ޚަބަރު

ނާއިބު ރައީސްގެ ހަޔާތުގެ ވާހަކަތަކާއި، މަސައްކަތުގެ ތަޖުރިބާތަައް ހިމެނޭ ބަޔޮގްރަފީ ނެރެފި


  • ބަޔޮގްރަފީ ނެރުނީ ނައިބު ރައީސްގެ 50 ވަނަ އުފަންދުވަހާއި ދިމާކޮށް

  • ފޮތް.ނެރެދެއްވީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރ އަދި ކުރީގެ ވަޒީރު ޑރ.މުހައްމަދު ޒާހިރު ހުސެއިން

  • ނައިބު ރައީސްގެ ހަޔާތުގެ މުހިއްމު ވާހަކަތަކާއި ތަޖުރިބާތައް ހިއްސާ ކޮށްފައިވޭ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ބަޔޮގްރަފީއެއް ނެރެފިއެވެ.

މި ބަޔޮގްރަފީ ނެރުން އޮތީ ނައިބު ރައީސް ފައިސަލް ނަސީމްގެ އުފަންދުވަހާއި ދިމާކޮށް ގިޔާޒުއްދީން ސްކޫލުގައި ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

ނައިބު ރައީސް ފައިސަލް ނަސީމުގެ 50 ވަނަ އުފަންދުވަހު ބޭއްވި ހަފްލާގައި އެމަނިކުފާނުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ރާއްޖޭގެ ނޫސްވެރިއެއްކަމަށްވާ އަހުމަދު ސާއިލް ލިޔުނު ބަޔޮގްރަފީ ނެރެދެއްވީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރ އަދި ކުރީގެ ވަޒީރު ޑރ.މުހައްމަދު ޒާހިރު ހުސެއިނެވެ.

ނާއިބު ރައީސްގެ ބަޔޮގްރަފީ ނެރުމަށް ބޭއްވި ހަފްލާގައި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއި އެމަނިކުފާނުގެ ގާތް އެކުވެރިންނާއި އެކުގައި މަސައްކަތްކުރެއްވި ބޭފުޅުންގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންނާއި، މަޖިލިސް މެމްބަރުންނާއި ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބަޔޮގްރަފީގައި އެންމެ ތުއްޕުޅުއިރުން ފެށިގެން މިހާހިސާބަށް ނައިބު ރައީސް ފައިސަލް ނަސީމުގެ ހަޔާތުގައި ހިނގާފައިވާ ކަންކަމާއި، އެމަނިކުފާނު ތައުލީމީ ދުވަސްވަރާއި މަސައްކަތުގެ މައިދާނުގައި ކުރެއްވި ތަޖުރިބާތަކާއި ސިޔާސީ މަސައްކަތާއި އިޖްތިމާއީ ހިދުމަތްތަކާއި ގުލޭ މައުލޫމާތުތަކުގެ އިތުރުން އަމިއްލަ ދިރިއުޅުއްވުމުގެ ވާހަކަތައްވެސް ހިއްސާކުރައްވާފައިވެއެވެ. މީގެކުރިން ނައިބު ރައީސްގެ އަމިއްލަފުޅު ތަޖުރިބާފުޅުތަކާއި މަސައްކަތްތަކާއި ގުޅޭގޮތުން އާއްމުންނަށް ނޭނގޭ ގިނަ ވާހަކަތަކެއްވެސް މި ފޮތުގައި ހުންނާނެކަމަށް ފޮތް ލިޔުނު ނޫސްވެރިޔާ ބުންޏެވެ.

އެކި ބޭފުޅުންގެ އިންޓަވިއުތައް ހިމޭނެ ބަޔޮގްރަފީއަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެއްވާފައިވާ އިންޓަވިއުގައި ނައިބު ރައީސް ފައިސަލް ނަސީމަށް ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. ރައީސް ސާލިހު ސިފަކުރައްވާފައިވާ ގޮތުގައި ފައިސަލްއަކީ ތެދުވެރި، އަދި އިތުބާރު ކުރެވޭ ބޭފުޅެކެވެ. އަދި ފައިސަލްއަކީ ކޮންމެ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު، ވަރަށް ބުރަކޮށް ކުރައްވަން ޝައުޤުވެރިވެވަޑައިގަންނަވާ، ތެދުވެރި ބޭފުޅެއްކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ހަގު އުމުރުފުޅެއްގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާއިން މަސައްކަތު މައިދާނަށް ނުކުމެވަޑައިގެންނެވި ފައިސަލް ނަސީމަކީ ސިޔާސީ ދާއިރާއަށްވުރެ ބޮޑަށް މުޖްތަމައުއަށް އެހީތެރިވެދެއްވުމުގެ ގޮތުން އެމަނިކުފާނު ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ އިޖްތިމާއީ ހިދުމަތްތަކުގެ ސަބަބުން ރައްޔިތުންެގެ ލޯބި ލިބިވަޑައިގެންނެވި ބޭފުޅެކެވެ.

