ތުރުކީވިލާތުގެ އިޤުތިޞާދުގައި އިންވެސްޓުކުރާނެ އިތުރު ފަރާތްތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވައި، ސަޢޫދީ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައިފިއެވެ. ޖިއްދާގައި އޮތް ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ތުރުކީވިލާތުގެ ޢުމްރާނީ އަދި އިޤުތިޞާދީ ކުރިއެރުމަށް އިންވެސްޓުކުރާނެ ފަރާތްތައް ހޯދުމެވެ.
ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި އުރުދުޣާން ވަނީ ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީރު އަލް-ސަޢުދާ ވެސް ބައްދަލުކުރައްވާފައެވެ. އަދި، ތުރުކީވިލާތުގެ އިޤުތިޞާދު ކުރިއެރުވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ވިޔަފާރިއާއި އިންވެސްޓްމެންޓާ ގުޅޭ ފޯރަމެއްގައި އޭނާ ބައިވެރިވެ ވަޑައިގެންނެވިއެވެ.
ތުރުކީވިލާތާއި ގަލްފުގެ ޤައުމުތަކާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް އުރުދުޣާންގެ ވެރިކަމުގައި ކުރިއަރާފައިވާ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. މި ގޮތުން، ފާއިތުވި 20 އަހަރުގެ ތެރޭގައި ތުރުކީވިލާތާއި ގަލްފުގެ ޤައުމުތަކާ ދެމެދު ހިނގާފައިވާ ވިޔަފާރީގެ އަގު 1.6 ބިލިޔަން ޑޮލަރުން 22 ބިލިޔަން ޑޮލަރަށް އުފުލިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
މިއީ، 2018 ވަނަ އަހަރު ސަޢޫދީ-ތުރުކީ ގުޅުންތައް ހީނަރުވި ފަހުން އުރުދުޣާން ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ހީނަރުވީ، ސަޢޫދީ ޢަރަބިއްޔާގެ ނޫސްވެރިއެއް ކަމުގައިވާ ޖަމާލް ޚާޝުޤްޖީގެ މަރާ ގުޅިގެންނެވެ. އޭނާ މަރައިލާފައި ވަނީ އިސްތަންބޫލުގައި ހުންނަ ސަޢޫދީ ކޮންސިޔުލޭޓްގައެވެ.
އެ ހާދިސާއަށް ފަހު އުރުދުޣާން ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވާފައި ވަނީ 2022 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ. އަދި، ސަޢޫދީ ވަލީއަޙުދު މުޙައްމަދު ވެސް ވަނީ އެ އަހަރުގެ ޖޫން މަހު ތުރުކީވިލާތަށް ވަޑައިގަންނަވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރަން މަޝްވަރާ ކުރައްވާފައެވެ. މި އަހަރުގެ މާރިޗު މަހު ސަޢޫދީ ޢަރަބިއްޔާއިން ތުރުކީވިލާތުގެ މަރުކަޒީ ބޭންކަށް 5 ބިލިޔަން ޑޮލަރު ޖަމާކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.
ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަށްފަހު އުރުދުޣާން ދެން ވަޑައިގަންނަވާނީ އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)އާއި ޤަޠަރަށެވެ. އެ ދެ ޤައުމުގައި ވެސް ތުރުކީވިލާތަށް އިންވެސްޓަރުން ހޯދުމަށް އިންވެސްޓްމެންޓް ފޯރަމްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި އުރުދުޣާން ވިދާޅުވިއެވެ.