ދުނިޔޭގެ ވިޔަފާރި

ޗައިނާގެ އެކްސްޕޯޓް ދަށަށް!


  • ޖޫންމަހު އެކްސްޕޯޓް ވަނީ 12.4 އިންސައްތަ ދަށަށް ގޮސްްފައި

  • މިއީ މިދިޔަ 3 އަހަރު ތެރޭގައި އެންމެ ދަށަށް ދިޔަ ފަަހަރު

  • ޖޫންމަހު އިމްޕޯޓްވެސް ވަނީ ދަށަށް ގޮސްފައި

ޗައިނާއިން އެކްސްޕޯޓްކުރި މިންވަރު މިދިޔަ 3 އަހަރު ތެރޭގައި ދަށަށް ނުދާ މިންވަރަށް ޖޫންމަހު ދަށަށް ގޮސްފައިވާކަމަށް އެ ޤައުމުގެ ކަމާއިބެހޭ ފަރާތްތަކުން އާއްމުކުރި މައުލޫމާތުތަކުން ދައްކައިފިއެވެ.

ޗައިނާގެ ކަމާއިބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ޖޫންމަހު ޗައިނާގެ އެކްސްޕޯޓް ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 12.4 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި އޭގެކުރިން މޭމަހުވެސް ޗައިނާގެ އެކްސްޕޯޓް ވަނީ 7.5 އިންސައްތަ ދަށަށް ގޮސްފައެވެ.

ޗައިނާގެ އެކްސްޕޯޓްގެ އިތުރުން އިމްޕޯޓްވެސް ވަނީ ޖޫންމަހު 6.8 އިންސައްތަ ދަށަށް ގޮސްފައެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން ޗައިނާގެ އެކްސްޕޯޓް ދަށަށް ދިއުމުގެ އެއް ސަބަބަކީ އެހެން ޤައުމުތަކުގެ ސެންޓްރަލް ބެންކުތަކުން އިންޓްރެސްޓް ރޭޓް ބޮޑުކުރުމުގެ ސަބަބުން "ކޮސްޓް އޮފް ބްރޮވިންގ" ބޮޑުވެމެވެ. މީގެއިތުރުން އެމެރިކާއާއި ޗައިނާއާ ދެމެދު ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައިގެ ތެރެއިން ޗައިނާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަކީވެސް ޗައިނާގެ އިޤްތިޞާދަށް އޭގެ ސަބަބުން އަސަރުކުރާ ކަންކަންކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ޗައިނާގެ އިޤްތިޞާދަށް އަސަރުކުރާ އެހެންކަމުގެ ތެރޭގައި ދުނިޔޭގެ އިޤްތިޞާދު އިއާދަވުން ލަސްވުމާއި، އެކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއާއި އިންވެސްޓްމަންޓްތައް މަޑުޖެހުން ހިމެނެއެވެ.

މިދިޔަ އަހަރު ޗައިނާގެ އިޤްތިޞާދު ކުރިއަރާފައިވަނީ 3 އިންސައްތައިންނެވެ. އިޤްތިޞާދީގޮތުން ދަތިތަކެއް ކުރިމަތިވީނަމަވެސް ޗައިނާގެ އިޤްތިޞާދު މިއަހަރު 5 އިންސައްތައިގެ ކުރިއެރުމެއް ހޯދާނެކަމަށް އެ ޤައުމުގެ ކަމާއިބެހޭ ފަރާތްތަކުން ލަފާކުރެއެވެ.