ޚަބަރު

ސިޔާމާއި މަޢުރޫފް ހެކިބަސް ދޭން ބޭނުން ނުވާތީ، ހެކިބަސް ނުނަގަން ނިންމައިފި


  • ސިޔާމާއި މައުރޫފް ވަނީ ހެކިބސް ދެއްވަން ބޭނުންވާ ކަމަށް ކޯޓަށް ސިޓީ ފޮނުއްވާފަ

  • އަދީބުގެ ބޮޑީގާޑް އަހުމަދު އާމިރު ވަނީ ބައްދަލުވުން އޮތް ތަނަށް އަދީބު ދިން ދަބަހެއް ގެންދިޔަ ކަމަށް ހެކިބަސް ދީފަ

  • މުހައްމަދު ޝާކިރާއި، މުހައްމަދު ހުސައިން ވެސް ވަނީ ދެއްވަން ބޭނުންވާ ކަމަށް ކޯޓަށް ސިޓީ ފޮނުއްވާފަ

  • އިތުރު ދެހެކިންގެ ހެކިބަސް ނެގުން ބުރާސްފަތި ދުވަހު އޮންނާނެ

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ޚިޔާނާތުގެ މައްސަލައިގެ ޝަރީއަތަށް ދަޢުލަތުން ހެކިންގެ ގޮތުގައި ހުށަހަޅުއްވަފައިވާ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި، ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މަޢުރޫފް ހެކިބަސް ދެއްވަން ބޭނުން ނުވާތީ އެމީހުންގެ ހެކިބަސް ނުނެގުމަށް ނިންމައިފިއެވެ.

ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި، މަނީ ލޯންޑަރިންގގެ ދައުވާއެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވާ، 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާކަމަށް ދަޢުލަތުން ތުހުމަތުކުރެއެވެ. މިމައްސަލާގައި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ކޮށްފައިވަނީ އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާކަމަށް ތުޙުމަތެވެ.

މިމައްސަލައިގެ މިއަދުގެ އަޑު އެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ، ހެކިބަސް ދެއްވަން ކޯޓަށް ހާޒިރުވާން ބޭނުން ނުވާ ކަމަށް ބަޔާންކޮށް، ސިޔާމާއި މަޢުރޫފް ސިޓީ ފޮނުއްވާފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނަރަލްގެ ވަކީލް ވިދާޅުވީ އެ ދެ ބޭފުޅުންގެ ހެކިބަސް ނަގަން މިހާރު ދައުލަތުން ބޭނުން ނުވާ ކަމަށެވެ.

މިއަދު އޮތް އަޑުއެހުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑީގާޑް އަހުމަދު އާމިރު ހެކިބަސް ދީފައިވެއެވެ. އޭނާ ވަނީ އަދީބާއި ޒިޔަތާއެކު ބޭއްވި ބައްދަލުވުމެއްގައި މަޢުރޫފާއި ސިޔާމްގެ ކޮއްކޮއެއް ކަމަށްވާ ސާލިމް ބައިވެރިވި ކަމަށް ބުނެފައެވެ. އަދި އެބައްދަލުވުމަށް އަދީބު އަންގަވައިގެން ދަބަހެއް ގެންގޮސް ދިން ކަމަށް އާމިރު ވަނީ ބުނެފައެވެ. މިބައްދަލުވުމުގައި މިމައްސަލާގައި މިހާރު ދައުވާތައް އަބުރާ ގެންގޮސްފައިވާ އަހުމަދު ކްރިކް ރިޒާވެސް ބައިވެރިވި ކަމަށް އާމިރުވަނީ ބުނެފައެވެ.

ސިޔާމާއި މަޢުރޫފްގެ އިތުރުން މުހައްމަދު ޝާކިރާއި އަދީބުގެ ޑްރައިވަރަކަށް އުޅުނު މުހައްމަދު ހުސައިން ވެސް ވަނީ ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ބުނެ ކޯޓަށް ސިޓީއެއް ފޮނުވައިފައެވެ. އެހެންވެ އެ ދެ މީހުންގެ ހެކިބަސްވެސް ނަގަން ބޭނުން ނުވާ ކަމަށް ދައުލަތުން މިއަދު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ދެން ބާކީ އޮތީ ދައުލަތުން ހުށަހަޅާފައިވާ ދެ ހެއްކެއްގެ ހެކިބަހެވެ. އެ ދެ މީހުންގެ ހެކިބަސް ނެގުން އަންނަ ބުރާސްފަތި ދުވަހަށް ތާވަލު ކުރައްވާނެ ކަމަށް ގާޒީ ނަދީމް ވިދާޅުވިއެވެ.

ރ. ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލާފައިވާއިރު، ވ. އާރަށުގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާއެއް ސާބިތުވުމާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިއްވަވާފައެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނެވީ ހުކުމް ތަންފީޒުކުރުމަށް ކ. މާފުށީ ޖަލުގައެވެ.

މިހާރު އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ، މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމާއެކު، ޖޫރިމަނާގެ ހުކުމެއް އަންނާނެއެވެ.