އަރިއަތޮޅު ދެކުނުބުރީ މަހިބަދުއަކީ މިއަތޮޅުގައި އޮންނަ އެންމެ އާބާދީބޮޑު އެއްރަށެވެ. ޢުމްރާނީ ތަރައްޤީގެގޮތުން ބަލާއިރު މިއީ މިއަތޮޅުގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ. މިރަށުގެ ތަރައްޤީއަށްވެސް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެންމެ މުހިންމު އެއްކަމަކީ ރަށުގެ ބިމުގެ ޖާގައިގެ ދަތިކަން ޙައްލުކުރެއްވުމަށްޓަކައި ކުރައްވަމުންދާ މަސައްކަތެވެ.
އަރިއަތޮޅު ދެކުނުބުރީ އެހެން ރަށްރަށެކޭ އެއްފަދައިން މަހިބަދޫގެ ތަރައްޤީއަށްވެސް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ވޭތުވެދިޔަ ހަތަރުވަރަށް އަހަރުދުވަހުގެ ތެރޭގައި މިރަށުގައި ކުރިއަށްގެންގޮސް ނިންމާފައިވާ ބައެއް މަޝްރޫޢުތަކަށް ބަލާއިރު، މަހިބަދޫގައި ހުންނަ އދ.އަތޮޅު މަދަރުސާގެ ޖާގައިގެ ދަތިކަން ޙައްލުކުރެއްވުމަށް ކުރިއަށްގެންދިޔަ 12 ކްލާސްރޫމް ޢިމާރާތްކުރުމުގެ މަޝްރޫޢުވަނީ މިހާރު ނިމި ބޭނުންކުރަން ފަށާފައެވެ. މިއީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.
މީގެ އިތުރުން އދ،އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑްކުރުމުގެ މަޝްރޫޢުވެސް ވަނީ ނިމިފައެވެ. އަދި ހޮސްޕިޓަލްގެ އާ ޢިމާރާތުގެ މަސައްކަތްވަނީ ޕްރީ ޓެންޑަރިން މަރުޙަލާގައެވެ.
އާބާދީގައި 2000އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ އދ.މަހިބަދޫގެ ބިމުގެ ބޮޑު މިނަކީ 22.3 ހެކްޓަރެވެ. މިއީ ރަށުގެ ބިން މުޅިންހެން ފުރިފައި އޮތް ރަށެކެވެ. ދިރުއުޅުމަށް ގޯތި ދޫކުރާނެ ބިމެއް ނެތެވެ. އަދި ސިނާޢީ މަސައްކަތްތަކާއި އެނޫންވެސް އިޤްތިޞާދީ އެކިއެކި މަސައްކަތްތަކަށް ދޫކުރެވޭނެ ބިމެއްވެސް ރަށުގައި އަމުދުން ނެތެވެ. މިއީ ރަށުގެ ރައްޔިތުންނާއި ކައުންސިލުގެ އެންމެބޮޑު ކަންބޮޑުވުމެވެ.
މަހިބަދޫގެ ބިމުގެ ޖާގައިތުރުކުރުމަށް ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދަން ސަރުކާރުން ވަނީ މިހާރު ޕްލޭންކޮށްފައެވެ. ދައުލަތުގެ ބަޖެޓުން އަށް މިލިޔަން ރުފިޔާ މިމަޝްރޫޢަށް ވަނީ މިހާރުވެސް ކަނޑައަޅުއްވާފައެވެ. އަންނަ އޮގަސްޓުމަހުގެ ފަހުކޮޅު މިމަޝްރޫޢުގެ މަސައްކަތް ފަށާނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.
މަހިބަދޫގެ ޒަމާންވީ މިމައްސަލަ ޙައްލުކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށްޓަކައި ރަށުކައުންސިލުން ވަނީ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.
މަހިބަދޫގެ ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑެތި ބައެއް މަޝްރޫޢުތަކުގެ ތެރެއިން ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ފާހަގަކޮށްލެވެއެވެ. މިމަޝްރޫޢަށް މިހާރުވެސް ތިން ލައްކައަށްވުރެ ގިނަ ރުފާ ދއުލަތުގެ ބަޖެޓުން ކަނޑައަޅުއްވާފައިވެއެވެ. މިމަޝްރޫޢުގެ މަސައްކަތް މިވަގުތު ވަނީ ޕްރީ ޓެންޑަރިންގެ މަރުޙަލާގައެވެ. މީގެ އިތުރުން މަހިބަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހިވެސް ވަނީ ޕްރީ ޓެންޑަރިންގެ މަރުޙަލާގައެވެ. މިމަޝްރޫޢަށްވެސް މިލިޔަނަކަށްވުރެ ގިނަ ރުފިޔާ މިހާރުވެސް ވަނީ ބަޖެޓުކޮށްފައެވެ.
މިވަގުތުވެސް މިރަށަށް އެކަނިވެސް ސަރުކާރުން ހިންގާ 12 މަޝްރޫޢެއް އެކި މަރުޙަލާތަކުގައި ވެއެވެ. ބައެއް މަޝްރޫޢުތައް ނިމިފައިވާއިރު އަނެއްބައި މަޝްރޫޢުތައް އަންނަނީ އެކި މަރުޙަކާތަކުގައި ހިނގަމުންނެވެ.