ޚަބަރު

ފޯކައިދޫގައި ކުރިޔަށްގެންދިޔަ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ރައީސް އިފްތިތާޙްކޮށްދެއްވައިފި


  • ރައީސް ވަނީ ފޯކައިދޫ ފެނާއި ނަރުދަމާގެ ނިޒާމްގެ ޚިދުމަތް ފަށްޓަވާދެއްވާފައި

  • އެރަށު ބަނދަރާއި، ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި، ފުޓުބޯޅަދަނޑު ހުޅުއްވައިދެއްވި

  • މި މަޝްރޫޢުތަކާއެކު ފޯކައިދޫގެ ތަރައްޤީއަށް ކުރިއެރުންތަކެއް އަންނާނެ

މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫގައި ސަރުކާރުން ކުރިޔަށްގެންދިޔަ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާޙް ކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވީ ފޯކައިދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އެރަށުގައި ވަކި ވަކިން ކުރިޔަށް ގެންދިޔަ 3 ރަސްމިއްޔާތެއްގައި ރައީސުލްޖުމްހުރިއްޔާ ވަނީ ފޯކައިދޫ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި، އެރަށުގެ ބަނދަރު ހުޅުއްވައިދެއްވާފައެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަނީ ފޯކައިދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި އެރަށު ފުޓުބޯޅަދަނޑު ހުޅުއްވައިދެއްވައިފައެވެ.

ފޯކައިދޫ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތާއި ބަނދަރު އަޕްގްރޭޑްކުރުުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ އެމްޓީސީސީއިންނެވެ.

ފޯކައިދޫގައި ބޭނުންކުރަމުން އައި ބަނދަރަކީ، 2003ވަނަ އަހަރު ހަދައި ބޭނުންކުރަމުން އައި ބަނދަރެކެވެ. ވެލިބަސްތާއިން ހަދާފައިވާ ބަނދަރު ވަރަށް ބޮޑަށް ހަލާކުވެ، އެކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ރަށުގެ ރައްޔިތުން އައީ އެކި ސަރުކާރުތަކުގައި އެދެމުންނެވެ. ފޯކައިދޫގެ ޒަމާނީ ބަނދަރުގެ މަސައްކަތް ފައްޓަވައިދެއްވީ މި ސަރކާރުގައި 2021ވަނަ އަހަރުއެވެ. އެ ޕްރޮޖެކްޓް ނިމި މިއަދު ފޯކައިދޫއަށް ވަނީ ރައްކާތެރި، އަމާން، ޒަމާނީ ބަނދަރެއް ލިބިފައެވެ. މި މަޝްރޫޢުގައި އެރަށުގައި 464 މީޓަރުގެ ބަނދަރެއް ވަނީ ތަރައްޤީކުރައްވާފައެވެ.

މީގެއިތުރުން ފެނާއި ނަރުދަމާގެ ރައްކާތެރި ނިޒާމެއް ނެތުމުގެ މައްސަލައަކީ ރާއްޖޭގެ ކޮންމެ ރަށަކަށްމެ މީގެ ކުރިން އޮތް މައްސަލައެކެވެ. އެގޮތުން ފޯކައިދޫގެ ފެން ފަށަލަ ލޮނުވެ ފެން ތޣައްޔަރުވުމުގެ މައްސަލަ އެރަށަށް އޮތީ ވަރަށް ބޮޑަށްކުރިމަތިވެއެވެ. އެ މައްސަލައަށް ޙައްލު ހޯދައިދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެދަށުން ފޯކައިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމި އެ ޚިދުމަތް މިހާރު ވަނީ އެރަށަށް ދޭން ފަށާފައެވެ.

ފެނާއި ނަރުދަމާ ނިޒާމާއެކު، ރައްކާތެރި ފެން ރަށަށް ލިބި ނަރުދަމާގެ ދެމެހެއްޓެނިވި ނިޒާމެއް ރަށަށް ވަނީ ލިބިފައެވެ. މިއީ 30 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

މި ދެ މަޝްރޫޢުގެ އިތުރުން ފޯކައިދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި، ރަށުގައި ސޯލަރ ހަރުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ އެރަށުގައި ކުރިއަށްގެންގޮސްދެއްވާފައެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.