ޚަބަރު

ކުޑަކުޑަ ކުނބުރުދޫ އޮތްކަން އެނގުނީ މިސަރުކާރަށް: ރައްޔިތުން


  • އދ.ކުނބުރުދޫގެ ތަރައްޤީއަށް ސަރުކާރުން 10 މަޝްރޫޢެއް ކުރިއަށް ގެންދޭ

  • ޖުމުލަ 12.45 މިލިޔަން ރުފިޔާ ހޭދަކޮށްގެން ފެނާއި ނަރުދަމާގެ މަޝްރޫޢު އަންނަނީ ހިންގަމުން

  • ރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް 9.6 މިލިޔަން ރުފިޔާގެ މަޝްރޫޢެއްވެސް މިހާރު ހިނގަމުންދޭ

  • ބޯފެން ރައްކާކުރާ ނިޒާމުވަނީ ޤާއިމުކޮށް ނިމިފައި

އާބާދީގައި ހަތަރު ސަތޭކައެއްހައި މީހުން ދިރިއުޅޭ އދ.ކުނބުރުދުއަކީ ބިންކުޑަ ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި އޮތް ރަށެކެވެ. މިރަށުގެ ރައްޔިތުން ބުނާގޮތުން މިހާތަނަށް މިއީ ރާއްޖޭގައި އޮތް މީހުން ދިރިއުޅޭ ރަށެއްކަން ހަޤީޤީ މާނާގައި ބަލައިގަތް ހަމައެކަނި ސަރުކާރަކީ މިސަރުކާރެވެ.

އދ.ކުނބުރުދުއަކީ ރާއްޖޭގެ ނިސްބަތުންވެސް ކުޑަ ރަށެކެވެ. ބިން ކުޑަވުމުގެ އިތުރަށް ރަށުގެ އާބާދީވެސް މަދެވެ. ޒަމާނުއްސުރެ މި ކުޑަކުޑަ ރަށަށް ވަނީ ގިނަގުނަ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އެންމެ އަސާސީ ޚިދުމަތްތައްވެސް އޮތީ ފުރިހަނުވެއެވެ. ބައެއް ކަންކަން ކުރަން ބަލާއިރު، ރަށުގެ ބިމުގެ ޖާގައިގެ ދަތިކަމާހުރެ ބޮޑެތި ތަކުލީފުތައް އުފުލަން އޮތީ ޖެހިފައެވެ. އެހެންނަމަވެސް މިސަރުކާރު ވެރިކަމާ ޙަވާލުވުމަށްފަހު ވަނީ މަންޒަރު ބަދަލުކޮށްލާފައެވެ. ސަރުކާރުގެ ސިޔާސަތަކީ ކުޑަރަށެއް ބޮޑުރަށެއް ތަފާތުކުރުމެއްނެތި ރާއްޖެ ތަރައްޤީކުރުމެވެ.

މިސިޔާސަތާއެކު ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ކުނބުރުދޫ ރައްޔިތުން ތަޢުރީފުކުރެއެވެ. ކުނބުރުދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޢަޒުމީ ވަނީ މިކަން ފާހަގަކުރައްވާފައެވެ.

ކުޑަކުޑަ ކުނބުރުދޫގެ ތަރައްޤީއަށް ސަރުކާރުން 10 މަޝްރޫޢެއް ކުރިއަށް ގެންދެއެވެ. އޭގެތެރެއިން ބައެއް މަޝްރޫޢުތައް ވަނީ މިހާރު ނިމިފައެވެ. ރައްޔިތުން އަންނަނީ އެކަމުގެ ފަސޭހަކަން ލިބިގަންނަމުންނެވެ. އެގޮތުން ރަށުގެ ރައްކާތެރި ބޯފެނުގެ ނިޒާމެއް ޤާއިމުކޮށް ނިމިފައިވެއެވެ. އަދި ކުޑަކުދިންގެ ޕާކު ތަރައްޤީކޮށް ވަނީ ނިމިފައެވެ. މީގެ އިތުރުން ރަށުގެ ފެނައި ނަރުދަމާ ނިޒާމުގެ މަސައްކަތް އަންނަނީ ހިނގަމުންނެވެ. ރަށުގެ ގިރާ ސަރަޙައްދުން ބައެއް ހިއްކައި އެސަރަހައްދު ޙިމާޔަތްކުރުމުގެ މަސައްކަތްވެސް އަންނަނީ ބާރު ދުވެލީގައި ހިނގަމުންނެވެ.

އދ.ކުނބުރުދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ތެރޭގައި ކުނބުރުދޫގައި 75.2 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މިގެތަކަށް ރައްކާތެރި ބޯފެން ފޯރު ކޮށްދޭނެއެވެ.

ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރޭގައި ކުނބުރުދޫގައި 30.2 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 374 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި ،2 ޕަންޕިންގ ސްޓޭޝަނާއި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ. މީގެއިތުރުން މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަޙްލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. ކުނބުރުދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ އަގަކީ 12.45 މިލިޔަން ރުފިޔާއެވެ.

ކުނބުރުދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން ކުނބުރުދޫ ގިރާ ސަރަޙައްދުން 170މީޓަރުގެ ރިވެޓްމަންޓް ޖެހުމަށްވަނީ ހަމަޖެހިފައެވެ. އަދި ބަނދަރު ހިމެނޭ ސަރަޙައްދުގައި 50މީޓަރުގެ ކީވޯލަކާއި ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 9.6މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.

އާބާދީ މަދު ކުޑަކުޑަ ކުނބުރުދުއަށް މިސަރުކާރުން ގެނެސްދެއްވާ ތަރައްޤީއާއެކު ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެހެނިހެން މައްސަލަތައްވެސް އަވަސް މުސްތަޤްބަލެއްގައި ހައްލުވާނެ ކަމަށް ރައްޔިތުން އުންމީދުކުރެއެވެ.