ޚަބަރު

އާރްޓީއެލް ހުވަދޫ: 700 ރުފިޔާ ޚަރަދުކުރި ދަތުރު މިހާރު 35 ރުފިޔާއަށް


  • އާރްޓީއެލްގެ ޚިދުމަތް ހުވަދޫގައި ރަސްމީކޮށް ފަށާނީ، މިމަހުގެ 20ވަނަ ދުވަހު

  • އަގުތައް އުޅޭނީ 35ރ އާއި 125ރ އާއި ދެމެދުގައި

  • ކުރިން 700 ރުފިޔާއަށް ކުރި އެއަރޕޯޓް ދަތުރު މިހާރު 35ރުފިޔާއަށް

ހުވަދޫ އަތޮޅުގައި ފަށާފައިވާ އާރުޓީއެލް ޙިދުމަތަށް ނަގާނެ އަގުތައް އެމްޓީސީސީން ހާމަކޮށްފިއެވެ.

މިމަހުގެ 13 ވަނަ ދުވަހު އާރުޓީއެލްގެ ޚިދުމަތް ހުވަދޫގައި ފެށިނަމަވެސް އަގު ނަގައިގެން ދަތުރުތައް ބާއްވަން ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތިދުވަހުން ފެށިގެންނެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތަކީ ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ހެޔޮ އަގެއްގައި ފަސޭހަކަމާއި، ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސެވުމުގެ ގޮތުން ފެއްޓެވި ޚިދުމަތެކެވެ. މި ޚިދުމަތް ހއ. ހދ. ށ އަދި ޅ އަތޮޅުގައި ވަނީ ފަށާފައެވެ. އަދި މި ޚިދުމަތް އެންމެ ފަހުން ފެށި ސަރަހައްދަކީ ހުވަދޫ އަތޮޅެވެ.

ހުވަދުއަތޮޅުގައި ޓެސްޓު ދަތުތުރަށް ފަށާފައިވަނީ މިމަހުގެ 13ވަނަ ދުވަހުއެވެ. ފުރަތަމަ ހަފްތާގައި އަޖުމަބެލުމުގެ ދަތުރުތަކެއް ކުރިއަށްގެންދާއިރު، މި ދަތުރުތައް ބާއްވަނީ މުޅިން ހިލޭއެވެ.

ގއ އަދި ގދ އަތޮޅުގައި ޖުމްލަ 9 ރޫޓަކުން ފެރީތައް ބާއްވައެވެ. މިގޮތަށް ރޫޓްތައް ކަނޑައަޅާފައިވަނީ، އެންމެ ގިނައިން މީހުން ހޯދާ ވައިގެ ދަތުރުގެ ޚިދުމަތާއި އަދި ސިއްޙީ ޚިދުމަތާއި ރަސްމީ އެކިއެކި ޚިދުމަތްތައް ހޯދުމަށް ދަތުރުކުރާ މީހުންނަށް ވީހާވެސް ފަސޭހަވާނެގޮތަށެވެ.

ހުވަދޫ އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތަށް އަގު ނަގައިގެން، ރަސްމީކޮށް ޚިދުމަތް ފެށުމަށް ހަަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. އަދި ދަތުރުތަކަށް ނަގާނެ އަގުތައް އެމްޓީސީސީން މިހާުރު ވަނީ އާއްމުކޮށްފައެވެ.

ހުވަދޫ ރޫޓުތައް އަގުތައް އުޅެނީ ކޮޅަކަށް 35 ރުފިޔާއާއި، 125 ރުފިޔާއާއި ދެމެދުއެވެ.

އެ ސަރަޙައްދުގައި އެންމެ ބޮޑު އާބާދީއެއް އޮތީ ގދ.ތިނަދޫގައެވެ. އެރަށުގެ އާބާދީ 5000އިން މައްޗަށް އަރައެވެ. ތިނަދޫގެ ރައްޔިތުން އެންމެ ގިނައިން ދަތުރުކުރަން ޖެހެނީ، ވައިގެ ދަތުރުގެ ޚިދުމަތް ހޯދުމަށް އެ އަތޮޅު ކާޑެއްދޫއަށެވެ. 10 މިނެޓުގެ ލޯންޗު ދަތުރު ކޮށްދެމުން އަންނަނީ 500-700 ރުފިޔާއާއި ދެމެދުގެ އަގުގައެވެ. ނަމަވެސް އާރްޓީއެލްއާއެކު މި އަގު މިވަނީ 35 ރުފިޔާއަށް ކުޑަވެގެންގޮސްފައެވެ. އަދި ތިނަދޫގެ އިތުުރުން ހުވަދޫގެ އެހެން ރަށްތަކުންވެސް އެއަރޕޯޓަށް ކުޑަ އަގެއްގައި މިހާރު ދަތުރުކޮށްލެވޭނެއެވެ.

ހުވަދޫގައި ފޯރުކޮށްދޭ އާރުޓީއެލް ހިދުމަތުގައި ނަގާ އެންމެ ބޮޑު އަގަކީ 150 ރުފިޔާއެވެ. އެއީ ހުވަދު އަތޮޅުގެ އުތުރުބުރިއާއި ދެކުނު ބުރި ގުޅުވައިދޭ "ހައިވޭ ރޫޓް"ގެ ދަތުރަށް ނަގާ ފީއެވެ. ހައިވޭ ރޫޓަކީ ގއ.ވިލިނގިއްޔާ ގދ.ތިނަދުއާއި ދެމެދު ބާއްވާ ދަތުރެވެ.

އާރްޓީއެލްގައި ޚިދުމަތް ހުވަދޫގައި ފެށީ 6 ސްޕީޑް ފެރީއާއެކުއެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު 4 ފެރީ އެ ސަރަޙައްދަށް ގެންދާނެކަމަށް، އެ ޚިދުމަތް ފޯރުކޮށްދޭ އެމްޓީސީސީން ބުނެއެވެ.

ހުވަދު އަތޮޅަކީ 22000އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އަތޮޅެކެވެ. އަދި އެއީ ރިސޯޓްތައް ތަރައްޤީވެ، ލޯކަލް ޓުއަރިޒަމްވެސް ފުޅާވަމުން އަންނަ ސަރަޙައްދެކެވެ. އެހެންކަމުން މި ޚިދުމަތް ވެގެންދަނީ އާއްމުންނަށް ލިބޭ ލުއިފަސޭހައިގެ އިތުރުން، އަތޮޅުގެ އިޤްތިޞާދުވެސް ކުރިއަރާނެ ޚިދުމަތަކަށްކަަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.