1986 ވަނަ އަހަރުން ފެށިގެން އިޖްތިމާއި މަސައްކަތުގެ ތެރޭގައި ހަރަކާތްތެރިވެވަޑައިގަންނަވަމުންދާ ފައިސަލް ވަނީ، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ފުވައްމުލަކު ރައްޔިތުންނަށް އެއިރެއްގައި އެންމެ ދަތިވާ ކަންކަން ހައްލުކޮށްދެއްވުމަށް އަބަދުވެސް މަސައްކަތް ކޮށްދެއްވާފައެވެ. އަދި އިޖްތިމާއި ގޮތުން ކޮށްދެއްވާ މަސައްކަތްތައް ފުޅާކުރެއްވުމުގެ ގޮތުން 90ގެ ކުރީކޮޅު "ފައިސަލް ފައުންޑޭޝަން"ގެ ނަމުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް އުފައްދަވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފައިސަލް ވަނީ އެ ޖަމިއްޔާ މެދުވެރިކޮށް އިޖްތިމާއީ އެކި ހަރަކާތްތައް ހިންގަވާފައެވެ. އޭގެތެރޭގައި ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާއާއި ކުޅިވަރު ހިމެނެއެވެ.

މި މަސައްކަތްތަކުގެ އިތުރުން ފައިސަލް ފާހަގަވެފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި މުޖްތަމައުގެ އެހީތެރިކަން ބޭނުންވާ އެހެން ފަރާތްތަކަށް އެހީތެރިވެދެއްވުމުގެ އިތުރުން، އެ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދެއްވުމަށް އަޑު އުފުއްލަވާ، އެކަމަށް ވަކާލާތުވެސް ކުރައްވާ ބޭފުޅެއްގެ ގޮތުގައެެވެ.

ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރިތަކުގައި ހަރަކާތްތެރިވެވަޑައިގެންފައިވާ ފައިސަލް ވަނީ އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވާސިޓީން ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް މެނޭޖްމެންޓުގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި ކާޑިފް މެޓްރޯޕޮލިޓަން ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އެމަނިކުފާނު ވަނީ މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ.

2004 ވަނަ އަހަރު ސިޔާސީ ދާއިރާއަށް ފައިސަލް ނުކުމެވަޑައިގެންނެވީ ރާއްޖޭގައި މިހާރު އަމަލުކުރަމުން މިދާ ގާނޫނު އަސާސީ އެކުލަވާލެއްވުމުގެ މަސައްކަތަށް އިންތިހާބުކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ފުވައްމުލަކު މެމްބަރު ނުވަތަ ޏ.އަތޮޅުގެ މެމްބަރުގެ ގޮތުގައެވެ. އެއަށްފަހު 2014 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވައި އެ ގޮނޑިވެސް ކާމިޔާބު ކުރެއްވިއެވެ. އަދި 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ގުޅިފައިވާ ޕާޓީތަކުން އުފެއްދި އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރަނިން މޭޓަކަށް ފައިސަލް ހަމަޖެހިގެންދިޔައީ ކާށިދޫ ދާއިރާގެ މެމްބަރަކަށް ހުންނަވަނިކޮށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގުޅިފައިވާ އިއްތިހާދުން ކާމިޔާބުކޮށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ފައިސަލް ނަސީމު އެ މަގާމުގައި ހުންނަވައިގެންވެސް ގެންދަވަނީ އެމަނިކުފާނު އެންމެ ޒުވާން އުމުރުފުޅުގައި ފެއްޓެވި އިޖްތިމާއީ ހިދުމަތްތަކާއި ގުޅޭ މަސައްކަތްތައް ސަރުކާރު ތެރެއިން ކުރައްވަމުންނެވެ. އެގޮތުން ވަޒީރުންނާއި ރައީސްގެ ހާއްސަ މުޝީރުންގެ ތިއްބަވާ ސަރުކާރުގެ ސޯޝަލް ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވަނީ ނާއިބު ރައީސް ފައިސަލް ނަސީމްއެވެ...

ކުރީގެ ރިޔާސީ ދައުރުތަކުގައި ފެނުނު ނައިބު ރައީސުންނާއި ހިޅާފަށް، ފައިސަލް ނަސީމް ފާހަގަވެފައިވަނީ ނައިބު ރައީސެއްގެ ގޮތުގައި ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާއާ ގާތުން، އިހްލާސްތެރިކަމާއެކު އަމިއްލަ އެޖެންޑާއެއް ނެތި މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އެއާއެކު އެމަނިކުފާނު ވެވަޑައިގަންނަވާނީ ރައީސުލްޖުމްހުރިއްޔާއާއެކު 5 އަހަރުގެ ރިޔާސީ ދައުރު ފުރިހަމަ ކުރައްވާ ރާއްޖޭގެ ފުރަތަމަ ނައިބު ރައީސްއަށެވެ.