ޚަބަރު

ފުލުހުންގެ "ރައްކާ" ކެންޕެއިނަށް 3 ކުންފުންޏަކުން އެހީތެރިވެދެނީ


  • ފުލުހުންގެ ރައްކާ ކެންޕެއިންގައި ބައިވެރިވެފައިވަނީ އެލައިޑް، ޝީޝާ އަދި އުރީދޫ

  • ކެންޕެއިންގެ މަޤްސަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން

  • މިދިޔަ އަހަރު މި ކެންޕެއިން ރާއްޖޭގެ 31 ރަށެއްގައި ވަނީ ކުރިއަށްގެންގޮސްފައި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ދަނީ "ރައްކާ" ގެ ނަމުގައި ޚާއްސަ ކެންޕެއިނެއް ކުރިއަށްގެންދަމުންނެވެ. މި ކެންޕެއިންގެ މަޤްސަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގެ ޢަދަދު މަދުކުރުމެވެ. މި ކެންޕެއިންގައި ފުލުހުންނާއެކު އެކިއެކި ކުންފުނިތައް އަންނަނީ ބައިވެރިވަމުންނެވެ.

ފުލުހުން ކުރިއަށްގެންދާ "ރައްކާ" ކެންޕެއިނުގައި މިއަހަރު 3 ކުންފުންޏަކުން ބައިވެރިވެ އެކަމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއެކޮށްފައެވެ. މި ކެންޕެއިންގައި މިއަހަރު ބައިވެރިވެފައިވަނީ ސިލްވަރ ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރެންސް އަދި ޝީޝާ އެވެ. މީގެއިތުރުން ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ވަނީ ބައިވެރިވެފައެވެ.

ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ފަޞީހް ވިދާޅުވީ، ރައްކާ ކެންޕެއިންގައި ބައިވެރިވެފައިވާ ކުންފުނިތަކަކީ އެ ކުންފުނިތަކުގެ ސީއެސްއާރުގެ ދަށުންވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާ ކުންފުނިތަކެއްކަމަށެވެ. މި ކެންޕެއިން ކުރިއަށްގެންދިއުމުގެ އެންމެ މުހިންމު އެއް ބޭނުމެއްގެ ގޮތުގައި ފަޞީހް ފާހަގަކުރެއްވީ އެކްސިޑެންޓްތައް މަދުކޮށް އެކްސިޑެންޓްތަކުގައި މީހުންނާއި މުދަލަށް ލިބޭ ގެއްލުން ކުޑަކޮށް މަރުވާ މީހުންގެ ނިސްބަތް ދަށްކުރުމެވެ.

"މިހާރު ބުރަކޮށް މި މަސައްކަތް ކުރުމުގައި އޮތީ އެންމެ މަޤްސަދެއް. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުން. މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުން. އެ އެކްސިޑެންޓްތަކުގައި މުދަލަށާއި ޖިސްމަށް ލިބޭ ގެއްލުން ކުޑަކުރުން. އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ އަދަދު ސުމަކަށް ތިރިކުރުން" ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަޞީހް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ރައްކާ ކެންޕެއިންގައި ޕާޓްނަރެއްގެ ގޮތުގައި މިހާތަނަށް ކޮންމެ އަހަރަކުވެސް ބައިވެރިވަމުން އަންނަ އެލައިޑް އިންޝުއަރެންސްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން ވިދާޅުވީ، ރައްކާ ކެންޕެއިން ފެށިއިރު މި ކެންޕެއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަނީ ރާއްޖޭގެ ކޮންމެވެސް ސަރަހައްދެއްގައިކަމަށެވެ.

ނަމަވެސް މިހާރު މި ކެންޕެއިން ފުޅާވެ މުޅި ރާއްޖޭގައި ހިންގާއިރު މި ކެންޕެއިންގައި ބައިވެރިވުމަކީ އެ ކުންފުންޏަށް މުޖްތަމައުއަށް ކޮށްދެވޭ މުހިންމު ކަމެއްގެ ގޮތުގައި ދެކޭކަމަށެވެ.

