ޚަބަރު

އިންޑިޔާގައި ބިންގަނޑު ކެނޑި 16 މީހުން މަރުވެއްޖެ


އިންޑިޔާގެ ހުޅަނގުގައިވާ މަހަރާޝްތްރާ ސްޓޭޓްގައި ހިނގި ނުރައްކާތެރި ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ހާދިސާއެއްގައި 16 މީހުން މަރުވެއްޖެއެވެ. މަހަރާޝްތްރާގެ އިރްޝާލްވާދީގެ ފަރުބަދަމަތީ ހިސާބެއްގައި ހިނގި މި ހާދިސާގައި ފޭބި ކިސަޑުތަކުގެ ދަށުވެ ގިނަ ޢަދަދެއްގެ ޢިމާރާތްތައް ވެއްޓިފައިވާއިރު، އެ ޢިމާރާތްތަކުގެ ދަށުގައި 100 އަށްވުރެ ގިނަ މީހުން ތާށިވެފައިވާ ކަމަށް ބެލެވެއެވެ.

ކިސަޑާއި ވެއްޔާއި ގައުތަކުގެ ދަށުން މިހާތަނަށް 16 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، ވެއްޓުނު ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދައި ސަލާމަތްކުރަން އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެ ސަރަޙައްދަށް ބޯކޮށް ވާރޭވެހިވުމާއި ދުންފިނީގެ ސަބަބުން އެ މަސައްތަކަށް ހުރަސް އެޅެމުންދާ ކަމުގައި އިންޑިޔާގެ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް (އެން.ޑީ.އާރް.އެފް)ގެ ޑިރެކްޓަރ ޖެނެރަލް އަތުލް ކަރްވާލް ވިދާޅުވިއެވެ.

ބިންގަނޑު ކެނޑިފައި ވަނީ ސަރަޙައްދަކީ 225 މީހުން ދިރިއުޅެމުންދިޔަ ހިސާބެއްގައި ކަމުގައި މަހަރާޝްތްރާ ސްޓޭޓްގެ ޗީފް މިނިސްޓަރުގެ ނައިބު ދެވަންދްރަ ފަދްނަވީސް ވިދާޅުވިއެވެ. މި ހާދިސާ ހިނގުމުގެ ކުރިން އެ ސަރަޙައްދުގައި ދިރިއުޅޭ 80 އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ބިންގަނޑު ކެނޑުމުގެ ހާދިސާގައި ޒަޚަމުވި 21 މީހަކަށް ނެވީ މުމްބާއީ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. 50 ގެ ހުންނަ ސަރަޙައްދުގައި ބިންގަނޑު ކެނޑި 17 އަށްވުރެ ގިނަ ގެ ކިސަޑުތަކާއި ގަލާއި ވެލިތަކުގެ ދަށުވެ ވެއްޓިފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.

އިރްޝާލްވާދީގައި ބިންގަނޑު ކެނޑިފައި ވަނީ ރޭގަނޑުގެ ވަގުތު ގިނަ މީހުން ނިދާފައި ތިއްބައެވެ. ކިސަޑުތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް މަހަރާޝްތްރާގެ ޗީފް މިނިސްޓަރު އޭކްނާތް ޝިންދޭ ވަނީ އެ ސަރަޙައްދަށް ޒިޔާރަތް ކުރައްވާފައެވެ. އިރްޝާލްވާދީއަކީ މުމްބާއީއާ 60 ކިލޯމީޓަރު ދުރުގައި އޮންނަ ހިސާބެކެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭން މުމްބާއީން ވެސް ޓީމުތައް ވަނީ އެ ސަރަޙައްދަށް ދަތުރުކޮށްފައެވެ. އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މަހަރާޝްތްރާއާއި ގުޖަރާތު ސްޓޭޓުގެ ސަރަޙައްދުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ. ފެންބޮޑުވުމާ ގުޅިގެން އެ ދެ ސްޓޭޓްގެ ސްކޫލްތައް ބަންދުކޮށްފައިވާއިރު، ދަތުރުފަތުރަށް ވެސް ވަނީ ހުރަސް އެޅިފައެވެ.