ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ހުޅަނގު އައްސޭރިއަށް އަރައި ހިންގި ލާއިންސާނީ އުދުވާންތަކެއްގައި ފަލަސްޠީނުގެ މީހަކު ޝަހީދުކޮށްލައި، އިތުރު ހަތަރު މީހުން ޒަޚަމުކޮށްލައިފިއެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ފަތިހުގެ ވަގުތު ހުޅަނގު އައްސޭރީގެ ނާބުލުސްއަށް އަރައި ޔަހޫދީ ޖައްބާރު އަސްކަރިއްޔާގެ ޓެރެރިސްޓު ސިފައިން ހިންގި އުދުވާންތަކުގައި ބަޑިން ހަމަލަދީ އެކަކު ޝަހީދުކޮށްލާފައިވާ ކަމުގައެވެ.
ފަލަސްޠީނުގެ ރެޑް ކްރެސެންޓުން ބުނީ ޔަހޫދީ ޓެރެރިސްޓު ސިފައިންގެ އުދުވާނުގައި ހަތަރު މީހުން ޒަޚަމުކޮށްލާފައިވާއިރު އެ އެންމެންގެ ހަށިގަނޑަށް ވެސް ވަޒަން އަރާފައިވާ ކަމުގައެވެ. އަދި، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިޔަސް ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުންޏެވެ. މި އުދުވާންތަކުގައި ޝަހީދުކޮށްލާފައި ވަނީ 19 އަހަރުގެ ބާދަރު އަލް-މަޞްރީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔަހޫދީ ޖައްބާރު ސިފައިން ނާބުލުސްއަށް ވަނުމާ އެކު ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުންގެ ޖަމާޢަތްތަކުން ވަނީ އެ މީހުންނާ ކުރިމަތިލާފައެވެ. އިސްލާމިކް ޖިހާދުގެ ހަތިޔާރު އެޅި ގޮފި އަލް-ޤުދުސް ބްރިގޭޑުން ބުނީ އެ ޖަމާޢަތުގެ މުޖާހިދުން ޔަހޫދީ ސިފައިންނާ ހަނގުރާމަ ކުރަމުންދާ ކަމުގައެވެ.
މި މަހުގެ ކުރީކޮޅު ޔަހޫދީ ޓެރެރިސްޓު ސިފައިން ވަނީ ހުޅަނގު އައްސޭރީގެ ޖިނީން ރެފިއުޖީ ކޭމްޕުގައި ވެސް ލާއިންސާނީ ޖަރީމާތަކެއް ހިންގައި، ފަލަސްޠީނުގެ 12 މީހުން ޝަހީދުކޮށްލާފައެވެ. އެ މީހުން ޖިނީނަށް އަރާފައި ވަނީ ބަރުހަތިޔާރާއި އަސްކަރީ ޑްރޯންތަކާއި ހެލިކޮޕްޓަރުތަކާ އެކުގައެވެ. އެ އުދުވާންތަކުގައި ރެފިއުޖީ ކޭމްޕުގެ ބޮޑު ބައެއް ވަނީ ސުންނާފަތިކޮށްލާފައެވެ. އެ އުދުވާންތަކުގައި 100 އަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލާފައިވާއިރު، ޖަރީމާތަކާ ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ޖިނީން ދޫކޮށް ހުޅަނގު އައްސޭރީގެ އެހެން ސަރަޙައްދުތަކަށް ހިޖުރަކޮށްފައެވެ.
މި އަހަރުގެ ފެބުރުވަރީ މަހު ޔަހޫދީ ޖައްބާރު ސިފައިން ވަނީ ނާބުލުސްއަށް އަރައި ވެސް ލާއިންސާނީ ޖަރީމާތަކެއް ހިންގާފައެވެ. އެ ޖަރީމާތަކުގައި ފަލަސްޠީނުގެ 11 މީހުން ޝަހީދުކޮށްލާފައިވާއިރު، އިތުރު 80 މީހަކު ވަނީ ޒަޚަމުކޮށްލާފައެވެ. އަދި، އޭގެ މަހެއްހާ ދުވަސް ކުރިން ޖިނީނަށް އަރައި ޔަހޫދީ ޓެރެރިސްޓު ސިފައިން ވަނީ ފަލަސްޠީނުގެ 10 މީހުން ޝަހީދުކޮށްލާފައެވެ. އެ މީހުންގެ ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތައް ހުއްޓުވަން މުޅި ބައިނަލްއަޤުވާމީ މުޖުތަމަޢު ވަނީ ނުކުޅެދިފައެވެ.