް ހޯދުމުގެ ފުރުސަތު ހިމެނޭ ގޮތަށް ގިނަ ފުރުސަތުތަކެއް ގެނެސްދޭނެ ޕާޓްނަރޝިޕެއް" އެފްޖޭއެސްގެ މެނޭޖިންގ ޕާޓްނަރ ފަރީހާ ޝަރީފް ވިދާޅުވިއެވެ.

ފަރީހާ ވިދާޅުވީ މިއީ ވިޔަފާރިގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި މިފިލާވަޅާއެކު އެފްޖޭއެސްގެ ކުރިމަގު މިހާރަށްވުރެ އުޖާލާވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ފަރީހާ ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖެއަކީ ދުނިޔޭގެ މަތިފެންވަރުގެ ފަތުރުވެރިކަމުގެ މަންޒިލަކާއި ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް ވަކާލާތުކުރާ ޤައުމަކަށްވުމުން އީއެސްޖީގެ ކުރީ ސަފުގައި އެހެން މެމްބަރުންނާއިއެކު މަސައްކަތްކުރާނެކަމަށްވެސް ފަރީހާ ވިދާޅުވިއެވެ.

ނެކްސިއާ އިންޓަރނޭޝަނަލް މެމްބަރެއްގެ ގޮތުން އެ ވިއުގައިގެ މަޢުލޫމާތާއި، ތަޖުރިބާ ހިއްސާކުރުމަށް ފަރުމާކުރެވިފައިވާ އެކިއެކި ކަންކަން އެފްޖޭއެސްއަށް ފަހިވެގެންދާނެއެވެ. އަދި މިދާއިރާއާއި ގުޅުންހުރި އެކިއެކި ބައިނަލްއަޤްވާމީ ބައްދަލުވުންތަކަށްވެސް ފުރުސަތު ލިބިގެންދާނެކަމަށާއި މީގެ އިތުރުން އުނގެނުމާއި މުވައްޒަފުންގެ ފެންވަރު މަތިކުރުމަށްވެސް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެކަމަށް އެފްޖޭއެސްއިން ބުނެއެވެ.

އެފްޖޭއެސްއަކީ 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އޮޑިޓްކުރުމާއި އަދި ވިޔަފާރި ކުރިއަރުވާ ފުޅާކުރުމަށް ލަފާދިނުމުގައި ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެވެ.