ޚަބަރު

ރ.އަތޮޅުގެ އިތުރު 3 ރަށަކުން ކުޑަކުދިންގެ ބަލިތަކަށް މިހާރު ފަރުވާ ލިބޭނެ


  • ރ. އަތޮޅުގެ ފަސް ރަށަކުން ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ލިބޭނެ

  • އަލަށް ޙިދުމަތްދޭން ފެށީ ދުވާފަރު، އަލިފުށި، މީދޫ، މަޑުއްވަރީ އަދި ހުޅުދުއްފާރުގައި

ރ.އަތޮޅުގެ ތިން ރަށެއްގައި ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަވައި، އެޙިދުމަތް ދޭން ފަށައިފިއެވެ.

އެއަތޮޅުގެ ރަށްތަކުގެ ސިއްޙީ މަރުކަޒުތައް ބަލަހައްޓަމުންގެންދާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނީ، ރ.އަތޮޅުގެ ތިން ރަށެއްގައި ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެހުމުން، އެ އަތޮޅުން ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ރަށްތަކުގެ އަދަދު 5 އަށް އަރާނެކަމަށެވެ.

ރ.އަތޮޅުގެ ސިއްޙީ މަރުކަޒުތަކުގެ ޙިދުމަތް ފުޅާކުރުމަށްކުރާ މަސައްކަތުގެ ދަށުން އަލަށް ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ދޭން ފަށާފައިވަނީ ހުޅުދުއްފާރާއި، މީދޫ އާ މަޑުއްވަރީއެވެ.

މީގެއިތުރުން މިއަހަރު އެއަތޮޅުގެ އެންމެ އާބާދީ ބޮޑު ދުވާފަރާއި އަލިފުށީގައިވެސް މިޙިދުމަތް ދޭން ވަނީ ފަށާފައެވެ.

ސިއްޙީ ހިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާއި އެއްގޮތަށް ނ، ރ، ބ، އަދި ޅ، މި ހަތަރު އަތޮޅުގެ ރައްޔިތުންވެސް ހިދުމަތް ހޯދާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ކުރިން ނުލިބޭ ގިނަ ޙިދުމަތްތަކެއް ދަނީ ތައާރަފްކުރައްވަމުންނެވެ. އަދި ސަރުކާރުގެ އަމާޒަކީ ޓަރޝަރީ ފެންވަރަށް އެ ހޮސްޕިޓަލު ތަރައްްޤީކުރުމެވެ.

އެގޮތުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ހާއްސަ ކްލިނިކެއް ޤާއިމްކޮށް، އެހޮސްޕިޓަލުން ދެން އެންމެ އަވަހަށް ތައާރަފްކުރަނީ ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ ޙިދުމަތެވެ. މި ޙިދުމަތް މި ހަފްތާތެރޭގައި ފަށާނެކަމަށާއި، ރަސްމީކޮށް އެކަން ފެށޭނީ އިންސްޕެކްޝަންތައް ފަހުގައިކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. މީގެއިތުރުން ދަރިމައިނުވުމުގެ ޙިދުމަތްތަކަށް ދެވޭ ފަރުވާގެ ޙިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

ޞިއްޙީ ޚިދުމަތް ފުޅާކުރައްވައި ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ދެއްވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން މާލެއިން ލިބޭ ޚިދުމަތްތައް އަތޮޅުތަކުގައި ހުރި މަތީ ފެންވަރުގެ ހޮސްޕިޓަލުތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް އަތޮޅުތަކުގެ ރަށްރަށުގައި ހުރި އެންމެ ކުދި ޞިއްޙީ މަރުކަޒުތަކުން ފެށިގެން އެންމެ ބޮޑެތި ހޮސްޕިޓަލުތަކާއި ހަމައަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.