ޚަބަރު

މިޝިގަންއާއި މިސިސިޕީގެ ޕްރައިމަރީ ޓްރަމްޕް ކާމިޔާބުކުރުން


އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށްޓަކައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑެސީ ހޯއްދެވުމަށް މަސައްކަތް ކުރައްވާ ޑޮނަލްޑް ޓްރަމްޕް، މިޝިގަން އާއި މިސިސިޕީގެ ޕްރައިމަރީވެސް ކާމިޔާބު ކުރައްވައިފިއެވެ. ޓްރަމްޕް މިދެ ސްޓޭޓްގެ ޕްރައިމަރީވެސް ކާމިޔާބު ކުރައްވާފައި މިވަނީ ރިޕަބްލިކަން ޕާޓީގެ ނުފޫޒުގަދަ ބޭފުޅުން އޭނާއާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ. އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ މެދުގައި ނަގާފައިވާ ޚިޔާލު ހޯދުމުގެ ސާރވޭއެއްގެ ނަތީޖާ ދައްކާގޮތުން ޕްރައިމަރީ އަދި ބާއްވާފައިނުވާ އެމެރިކާގެ މެދުތެރެއާއި ހުޅަނގެ ސްޓޭޓްތަކުގައި ދިރިއުޅޭ ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ތާއީދުވެސް އެންމެ ބޮޑީ ޓްރަމްޕަށެވެ. ރިޕަބްލިކަން ޕާޓީގެ ފަރާތުން މިހާތަނަށް ބޭއްވި ޕްރައިމަރީ ތަކުގެ ތެރެއިން އެންމެ ގިނަ ޕްރައިމަރީ ތައްވެސް ކާމިޔާބު ކުރައްވާފައިވަނީ ޓްރަމްޕެވެ. ޓްރަމްޕްވަނީ މުސްލިމުން އެމެރިކާއަށް އެރުން މަނާކުރުމަށާއި އެމެރިކާގައި ގާނޫނާ ޚިލާފަށް ދިރިއުޅޭ ބޭރު ގައުމުތަކުގެ ބާރަވަރަކަށް މިލިޔަން މީހުން އެމެރިކާއިން ބޭރުކޮށްލުމަށް ގޮވާލައްވާފައެވެ.