ކުރިއަރ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ 7 ޖުލައި 2023 ވަނަ ދުވަހު ކުރިއަރ ސާރވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ.
މިޕެކޭޖް ބަލާ ފާސްކުރިއިރު ޕެކޭޖް ތެރޭގައި އޮތް 2 ޕެކެޓެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone) އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.
މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 2020 ގުރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 3.6 މިލިއަން ދިވެހި ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ކަސްޓަމްސްއިން ހާމަކުރެއެވެ.
މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައިވާ ކަމަށްވެސް ކަސްޓަމްސްއިން ހާމަކުރެއެވެ.