ޚަބަރު

ހޯރަފުށީ މަގު ހެދުމުގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭ ނިންމަނީ


  • ފުރަތަމަ ފިޔަވަހީގެ ދަށުން ހޯރަފުށީގެ 11 މަގުގެ މަސައްކަތް ކުރާނެ

  • މިމަޝްރޫޢަށް ބަޖެޓުން 71.9 މިލިއަން ރުފިޔާ ޚަރަދުކުރޭ

  • އެރަށުގެ 5303 މީޓަރުގެ ސަރަހައްދުގެ މަގުގައި ތާރުއެޅުމާއި އެނޫން މަސައްކަތްވަނީ ކޮށްފައި

ހއ. ހޯރަފުށީގެ މަގު ހެދުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށް އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން މިހާރު ކުރިއަށްގެންދަނީ އެރަށުގައި ހަދާ އެންމެ ފަހު މަގުގެ މަސައްކަތެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ޙަވާލުކޮށްގެން ހއ.ހޯރަފުށީ މަގު ހެދުމުގެ މަސައްކަތް ޙަވާލުކޮށް މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ. މިމަސައްކަތް މިހާރު ނިމުމަކާ ވަނީ ގާތްވެފައެވެ. ހޯރަފުށީ މަގުތަކުގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީކުރާ މަގުތަކުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެކަމަށެވެ.

"ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީކުރާ 11 މަގުގެ ތެރެއިން 10 މަގުގެ މަސައްކަތް މިހާރުވަނީ އެއްކޮށް ނިމިފައި. އަދި 11 ވަނަ މަގުގެ މިހާރު ކުރިއަށްދަނީ އޭބީސީ ފަށަލައިގެ މަސައްކަތް. އެމަސައްކަތްވެސް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެކަމަށް މިބަލަނީ." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީކުރާ ސަރަޙައްދުގެ މަސައްކަތް ނިމިގެން މިއަހަރުގެ ތެރޭގައި ހޯރަފުށީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް އެކުންފުންޏާއި ޙަވާލުކުރުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށެވެ.

މިމަޝްރޫޢާއި ގުޅޭގޮތުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ވިދާޅުވީ، އެރަށުގެ މަގުތަކުގެ މައްސަލަ ވަރަށް ބޮޑުކަމަށެވެ. ސްކޫލް ކުދިންވެސް ވަރަށް ބޮޑު ތަކުލީފެއް އުފުލަމުން އައިކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި އަޑިގުޑަންތަކުގައި ދުއްވުމުގެ ސަބަބުން، މީގެކުރިން ހޯރަފުއްޓަށް ގެންނަ ވެހިކަލްތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަލާކުވާކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ހޯރަފުށީގެ މަގުތަކުގެ މައްސަލައަކީ ރައްޔިތުން ވަރަށް ބޮޑަށް ޝަކުވާ ކުރި މައްސަލައެއް. މަގުތައް ހައްދަވާދެއްވާނެކަމަށް ވަޢުދުވެވަޑައިގެންނެވި ހަމައެކަނި ރައީސަކީ އިބްރާހީމް މުޙައްމަދު ޞާލިޙު، އަދި އެވަޢުދު ފުއްދަވާ ދެއްވި ހަމައެކަނި ރައީސަކީވެސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ދެހާހެއްހާ މީހުން ދިރިއުޅޭ ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ 5.3 ކިލޯމީޓަރުގެ މަގުގައި ތާރުއަޅައިގެން އަންނަނީ ތަރައްޤީކުރަމުންނެވެ. މީގެތެރޭގައި މީހުން ޢާއްމުކޮށް ބޭނުންކުރާ ރަށުގެ ޢާއްމު ޚިދުމަތްތައް ޤާއިމުކޮށްފައިވާ، ރަށުގެ މައި 6 މަގުވެސް ހިމެނެއެވެ.

މިމަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 71.9 މިލިއަން ރުފިޔާއަށެވެ. މީގެ ދަށުން އެރަށުގެ 5303 މީޓަރުގެ ސަރަހައްދުގެ މަގުގައި ތާރުއެޅުމާއި ސަބްބޭސް ހެދުމާއި އޭބީސީ ފަށަލައިގެ އިތުރުން ޕޭމަންޓު ހެދުމުގެ މަސައްކަތްވަނީ ކޮށްފައެވެ. އަދި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުތަކުގައި ނިޝާން ހަރުކުރުމާއި، ސްޕީޑްބްރޭކަރު ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.