ޚަބަރު

ގޯތި ލިބޭ މީހުންނާއެކުވެސް ޖޮއިންޓް އެޕްލިކޭޝަނަށް ހުށަހެޅޭގޮތް ހަދައިފި


  • ގޯތި ލިބޭ މީހުންނާއެކުވެސް މިހާރު ޖޮއިންޓް އެޕްލިކޭޝަނަށް ހުށައެޅޭނެ

  • އެ ފުރުޞަތު ހަމަވާނީ 15 ޖުލައިގެ ނިޔަލަށް

  • މިފަހަރު ދޫކުރައްވާ 5000 ގޯތި 10314 މީހަކަށް ލިބޭ

ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ ކަމަށް އިއުލާން ކޮށްފައިވާ ވަގުތީ ލިސްޓުގައި ތިބި ގޯތި ލިބޭ މީހުންނާއި ގުޅިގެން ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ބިންވެރިޔާ ސްކީމުގެ ދަށުން މާލެއިން ބަންޑާރަ ގޯތި ދޫކުރަން ހުޅުވާލި ފުރުޞަތުގައި ގޯއްޗަށް އެދި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ގޯތިލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓް ސަރުކާރުން އާއްމުކުރެއްވީ 26 ޖޫން 2023 ގައެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓް އާއްމުކުރުމަށް ފްލެޓާއި ގޯތީގެ ކަންކަމަށް ސަރުކާރުން އެކުލަވާލެއްވި ކޮމެޓީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ލިސްޓާއެކު ޝަރުތު ހަމަވެ، އިތުރު މީހަކާއި ގުޅިގެން ފޯމު ހުށަހެޅުމުން ގޯތި ލިބުމުގެ ފުރުޞަތު އޮތް މީހުންނަށް ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ.

ޕްލޭނިންގ މިނިސްޓްރީން ކުރެއްވި އިޢުލާނެއްގައި ވިދާޅުވީ، ވަގުތީ ލިސްޓުގައި ”ޝަރުތުހަމަވޭ ޖޮއިންޓް ވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް“ ސްޓޭޓަސް ގައި ހިމެނޭ ފަރާތްތަކުން ގޯތިލިބޭ ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކާ ޖޮއިންޓްވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ 23:59 ގެ ނިޔަލަށެވެ.

އެގޮތުން މިގޮތަށް ޝަރުތުހަމަވެ ގޯތި ލިބޭ ސްޓޭޓަސްގައި ނުހިމެނޭ ފަރާތަކުން ”ގޯތި ލިބޭ“ ސްޓޭޓަސްގައި ހިމެނޭ ފޯމުގެ ލީޑިންގ އެޕްލިކަންޓަށް ރިކުއެސްޓް ފޮނުވޭނެ އިންތިޒާމް ޕޯޓަލްގައި ހަމަހެހިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ. އަދި ރިކްއެސްޓް ފޮނުވާ ފަރާތަކީ ގޯތިލިބޭ ފޯމުގެ ލީޑިންގ އެޕްލިކަންޓާ ބިންވެރިޔާ އުސޫލުގެ ޖޮއިންޓް ވުމުގެ ޝަރުތުހަމަވާ ފަރާތަކަށް ވާންޖެހޭނެކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވިއެވެ.

ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ބަލައިގަނެވޭނީ ޖޮއިންޓްވާން އެދޭ ފަރާތްތަކުން ފޮނުވާ ރިކުއެސްޓް ކަނޑައެޅިފައިވާ ސުންގަޑި ހަމަވުމުގެކުރިން "ގޯތި ލިބޭ" ފޯމުގެ ލީޑިންގ އެޕްލިކަންޓް އެ ރިކުއެސްޓް ޤަބޫލުކުރުމުން ކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މާލެ ސަރަޙަށްދައް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް މާލޭގެ ރަށްވެހިންނަށް ގޯއްޗާއި ފްލެޓު ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރިޔާސީ ވަޢުދުފުޅެކެވެ.

އެގޮތުން މާލޭ ސަރަޙައްދުން ގޯއްޗަށް އެދި ހުޅުވާލި ފުރުޞަތުގައި ވަކިވަކި އެޕްލިކޭޝަނާއި ޖޮއިންޓް އެޕްލިކޭޝަންތަކުގެ ގޮތުގައި ޖުމްލަ 15164 ފޯމް ހުށަހަޅާފައިވެއެވެ. އެއީ 23088 މީހުނެވެ. އޭގެތެރެއިން 12794 ފޯމު ޝަރުތު ހަމަވާކަމަށާއި، އޭގެ ތެރޭގައި ޝަރުތު ހަމަވާ 19857 މީހުން ހިމެނޭކަމަށް ފްލެޓް ކޮމިޓީން ވިދާޅުވިއެވެ. އޭގެތެރެއިން މިފަހަރު ދޫކުރައްވާ 5000 ގޯތި 10314 މީހަކަށް ލިބޭކަމަށްވެސް އެ ކޮމިޓީން ވިދާޅުވެއެވެ.

ކޮމިޓީން ވިދާޅުވީ، ޝަރުތު ހަމަވާ 19857 މީހުންގެ ތެރެއިން މިފަހަރު ގޯތި ނުލިބުނަސް، 9544 މީހަކު ގޯއްޗަށް ޝަރުތު ހަމަވާކަމަށެވެ. އަދި އެ ފަރާތްތަކުން އިތުރު މީހަކާއި ނުވަތަ ބަޔަކާއި ގުޅިގެން ފޯމް ހުށަހެޅުއްވުމުން ގޯތި ލިބުމުގެ ފުރުޞަތު ބޮޑުވާނެކަމަށްވެސް ކޮމިޓީން ވިދާޅުވެއެވެ. ކޮމެޓީން ހިއްސާކުރެއްވި މަޢުލޫމާތައް ބަލާއިރު ބިންވެރިޔާ ސްކީމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވަނީ 2370 ފޯމެކެވެ. އެއީ ޖުމްލަ 3231 މީހެކެވެ.