އަންނަ މަހު މަޑަގަސްކަރާގައި ބާއްވާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ ޓެނިސް ޓީމު ތައްޔާރުކޮށްދިނުމަށް ކަޒަކިސްތާނުގެ އުއްމީދީ އަންހެން ޓެނިސް ކުޅުންތެރިޔާ ކަމީލާ ގެނެސްފިއެވެ.
"ޕީއެސްއެމް ސްޕޯޓްސް" އަށް މައުލޫމާތުދެމުން ޓެނިސް އެސޯސިއޭޝަނުން ބުނީ ރާއްޖޭގެ ޤައުމީ ޓީމާއެކު ކަމީލާ ގޭމްސް ފެށުމާއި ހަމައަށް ޓީމުގައި ހަރަކާތްތެރިވާނެ ކަމަށާއި, މިއީ ޓެނިސް ޓީމަށް އިތުރު ތަމްރީނު ހޯދައިދިނުމަށް ފަހިކޮށްދިން ފުރުސަތެއް ކަމަށެވެ.
ރާއްޖޭގެ ޤައުމީ ޓެނިސް ޓީމަށް ކަމީލާ ތަމްރީނުދޭނެކަން ހާމަކޮށްފައިވަނީ ނިމިދިޔަ މެރީ ބްރައުން ޓެނިސް ޗެމްޕިއަންޝިޕުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި އެ އެސޯސިއޭޝަނުގެ އިސްވެރިން ބައިވެރިވިއެވެ.
ކަމީލާ ވަނީ އައިޓީއެފް ރޭންކިންގައި 2017 ވަނަ އަހަރު 303 ވަނަ ހޯދާފައެވެ. އަދި ހޯދާފައިވާ އައިޓީއެފް ޓައިޓަލްތަކުގެ އަދަދަކީ އަށެކެވެ. އަދި އިންޓަނޭޝަނަލް ފެޑެރޭޝަނުގެ ވިމެންސް ސާކިޓްގައި މިހާތަނަށް 18 ޓައިޓަލް ހޯދާފައިވެއެވެ. އަދި ޤައުމީ ފެންވަރުގައިވެސް ކަމީލާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭޓީޕީ ވޯލްޑް ރޭންކިންގައި ކަޒަކިސްތާން ހިމެނެނީ 24 ވަނައިގައެވެ.
ޓެނިސް އެސޯސިއޭޝަނުން ރާއްޖޭގެ ކުޅުންތެރިން ތަމްރީނުކުރުމަށް ބޭރުގެ ތަޖުރިބާކާރު ކުޅުންތެރިންނާ ކޯޗުން ގެންނައިރު، މިއީ މި ފެންވަރުގެ ކުޅުންތެރިއަކު ރާއްޖެ ގެނައި ފުރަތަމަ ފަހަރެވެ.