ޚަބަރު

ބ. ކަމަދޫ ބަނދަރުގެ މަސައްކަތް ނިމެނީ


  • ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތާ ޕޭވްމަންޓްގެ މަސައްކަތް ނިމިފައި

  • މިހާރު ކުރަމުންދަނީ ބޭރު ތޮށީގެ ޖެޓީހެދުމުގެ މަސައްކަތް

  • ބަނދަރުގެ މަސައްކަތައް ބޭނުންވާ ހިލަ ރަށަށްވަނީ ގެނަސްފައި

ބ. ކަމަދޫ ބަނދަރު ތަރައްޤީކޮށް ބޮޑުކުރުމުގެ މަސައްކަތަކީ މި ސަރުކާރަކުން އެރަށަށް ކޮށްދޭ އެންމެ މުހިންމު އެއް މަސައްކަތްކަމަށް އެރަށު މީހުން ދެކެއެވެ. އެއީ ރަށުގެ ކުރިއެރުމާ ގުޅިފައި އޮތް އެންމެ މުހިންމު ތަރައްޤީގެ މަޝްރޫޢުވެސް މެއެވެ. ބަނދަރު ބޮޑުކޮށް މަރާމާތު ކުރަން ފެށީ އެރަށު ބަނދަރު ބޭނުން ކުރުމުގައި ދަތިތަކާ ކުރިމަތިވުމުންނާއި، ބަނދަރުގެ ޖާގަ ކުޑަވެ، ބޭރުތޮށި ހަލާކުވެ ބޭނުންނުކުރެވޭ ޙާލަތުގައި އޮތުމުންނެވެ.

އެކަމަށް ޙައްލު ގެނައުމަށް ސަރުކާރުން އެރަށު ބަނދަރު މަރާމާތުކޮށް ބޮޑު ކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރައްވައިގެން އަންނަނީ ކުރައްވަމުންނެވެ. މި މަޝްރޫޢުގެ މިހާރު %75 މަސައްކަތް މިހާރު ނިމިފައިވާކަމަށް އެކުންފުނިން ބުނެއެވެ.

ކަމަދޫގައި ކުރިން އޮތް ބަނދަރާއެކު އެ ބަނދަރަށް އިތުރުކުރާ ބައިގެ އެއްގަމު ތޮށީގެ މަސައްކަތާއި ޕޭވްމަންޓްގެ މަސައްކަތް އެއްކޮށްވަނީ ނިންމާފައެވެ. ކުރިން އޮތް ބަނދަރަކީ މީގެ 25 އަހަރު ކުރިން އެރަށު ރައްޔިތުން ނުކުމެ ވިލާ ކުންފުނީގެ އެހީތެރިކަމާއެކު ހަދާފައި އޮތް ބަނދަރެކެވެ. އެއީ 400 ފޫޓް ދިގު 150 ފޫޓްގެ ބަނދަރެކެވެ.

ބަނދަރުބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން ފަޅު ފުންކޮށް ނެރުގެ އެއްފައިކަށީގެ މަސައްކަތްވަނީ ނިންމާފައެވެ. އެރަށު ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ، ބަނދަރުގެ ބޭރުތޮށްޓާއި ނެރުގެ އަނެއް ފައިކަށި ހެދުމަށް ބޭނުންވާ ހިލަ މިހާރު އެރަށަށް ގެނަސްފައިވާކަމަށެވެ.

މިހާރު ކުރަމުންދަނީ ބަނދަރުގައި ކުދި އުޅަނދުތައް އެޅުމަށް ބޭރު ތޮށީގައި ހަދާ ޖެޓީ ހެދުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ %50 މަސައްކަތް ނިންމިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން، 25،404 އަކަމީޓަރުގެ ބަނދަރު ފުންކޮށް 180 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 826 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 346 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އޮޑިފަހަރު އަޅާ ވާ އެއްސުމަށް 70 މޫރިންގް ހަރުކޮށް ކޮޅުވެއްޓިތަކަށް ކައިރިކުރެވޭ ގޮތައް 11 މީޓަރުގެ ރޭމްޕެއް ހަދައި، 1730 އަކަމީޓަރުގެ ދުވާރު ހަދާ ބަނދަރު ހިމެނޭ ސަރަޙައްދުގައި 17 މަގުބައްތި ޖެހުމާއި ނެރު ބައްތި ޖެހުން މި މަސައްކަތުގެ ދަށުން ކުރެވިގެންދާނެއެވެ.

ސަރުކާރުން މި މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރެއްވީ 400 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް 47.01 މިލިއަން ރުފިޔާއަށެވެ. ކަމަދޫ ރައްޔިތުން ތިބީ މި ބަނދަރުގެ މަސައްކަތް ނިމޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.