ޚަބަރު

ބޭރުގެ ފަރާތްތަކާއި މަޝްވަރާ ކުރެއްވީ މިނިވަންކަމާއެކު އިންތިޚާބު ކުރިއަށް ގެންދަން: އީސީ


  • ފާއިތުވެދިޔަ ދޮޅުމަސްތެރޭ ސަފީރުންނާއި، ޖަމްޢިއްޔާ، ޖަމާޢަތްތަކާއި ވަނީ ބައްދަލުކުރައްވާފައި

  • ޔޫ.އެން.ޑީ.ޕީ އިންނާއި، އީޔޫގެ ފަރާތުން އިންތިޚާބުގެ ކަންކަން ދަނީ ގާތުން ބަލަމުން

  • މި މަޝްވަރާތަކަކީ އިންތިޚާބު މިނިވަންކަމާއިއެކު ގެންދިއުމަށް ބާއްވާ މަޝްވަރާތަކެއް

ރިޔާސީ އިންތިޚާބާއި ގުޅިގެން ބޭރުގެ ފަރާތްތަކާއި މަޝްވަރާ ކުރައްވާފައިވަނީ މިނިވަންކަމާއި އިންސާފުވެރި ކަމާއިއެކު އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ފާއިތުވެދިޔަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިއްބަވާ ބޭރުގެ އެކި ޤައުމުތަކުގެ ސަފީރުންނާއި، ޖަމްޢިއްޔާ، ޖަމާޢަތްތަކާއި ބައްދަލުކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދެވި މި މަޝްވަރާތަކުގައި ޔުނައިޓެޓް ނޭޝަންސް، ޔޫރަޕިއަން ޔޫނިއަން، ކޮމަންވެލްތު، ޔޫ.އެސް އެއިޑް، އައިއެފްއީއެސް އާއި، އޮސްޓްރޭލިޔާ، ކެނެޑާ، ޖަޕާން، އިނގިރޭސިވިލާތް އަދި އިންޑިޔާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުން ކޮމިޝަނާ ބައްދަލުކުރައްވައި، އިންތިޚާބު އޮބްޒާވްކުރެއްވުމާ ބެހޭގޮތުންނާއި، އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާބެހޭ ގޮތުން މަޢުލޫމާތު ހޯއްދަވައި، ދެފުށް ފެންނަ، އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ މައްޗަށް މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ބައެއް ޖަމާޢަތްތަކުންނާއި ޤައުމުތަކުން އިންތިޚާބުގެ މަސައްކަތްތަކުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައިވެއެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގައި ކޮލަމްބިޔާގައި ބޭއްވި ދުނިޔޭގެ އިލެކްޝަންސް ޖަމްޢިއްޔާ އޭވެބްގެ އެގްޒެކްޓިވް ބޯޑު މީޓިންގގައި ބައިވެރިވެވަޑައިގެންނެވި އެކި ޤައުމުތަކުގެ ކޮމިޝަނަރުން، އެ ބައްދަލުވުމުގެ ހަވާސާގައި، އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޑރ. މުޙައްމަދު ޒާހިރުއާއިވެސް ބައްދަލު ކުރައްވައި، ރިޔާސީ އިންތިޚާބު އޮބްޒާވްކުރެއްވުމާއި، ގުޅުން ބަދަހި ކުރުމުގެ މަޝްވަރާ ކުރައްވާފައިވެއެވެ.

ޔޫ.އެން.ޑީ.ޕީ އިންނާއި، އީޔޫގެ ޑެލިގޭޝަނުންނާއި، ކޮމަންވެލްތުގެ ޕްރީ އެސެސްމެންޓް މިޝަންގެ ބޭފުޅުންގެ ފަރާތްޕުޅުންވެސް އިންތިޚާބު އިންތިޒާމުތައް ރޭވެމުންދާ ގޮތާއި، މަސައްކަތްތައް ކުރިއަށްދާގޮތް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. މިގޮތުން، ކޮމަންވެލްތުގެ ޓީމުން "އުންމީދުއޮތް" ބައެއް ކެންޑިޑޭޓުންނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތާ ބެހޭގޮތުން ވެސް މަޢުލޫމާތު ހޯއްދަވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ބޭރުގެ ވީހާވެސް ގިނަ ފަރާތްތަކުން އިންތިޚާބު އޮބްޒާވްކުރެއްވުމަކީ، އިންސާފުވެރިކަމާއި އެކީގައި އިންތިޚާބުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ލިބޭ ހިތްވަރެއް ކަމަށް އީސީން ވިދާޅުވެއެވެ.

މިނިވަންކަމާއި އިންސާފުވެރިކަމާއެކު ދެފުށް ފެންނަގޮތަށް، ރިޔާސީ އިންތިޚާބުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގެ މައްޗަށް ނޫން ގޮތަކަށް، ބޭރުގެ އަދި އެތެރޭގެ އެއްވެސް ފަރާތަކުންވެސް، އެއްވެސް މަޝްވަރާއެއް ކޮމިޝަނަށް ކޮށްފައިނުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.