ޚަބަރު

މުޞްޙަފުގެ ހުރުމަތް ކެނޑުމުން ބަޣްދާދުގައި ހުންނަ ސްވިޑެންގެ އެމްބަސީގައި ހުޅުޖަހައިފި


ސްވިޑެންގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން ކީރިތި ޤުރުއާނުގެ މުޞްޙަފެއްގެ ހުރުމަތް ކަނޑައި މުޞްޙަފު އަންދައިލި މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކޮށް އިރާޤުގެ ވެރިރަށް ބަޣްދާދުގައި ބޭއްވި މުޒާހަރާއެއްގެ ބައިވެރިން ސްވިޑެންގެ އެމްބަސީއަށް ވަދެ، މުދަލަށް ގެއްލުންދީ އެ ތަނުގައި ހުޅުޖަހައިފިއެވެ. ބަޣްދާދުގައި ހުންނަ ސްވިޑެންގެ އެމްބަސީގެ ފާރުތަކުގެ މަތިން އަރައި އެތަކެއް ސަތޭކަ ބަޔަކު އެމްބަސީ ތެރެއަށް ވަދެފައިވެއެވެ.

މުޞްޙަފުގައި ހުޅުޖެހުމުގެ ދަށު ދަރަޖައިގެ އަމަލު ހިންގާފައި ވަނީ ސްވިޑެނަށް ހިޖުރަކޮށްފައިވާ އިރާޤުގެ ރައްޔިތެއް ކަމުގައިވާ ސުލްވާން މުމީކެވެ. ވެރިރަށް ސްޓޮކްހޯމްގެ މައި މިސްކިތުގެ ކުރިމަތީގައި މުޞްޙަފެއްގައި ރޯކޮށްލާފައި ވަނީ ބަރަކާތްތެރި އަޟުޙާ ޢީދު ދުވަހުއެވެ. ހައްދުފަހަނަ އަޅާފައިވާ ޖައްބާރު މީހެއް ކަމުގައިވާ މުމީކު އެ އަމަލު ހިންގާފައި ވަނީ ސްވިޑެންގެ ފުލުހުން ދީފައިވާ ހުއްދައެއްގެ ދަށުން ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ. މުޒާހަރާ ކުރުމަށް މުމީކަށް ހުއްދަ ދީފައި ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ދަށުން ކަމުގައި ފުލުހުން ބުނެއެވެ.

ބަޣްދާދުގައި ހުންނަ ސްވިޑެންގެ އެމްބަސީގައި ހުޅުޖެހުމާ ގުޅިގެން ސްވިޑެންގެ ޚާރިޖީ ވުޒާރާއިން ބުނީ މި ހާދިސާގައި އެ ތަނުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައެވެ. އަދި، އެ ތަނުގައި ހުޅުޖެހުމުގެ އަމަލު ކުށްވެރިކޮށް، ސްވިޑެންގެ ޚާރިޖީ ވުޒާރާއިން ވަނީ އިރާޤުގައި ހުންނަ ބޭރު ޤައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން އިރާޤުގެ ސަރުކާރަށް ގޮވައިލާފައެވެ.

ބަޣްދާދުގައި ސްވިޑެންގެ ސަރުކާރާ ދެކޮޅަށް އަލުން މުޒާހަރާ ކުރަން ފަށާފައި ވަނީ، ސްވިޑެންގައި އަނެއްކާ ވެސް މުޞްޙަފެއްގެ ހުރުމަތް ކަނޑަން ތައްޔާރުވަމުންދާ ކަމުގެ ޚަބަރުތައް ފެތުރުމާ ގުޅިގެންނެވެ. މުޒާހަރާތަކަށް ގޮވައިލާފައި ވަނީ އިރާޤުގެ ޝިޔަޢީންގެ ދީނީ ޢިލްމުވެރިއެއް ކަމުގައިވާ މުޤްތަދާ އަލް-ޞަދްރެވެ. އޭނާއަކީ އެތަކެއް ސަތޭކަ ހާސް ބަޔެއްގެ ތާޢީދު އޮންނަ މީހެކެވެ.

ސްވިޑެންގެ ނޫހެއް ކަމުގައިވާ ޓީ.ޓީން ވަނީ، ސްޓޮކްހޯމްގައި ހުންނަ އިރާޤުގެ އެމްބަސީ ކުރިމަތީގައި މުޒާހަރާކުރަން އެ ޤައުމުގެ ފުލުހުން ހުއްދަ ދީފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އަދި، މުޒާހަރާ އިންތިޒާމުކުރި ފަރާތުން މުޞްޙަފުގެ ހުރުމަތް ކެނޑުމުގެ ހުއްދައާއި އިރާޤުގެ ދިދައިގައި ހުޅުޖެހުމުގެ ހުއްދަ ވެސް އެދިފައިވާ ކަމަށާއި، ސްވިޑެންގެ ފުލުހުން އެ ކަމަށް ހުއްދަ ދީފައިވާ ކަމުގައި ވެސް ޓީ.ޓީން ރިޕޯޓުކުރިއެވެ.

މި ކަމާ ދެކޮޅަށް އަޑުއުފުލަން ބަޣްދާދުގައި ބޭއްވި މުޒާހަރާގެ ބައިވެރިން ސްވިޑެންގެ އެމްބަސީގައި ހުޅުޖެހުމުން އިރާޤުގެ ޚާރިޖީ ވުޒާރާއިން ވަނީ އެ އަމަލު ކުށްވެރިކޮށްފައެވެ. އަދި، އެ ހާދިސާގެ ފުރިހަމަ ތަހުޤީޤެއް ހިންގުމަށް އެ ޤައުމުގެ ސަލާމާތި ބާރުތަކަށް އަމުރުކޮށް، އެ ކަމުގެ ފަހަތުގައިވާ މީހުން ހޯދައި ފިޔަވަޅު އެޅުމަށް ގޮވައިލާފައެވެ. އެމްބަސީގައި ހުޅުޖެހިތާ ގިނަ އިރުތަކެއް ނުވެ އަލިފާން ނިއްވާ ޓީމުތަކުން ވަނީ އެ ތަނުގައި ރޯކޮށްލާފައިވާ އަލިފާންގަނޑު ނިއްވައިލާފައެވެ.