ޚަބަރު

ޓޫރިޒަމް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި


  • ކުރިން ފުރުޞަތު ހުޅުވާލީ މިމަހުގެ ޖުލައި 16 އާއި ހަމައަށް

  • މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑް

  • ސުންގަޑި އިތުރުކުރީ ވީހާވެސް ގިނަ ފަރާތްތަކަށް ފުރުޞަތު ދިނުމަށް

މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2023 އަށް ކުރިމަތިލުމުގެ މުއްދަތު މި ޖުލައި މަހުގެ 31 ގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީން އިތުރުކުރައްވައިފިއެވެ.

މޯލްޑިވްސް ޓޫރިޒަމް އެވޯޑް ދިނުމުގެ މައިގަނޑު މަޤްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ކުންފުނިތަކުގެ އަގުވަޒަންކުރުންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. މިއަހަރު ތަފާތު ކެޓަގަރީތަކަކުން ޖުމްލަ 59 އެވޯޑް ދިނުމަށް ނިންމާފައިވާއިރު ކޮންމެ ކެޓަގަރީއަކުން އެވޯޑްތައް ދިނުމަށް ވަކިން ޚާއްސަ ޕެނަލެއް ވަނީ އެކުލަވާލާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ޖޫން މަހު މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު އެންމެ ފުރަތަމަ ހުޅުވާލީ ޖުލައި މަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް މިހާރު އެ މުއްދަތު ވަނީ މި މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. އެ މިނިސްޓްރީން ވިދާޅުވީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރީ ވީހާވެސް ގިނަ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެއެވެ. އެގޮތުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޖުލައި ވާ ހޯމަ ދުވަހުގެ މެންދުރު 1:00 އެވެ.

މިއަހަރު އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ޓޫރިސްޓް ރިސޯޓުތަކަށާއި، މެރީނާތަކަށާއި، ޓޫރިސްޓް ހޮޓެލްތަކަށާއި، ގެސްޓްހައުސްތަކަށާއި، ސަފާރީ އުޅަނދުތަކަށާއި އަދި ޓްރެވަލް އެޖެންސީތަކަށެވެ. އަދި ޑައިވް ސެންޓަރުތަކަށާއި ވޯޓަރ ސްޕޯޓްސް ސެންޓަރުތަކަށްވެސް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ޓޫރިޒަމް އެވޯޑަށް ރިސޯޓުތަކަށް ޖުމްލަ 16 ދާއިރާއަކުން އެވޯޑަށް ކުރިމަތިލުމަށް ފުރުޞަތުވަނީ ހުޅުވާލާފައިއެވެ. އެގޮތުން ގެސްޓްހައުސްތަކަށް 15 ދާއިރާއަކުން، ޓޫރިސްޓް އުޅަނދުތަކައް ޖުމްލަ 13 ދާއިރައަކުން އަދި، ޓުރެވަލް އެޖެންސީތަކާއި ޑައިވް ސެންޓަރުގެ އިތުރުން ވޯޓަރ ސްޕޯޓްސް ސެންޓަރުތަކައް 5 ދާއިރާއިން އެވޯޑަށް ކުރިމަތިލެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީއިން ވިދާޅުވެއެވެ.

ހަމައެހެންމެ ޓޫރިޒަމް ޕްރޮފެޝަނަލުންނަށް 10 ދާއިރާއަކުން ވަނީ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.