ޚަބަރު

މަޝްރޫއުތަކުގެ ޑިޒައިނަށް ބަދަލުގެނައުމުން މަސައްކަތް ލަސްވެފައި، ޚަރަދުބޮޑުވޭ: ޢާޒިމް


  • 10 ވަރަކަށް ބަދަލު ގެނައި ޕްރޮޖެކްޓެއްގެ މަސައްކަތް އަދިވެސް ނުނިމޭ

  • ބަދަލު ގެންނަން ހުށަހަޅަނީ ކައުންސިލުންނާއި ރައްޔިތުން

  • މަޝްރޫއުތަކުގެ ޑިޒައިނަށް ބަދަލުގެނައުމުން ޚަރަދު ބޮޑުވެފައި، މަަސައްކަތް ލަސްވޭ

ތަރައްޤީގެ މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފެށުމަށްފަހު، އެ މަޝްރޫޢެއްގެ ޑިޒައިނަށް ބަދަލު ގެންނަންޖެހުމަކީ މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން ދައުލަތުން ބޮޑެތި ބުރަތަކެއް އުފުލަންޖެހޭކަމެއްކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގަމުންދާ އެމްޓީސީސީގެ ސީއީއޯ މިހެން ވިދާޅުވީ، ބައެއް ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފަށާ ފަހުން، އެމަޝްރޫޢެއްގެ ޑިޒައިނަށް ބަދަލުގެންނަން ބައެއް ރަށްރަށުން އެދެމުންދާތީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަވާ ތަރައްޤީއާ ގުޅިގެން ހުރި މަޝްރޫޢުތައް ސަރުކާރުން އެންމެ ގިނައިން ކޮންޓްރެކްޓް ނުވަތަ ޙަވާލުކުރައްވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ. އެގޮތުން މިހާރުވެސް އެމްޓީސީސީއާ ޙަވާލުކުރައްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެއް ނުހިނގާ ސަރަޙައްދެއް ރާއްޖެއަކު ނެތެވެ. އެގޮތުން ބަނދަރު ހެދުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމާއި، މަގުހެދުމާއި، ތާރު އެޅުމުގެ އިތުރުން ބިން ހިއްކުމާއި އެއަރޕޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަވަމުންނެވެ.

ސަރުކާރުން ހަވާލުކުރައްވާފައިވާ އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ މަޝްރޫޢެއް ހިންގަމުންދާ އެމްޓީސީސީން ފާހަގަކުރާގޮތުގައި ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށްދާއިރު އެކުންފުންޏަށް ދަތިތަކެއް ދިމާވެއެވެ.

އުތުރުގެ ރަށްރަށުގައި އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެއްފަހަރާ އެތައް މަޝްރޫޢެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފަށާފަހުން މަޝްރޫޢުގެ ޑިޒައިނަށް، ނުވަތަ މަސައްކަތް ކުރިއަށްގެންދާ ގޮތަށް ބަދަލު ގެންނަން ހުށަހެޅުންކަމަށެވެ. އެގޮތުން މަޝްރޫޢުތައް ފަށާފަހުން ބައެއް ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކުންވެސް މަޝްރޫޢަށް ބަދަލު ގެނައުމަށް އެދެމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.

އާދަމް އާޒިމް ވިދާޅުވީ، އެތައް ދުވަހެއްގެ ދިރާސާއާއި، ރިޕޯޓްތަކަށް ބެލުމަށްފަހު ތަޖުރިބާކާރުން ބޭނުންކުރައްވައިގެން ތައްޔާރުކުރާ މަޝްރޫއުގެ ޑިޒައިނަކީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށްވެސް ބަލައިގެން ތައްޔާރުކުރާ ޑިޒައިންތަކެއް ނުވަތަ ޕްލޭންތަކެއްކަމަށެވެ. އަދި ބޮޑެތި ޚަރަދުތަކެއް ކުރިއަށްގެންދާ ދިރާސާއާއި އީއައިއޭ ރިޕޯޓްތައް ތައްޔާރުކުރެއްވުމުގެ މަސައްކަތަށްފަހު، އަމަލީ މަސައްކަތް ފަށާފަހުން މަޝްރޫޢުގެ ޑިޒައިނަށް ބަދަލު ގެންނަންޖެހުމުން ދައުލަތުން އުފުލަންޖެހޭ ބުރަ ވަރަށް ބޮޑުކަންވެސް ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުން ބޭނުންވާ މަޝްރޫޢު ނިމުން ލަސްވެ، ދިގުލައިގެންދާކަންވެސް އެމްޓީސީސީގެ ސީއީއޯ ފާހަގަކުރެއްވިއެވެ.

