ވިޔަފާރި

ބީސީސީއިން މިފަހަރު ގެނެސްދެނީ މީޑިއާ ކޯ-ވޯކް ސްޕޭސްއެއް


  • މިއީ ސީޑްގެ ކާމިޔާބީއަށްފަހު ފެށުމަށް ތައްޔާރުވެފައިވާ ޕްރޮޖެކްޓެއް

  • މީޑިއާ ކޯ-ވޯކް ސްޕޭސް ގެނެސްދެނީ ނޫސްވެރިނަށާއި ފިލްމު އުފައްދާ ފަރާތްތަކަށް

  • ސީޑްވެސް އާބާދީ ބޮޑެތި ރަށްތަކަށް ފުޅާކުރުމަށް ދަނީ މަސައްކަތް ކުރަމުން

ރާއްޖޭގައި ގިނަ ޢަދަދެއްގެ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް އަންނަނީ ހިންގަމުންނެވެ. މި ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އޮފީސް ހިންގާނެ ޖާގައެއް ނެތުމެވެ. ނަމަވެސް މިކަމަށް ހައްލު ގެނެސްދީފައިވަނީ ބީސީސީން ކުރިއަށްގެންދާ "ސީޑް ބައި ބީސީސީ" މަޝްރޫޢެވެ.

މިއީ ގިނަ ބަޔަކު އެއްތަނެއް ޝެއަރކޮށްގެން މަސައްކަތްކުރެވޭނެ ފަދަ މާހައުލެކެވެ. ރާއްޖެއަށް މި ކޮންސެޕްޓް އައު ވުމުގެ ސަބަބުން އެންމެ ފުރަތަމަ މިތަން ފަށައިގެން އައިއިރު ވިޔަފާރިތަކުގެ މާބޮޑު ތަރުޚީބެއް މިކަމަކަށް ނުލިބެއެވެ. ނަމަވެސް މިހާރު ސީޑްއާއި ގުޅޭގޮތުން މަޢުލޫމަތު ފޯރުކޮށްދީ މިތަނުގެ މަޢުލޫމާތު އެނގެން ފެށުމުން މިތަން ބޭނުންކުރާ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރު 1000 އަށްވުރެ ގިނަ މީހުން ސީޑް ބޭނުންކުރަމުން އަންނަކަމަށް ބީސީސީއިން ބުނެއެވެ.

ވިޔަފާރިތަކަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކާއި، ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުންވެސް ކިޔަވާކުދިންނަށްވެސް މިތަން ބޭނުންކުރެވޭނެކަމަށް ބީސީސީއިން ބުނެއެވެ. އަދި އިވެންޓްތަކަށްވެސް މިހާރު މިތަން ދޫކުރާކަމަށް ބީސީސީއިން ވަނީ ބުނެފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީސީސީގެ ޗީފް ކޮމާޝަލް އޮފިސަރ ސާމިހް އާދަމް ވިދާޅުވީ، ސީޑަށް ލިބޭ ތަރުޚީބަށް ބެލުމަށްފަހު ރާއްޖޭގެ އާބާދީ ބޮޑު ސަރަޙައްދުތަކުގައިވެސް މިހާރު މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ބީސީސީއިން ނިންމާފައިވާކަމަށެވެ.

"ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި މާލޭގައި މިފެށީ. އެހެންނަމަވެސް އާބާދީ ބޮޑެތި ރަށްރަށުގައި މިފަދަ ތަންތަން އިމާރާތް ކުރުމުގެ ވިސްނުން އަޅުގަނޑުމެންގެ އެބަހުރި. އިރާދަކުރެއްވިއްޔާ ދުރުނޫން މުސްތަޤްބަލެއްގައި އެކަން ވެގެންދާނެ." ސާމިހް ވިދާޅުވިއެވެ.

ސީޑް ބައި ބީސީސީގެ ކާމިޔާބީއަށް ބެލުމަށްފަހުގައި ބީސީސީއިން މިހާރު އަންނަނީ މިފަދަ ކޯ-ވޯކް ސްޕޭސްއެއް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަދި ފިލްމު އުފައްދާ ފަރާތްތަކަށް ގެނެސްދިނުމުގެ މަސައްކަތް ކުރަމުންނެވެ. ބީސީސީގެ ހެޑް އޮފް އައުޓްރީޗް އިބްރާހިމް ޒިޔާއު ވިދާޅުވީ، މިއީ ސީޑާއި ގުޅުވައިގެން ބީސީސީއިން ކުރިއަށްގެންދާ އިތުރު ޕްރޮޖެކްޓެއްކަމަށެވެ. މިއީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ތަރައްޤީކުރާ މީޑިއާ ކޯ-ވޯކް ސްޕޭސްއެއްކަމަށާއި، މި މަސައްކަތް މިހާރު ފަށާފައިވާކަމަށް ޒިޔާއު ވިދާޅުވިއެވެ.

"ރާއްޖޭގައި ފިލްމް އުފައްދާ ފަރާތްތަކަށާއި މީޑިއާގައި ހަރަކާތްތެރިވާ މީހުންނަށް އުފާވެރި ޚަބަރަކަށް ވާނެ ކަންނޭންގެ މިހާރު ކުއްޔަށް ނަގައިގެން ކުދި ތަންތަނުގައި ސްޓޫޑިއޯ ހަދައިގެން އުޅޭ ފަރާތްތަކަށް އަޅުގަނޑުމެން މި ގެނެސްދެނީ ޒަމާނީ ޓެކްނޮލޮޖީއާއި އެއްގޮތަށް ތައްޔާރުކުރެވޭ ބޮޑު ސްޓޫޑީއޯއަކާއެކު އޯޑިއޯވެސް އަދި ވީޑިއޯވެސް ރެކޯޑް ކުރެވޭނެ. ހަމައެއާއެކު މިއުޒިކްވެސް ރެކޯޑްކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތުވެސް ލިބިދާނެ ކޯވޯކިން ސްޕޭސްއެއް މިއީ" ޒިޔާއު ވިދާޅުވިއެވެ.

ބީސީސީއިން ބުނީ މި މީޑިއާ ކޯ-ވޯކް ސްޕޭސް ނިމިގެން އަންނައިރު މިތަނުގައި ހުރިހާ އިކުއިޕްމަންޓްތަކާއެކު އެޑިޓިން 2 ބޫތާއި، ވީޑިއޯ އަދި އޯޑިއޯ ރިކޯޑް ކުރުމާއި، ޓީވީ ޝޯތައް ރިކޯޑް ކުރެވޭނެފަދަ އެންމެ ޒަމާނީ އާލާތްތައް ހުންނާނެކަމަށެވެ.

ބީސީސީގެ އަމާޒަކީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި އެފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމެވެ. ބީސީސީއިން އަންނަނީ މިފަދަ ވިޔަފާރިތަކަށް އެހީތެރިވުމަށް ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ. އޭގެތެރޭގައި އޮތެންޓިކް މޯލްޑިވްސްއާއި އެސްއެމްއީ ހަބް ފާހަގަކޮށްލެވެއެވެ.