"އެންމެ މުހިންމު ކަމަކީ އަޅުގަނޑުމެންވެސް ކޮމިއުނިޓީއަށް ކުންފުންޏެއްގެ ހައިސިއްޔަތުން ކޮންޓްރިބިއުޝަންއެއް ދޭންބޭނުންވޭ. މިއީ އެންމެންގެ ރައްކާތެރިކަމާއި ގުޅިފައިވާ ކަމެއް. އެހެންވީމަ އަޅުގަނޑުމެން މިބަލަނީ ރައްކާ ޕްރޮގްރާމުން ރާއްޖޭގެ ހުރިހައި މަގުތަކެއްވެސް ރައްކާތެރި މަގުތަކެއްގެ ގޮތުގައި ބާއްވަން" ފިރުޝާން ވިދާޅުވިއެވެ.

ޝީޝާ ޕްރައިވެޓް ލިމިޑެޓްގެ އޮޕަރޭޝަންސް އަދި މާކެޓިންގ މެނޭޖަރ ފާތިމަތު ޖުމާން ވިދާޅުވީ، ރައްކާ ކެންޕެއިނުގައި ޝީޝާއިން 2 ވަނަ ފަހަރަށް ބައިވެރިވީ މިދިޔަ އަހަރުގެ ކާމިޔާބީއަށް ބެލުމަށްފަހުގައިކަމަށެވެ. މި ކެންޕެއިންގެ ސަބަބުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ މައުލޫމާތު ގިނަ ޢަދަދެއްގެ މީހުންނަށް ވާސިލުވެގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިދިޔަ އަހަރު ކެންޕެއިންގައި ފުލުހުންނާއިއެކު ވަރަށް ގާތުން އަޅުގަނޑުމެން މަސައްކަތް ކޮށްފައިވާނެ. އޭގެއިން އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ވަރަށް ބޮޑު ބަދަލުތަކެއްވެސް ވަނީ އައިސްފައި. އަދި ޙާއްސަގޮތެއްގައި ސްކޫލްތަކުގައި މި ނަގާދެވޭ އެވެއަރނެސް ސެސަންތަކާއި ގުޅިގެން ވަރަށް ގިނަ މީހުންނަށް މައުލޫމާތު ވަނީ ފޯރުކޮށްދެވިފައި. އެހެންވީމަ އަޅުގަނޑުމެން ބޭނުންވީ މިއަހަރުވެސް އިތުރު ކަންތައްތަކާއިއެކީގައި ބައިވެރިވާން" ޖުމާން ވިދާޅުވިއެވެ.

މިއަހަރުގެ ރައްކާ ކެންޕެއިންގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެފައިވަނީ އުރީދޫ މޯލްޑިވްސްއެވެ. މިއީ އުރީދޫއިން މި ކެންޕެއިންގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ، މުޅި ދުނިޔެވެސް ޑިޖިޓަލައިޒް ވެގެންދާއިރު މަގުމަތީގައި ބަހައްޓާލާ ބިލްބޯޑަކުން މިކަން އަދި ހައްލު ވެގެންނުދާނެކަމަށެވެ. އެހެންކަމުން ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ މައުލޫމާތު އުރީދޫއިން ފޯރުކޮށްދޭނެކަމަށެވެ.

"މިހާރުގެ އައު ޖެނެރޭޝަން މިތިބީ ޑިޖިޓަލް ޕްލެޓްފޯމްގައި. އެހެންވީމަ ބިލްބޯޑެއް ޖަހައިގެން ހިއެއްނުވޭ އެވެއަރނެސް ވާނެހެނެއް. ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އަޅުގަނޑުމެން ބައިވެރިވިއިރު ހުރިހައި ޑިޖިޓަލް ޕްލެޓްފޯމްއެއްގައި އަޅުގަނޑުމެން އެވެއަރނެސް ކުރިއަށްގެންދާނަން. މި އެވެއަރނެސް ތެރޭގައި ކުދިކުދި ވީޑިއޯތަކާއި، ދިމާވާނެ ކަންތައްތަކާއި އަދި އޭގެ އިތުރުން މިކަންކަން ޙައްލު ކުރާނެ ގޮތްތައް ކިޔާދޭނަން" ނިޔާޒް ވިދާޅުވިއެވެ.

ފުލުހުން ކުރިއަށްގެންދާ ރައްކާ ކެންޕެއިން މިދިޔަ އަހަރު މާލެ ހިމެނޭހެން ރާއްޖޭގެ 31 ރަށެއްގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި މި ކެންޕެއިންތަކުން 16000 އަށްވުރެ ގިނަ މީހުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.