ގްރޭޓަރ މާލެ ހިމެނޭ ސަރަހައްދުގެ ތެރެއިން މާލެ އާއި ހުޅުމާލޭގައި ޓްރެފިކް ލައިޓް ބަހައްޓައިގެން ޓްރެފިކް މައްސަލަ ހައްލު ކުރަންޖެހޭ ސަރަހައްދުތައް ދެނެގަތުމަށް މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ބްރިޖްގެ ޓްރެފިކް މައްސަލަ ހައްލު ކުރުމަށް ކުރިން ބޭނުންކުރި ލައިޓްތައް ނަގާ މިހާރު ބޭނުންކުރަނީ އެރޯ ޓްރެފިކް ލައިޓްއެވެ.
ފުލުހުންގެ ރޯޑް އިންޖިނިއަރިން ޔުނިޓް ބަލަހައްޓަވާ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިލިޔާސް ޢަބްދުﷲ ވިދާޅުވީ، މިހާރު ޓްރެފިކް ލައިޓް ބަހައްޓައިގެން ބަލަހައްޓަމުން އަންނީ ހަމައެކަނި ބްރިޖް ހިމެނޭ ސަރަހައްދު އެކަނިކަމަށެވެ. އެހެންނަމަވެސް ބްރިޖް ހައިވޭއާއި ދޭތެރޭގައިވެސް އިތުރު ޓްރެފިކް ލައިޓް ހަރުކުރަންޖެހޭތޯ ބަލަމުންދާކަމަށް އިލިޔާސް އަބްދުﷲ ވިދާޅުވިއެވެ.
"ފޭސް އެކެއް ނުވަތަ ފޭސް ދޭކުންވެސް ޓްރެފިކް ބާރުބޮޑުވާ ސަރަހައްދެއް އޮތްތޯ ބަލަމުންމިދަނީ އެކަހަލަކަމެއް ފާހަގަކުރެވިއްޖެނަމަ އެސަރަހައްދުގައި ޓްރެފިކް ލައިޓްތައް ޖެހުމުގެ މަސައްކަތް ގުޅުންހުރި ޑިޕާޓްމަންޓްތަކާ ގުޅިގެން ކުރާނަން." އިލިޔާސް އަބްދުﷲ ވިދާޅުވިއެވެ.
އެރޯ ޓްރެފިކް ލައިޓަކީ ދާންޖެހޭ ކޮޅު ގަޑިއާ އެކު ތީރަކުން ފެންނަގޮތަށް ހުންނަ ލައިޓްތަކެކެވެ. ބްރިޖްގައި އެރޯ ޓްރެފިކް ލައިޓް ޖަހާފައި މިހާރު ހުރީ ބޮޑުތަކުރުފާނު މަގުން ބްރިޖަށް އަރާ ދެފަރާތު މަގުގައާއި، ބްރިޖާއި އެއަރޕޯޓް ގުޅޭ ސަރަހައްދުގެމަގުގައެވެ. އެރޯ ޓްރެފިކް ލައިޓަށް ބަދަލު ކުރުމުން ފުލުހުންނަށް އެސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ފަސޭހަތަކެއް ވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
އަދި މިކަމުގެ ސަބަބުން ދުއްވާ ފަރާތްތަކުގެ ރައްކާތެރިކަން އިތުރުވާނޭ ކަމަށް ފުލުހުން ވިދާޅުވެއެވެ. މިލައިޓް ގައި މަޑު ކުރުމަށާއި، ދުއްވުމަށް 80 ސިކުންތުގެ ވަގުތެއް ވަނީ ކަނޑައަޅާފައެވެ. އަދި ދެލައިޓެއް ޖެހޭ ވަގުތުގައި ތިން ސިކުންތުގެ ވަގުތުކޮޅެއް އިންނާނެއެވެ. އެގޮތަށް ވަގުތުކޮޅެއްދެނީ ދުއްވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ބޭނުމުގައެވެ.