ޚަބަރު

ދާއިމީ ވޯޓާސް ލިސްޓަށް 18 ޝަކުވާ، މާދަމާ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލަނީ


  • ދާއިމީ ވޯޓާސް ލިސްޓަށް ހުށަހަޅާފައިވަނީ 18 ޝަކުވާ

  • މާދަމާ ރީ-ރަޖިސްޓްރީވުމަށް ހުޅުވާލާނެ

  • ރީިރަސްޖިސްޓްރީވުމަށް މިމަހުގެ 31 ގެ ނިޔަލަށް ފުރުޞަތު ލިބޭނެ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި 18 ޝަކުވާ ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށްފަހު މިހަފްތާގެ ތެރޭގައި ފައިނަލް ލިސްޓު އާންމު ކުރުމަށް ނިންމަވާފައެވެ.

ރިޔާސީ އިންތިޚާބުގައި އެމީހަކު ރަށްވެހިފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން ރީ-ރަޖިސްޓްރީވުމަށް މާދަމާ ހުޅުވާލާނެއެވެ. ރީ- ރަޖިސްޓްރީއަށް ހުޅުވާލުމުގެ ކުރިން ވޯޓާސްލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން 18 ޝަކުވާއެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނިޔާވެފައިވާ 17 މީހުންގެ ނަން ވޯޓާސް ލިސްޓުގައި ހިމެނުމާއި، އެޑްރެސް ބަދަލުވެފައިވާ މީހެއްގެ ޝަކުވާއެވެ.

އިލެކްޝަންސް ކޮމިޝަންސްގެ ނައިބް ރައީސް އިސްމާއިލް ޙަބީބް ވިދާޅުވީ ވޯޓާސް ލިސްޓަށް ހުށަހެޅުނު ޝަކުވާތަކާއި ގުޅޭ މައްސަލަތައް އިޞްލާހުކުރުމަށްފަހު މިހަފްތާގެ ތެރޭގައި ލިސްޓު އާންމު ކުރައްވާނެކަމަށެވެ. ހަބީބް ވަނީ އޮލްނައިލްކޮށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލާއިރު މިހާރު ރަޖިސްޓްރީގައި އެމީހަކަށް ވޯޓުލެވޭ ތަނަކީ ކޮބައިކަން ބެލުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކޮންމެ މީހަކުވެސް، އެމީހަކު ރަޖިސްޓްރީ ކުރަންބޭނުންވާ ތަނަކަށް ވީހާވެސް އަވަހަށް ރަޖިސްޓްރީވުމަށް ޙަބީބް އެދިވަޑައިގެންނެވިއެވެ.

"ދެހަފްތާ އަޅުގަނޑުމެން ޚާއްސަ މިކުރަނީ އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރުމަށް. ކުރިން އަޅުގަނޑުމެން ދަންނަވާފަ އޮންނާނީ ޖުލައި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވާގޮތަށް. މިހާރު އަޅުގަނޑުމެން މިބަދަލުކޮށްލީ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީ ވުމުގެ ފުރުސަތު." ހަބީބް ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލައިރު، 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި، މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުން ރީރަޖިސްޓްރީ ކުރަން ނުޖެހޭގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި ރީ- ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެދުރުފަހު 15:00އާއި ހަމައަށް އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އެގޮތުން، އެ ދުވަހު ހެނދުނު 8 އިން ހަވީރު 4އަށް ވޯޓު ލުމަށް ގަޑި ކަނޑައަޅަފައިވާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމަށް 604 ވޯޓު ފޮށި ބެހެއްޓުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.