ޚަބަރު

މާލެއަށް ބޯކޮށް ވާރޭވެހި އެކިހިސާބުތަކުގައި ފެންބޮޑުވެއްޖެ


  • މާލެއަށް ބޯކޮށް ވާރޭވެހިފައިވަނީ މިއަދު ހެނދުނު 08:00 އިން ފެށިގެން 09:00އާއި ދެމެދު

  • މާލޭގެ ބޮޑެތި މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައި

  • މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ

ބޯކޮށް ވާރޭވެހި މާލޭގެ އެކި ހިސާބުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެއެވެ.

މާލެއަށް ބޯކޮށް ވާރޭވެހިފައިވަނީ މިއަދު ހެނދުނު 08:00 އިން ފެށިގެން 09:00އާއި ދެމެދުއެވެ. ނަމަވެސް ބޯކޮށް ވާރޭވެހި، މާލޭގެ ބައެއް ހިސާބުތަކުގައި ފޫޓަކާ ގާތްކުރާ ވަރަށްވަނީ ފެންބޮޑުވެފައެވެ.

އެގޮތުން މާލޭގެ މަޖީދީ މަގާއި، އަމީނީ މަގު އަދި މާފަންނު ސަރަޙައްދުގައިވެސް ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފެން ހިއްކުމުގެ މަސައްކަތްވަނީ ފަށާފައެވެ. އެގޮތުން މިހާރު އައިޖީއެމްއެޗް ސަރަހައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖެއަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

މާލެއަށް ބޯކޮށް ވާރޭވެހިފައި މިވަނީ، ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރެވޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވަނިކޮށެވެ. އެގޮތުން ކ.އަތޮޅުން ފެށިގެން މ.އަތޮޅު ހިމެނޭ ސަރަހައްދަށްވަނީ ޔެލޯ އެލަރޓްވެސް ނެރެފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ.

އާއްމުގޮތެއްގަިއ ވައި ޖެހޭނީ 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި، ނަމަވެސް ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެއެވެ. ރާޅުގެ އުސްމިން އުޅޭނީ 3 ފޫޓާ 6 ފޫޓާ ދެމެދުއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިއަދު ދިޔަވަރު ބޮޑުވާ ވަގުތުގައި ބައެއް ރަށްރަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.