"ބަނދަރު ހަދަން އަންނަ ފަހުން، ބަދަލުތައް ގެންނަކަމުގައިވާނަމަ ބަނދަރުގެ މަސައްކަތް ކުރުމަށް ވަރަށް ދަތިވޭ" އާޒިމް ވިދާޅުވިއެވެ.

އާޒިމް އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ ށ.ޅައިމަގުގެ ބަނދަރު ހެދުމުގެ މަސައްކަތް އެކުންފުނިން ކުރިއަށްގެންދާ ގޮތް ބައްލަވާލައްވާފައެވެ. މިއީ މަސައްކަތް ފެށިފަހުން ޑިޒައިނަށް ބަދަލު ގެންނަންޖެހުމާއި ގުޅިގެން ލަސްވެފައިވާ މަޝްރޫޢެއްކަން އެމްޓީސީސީން ފާހަގަކުރެއެވެ.

ޅައިމަގުގެ ބަނދަރުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 53 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގައެވެ.

ޅައިމަގުގައި މުޅި އައު ހާބަރެއް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން 1200 މީޓަރު ދިގު ކީވޯލްއަކާއި 400 މީޓަރުގެ ބްރޭކްވޯޓަރއެއް ޤާއިމްކުރާނެއެވެ. އަދި އެރަށުގައި ގިރަމުންދާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް ޅައިމަގުގެ ބަނދަރުގެ މަސައްކަތް ކުރިއަށްގެންދަން ރާވާފައިވާ ގޮތަށް ކުރިއަށް ގޮސްފައިނުވާކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އެކަން އެގޮތަށް ދިމާވީ އެ ރަށު ބަނދަރުގެ މަސައްކަތް ފެށިފަހުން ރައްޔިތުންނާއި ކައުންސިލުން އެދުނު ބަދަލުތަކެއް ގެންނަންޖެހުމުންކަމަށްވެސް އެމްޓީސީސީން ފާހަގަކުރެއެވެ.

އެމްޓީސީސީން ބުނީ ޅައިމަގު ބަނދަރުގެ މަސައްކަތް ފެށިފަހުން ރައްޔިތުންނާއި ކައުންސިލުން އެދިގެން ބަނދަރުގެ ޑިޒައިނަށް 10 ވަރަކަށް ބަދަލު ގެނެސްފައިވާކަމަށެވެ. އަދި މިއީ ކުންފުނީގެ ތާރީޚުގައިވެސް ހިންގި މަޝްރޫޢުތަކުގެ ތެރެއިން އެންމެ ގިނައިން ބަދަލުތައް ގެންނަންޖެހުނު މަޝްރޫޢުކަން ކަންބޮޑުވުމާއެކު އެމްޓީސީސީން ފާހަގަކުރެއެވެ.

ކުޑަ އާބާދީއެއް ބޮޑު އާބާދީއެއް ތަފާތުކުރެއްވުމެއް ނެތި ފުރަތަމަ ފަހަރަށް ރާއްޖޭގައި ތަރައްޤީގެ ޕްލޭނެއް އެކަށައަޅުއްވައިގެން ސަރުކާރުން ރައްޔިތުންގެ ތަރައްޤީއަށް ގިނަ މަސައްކަތްތައް ކުރިއަށް ގެންދަވާއިރު، އެމަސައްކަތް އަމަލީގޮތުން ކުރިއަށްގެންދާ އެމްޓީސީސީގެ އިލްތިމާސްއަކީ އަވަސް ދުވެއްޔެއްގައި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ރައްޔިތުންނާއި ކައުންސިލްތަކުން ދެއްވުމެވެ. އެގޮތުން ތަރައްޤީގެ މަސައްކަތްތައް ފަށަން އެމްޓީސީސީގެ ޓީމުތަކުން ރަށްރަށަށް ދިއުމުގެ ކުރިން އެ މަޝްރޫއެއް ކުރިއަށްގެންދާނެގޮތަކާއި ގުޅޭގޮތުން ނިންމަންޖެހޭ ހުރިހާ ނިންމުންތަކެއް ރައްޔިތުންނާއި ކައުންސިލްތަކުން ގުޅިގެން ނިންމުމަކީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެ ރަށަކުން އެމްޓީސީސީއަށް ދެވޭ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލެއްވުމަކަށްވާނޭކަމަށް އެމްޓީސީސީން ދެކެއެވެ. އަދި މަޝްރޫޢުތައް ހިންގެވުމަށް ރައްޔިތުންގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެނަމަ، ބޭކާރު ވަގުތާއި ޚަރަދުތައް ހޭދަނުކޮށް، ރައްޔިތުން ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ބާރު ދުވެއްޔެއްގައި ނިންމާލެވޭނޭކަަމަށް އެމްޓީސީސީން ޤަބޫލުކުރެއެވެ.