ޚަބަރު

ތިލަމާލެ ބްރިޖް: ގުޅިފަޅު ސަރަޙައްދުގެ މައި ޑެކްގެ މަސައްކަތް ފަށައިފި


  • ބްރިޖްގެ ގުޅިފަޅު ފަޅިން ބްރިޖެގް މައި ޑެކުގެ މަސައްކަތް ފަށައިފި

  • މައި ޑެކުގެ މަސައްކަތް ދެން ކުރިއަށްދަނީ މާލެ ފަޅިން

  • އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ

  • ބްރިޖްގެ އެކި ބައިތައް ޕްރީކާސްޓް ކުރުމުގެ މަސައްކަތް ގުޅީފަޅުގައިދަނީ ކުރަމުން

ތިލަމާލޭ ބްރިޖުގެ ގުޅީފަޅު ސަރަޙައްދުން ބްރިޖްގެ މައި ޑެކްގެ މަސައްކަތް ފަށާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މާލެއާއި ވިލިމާލެއާއި ތިލަފުށި އަދި ގުޅިފަޅު ގުޅާލުމަށް ތަރައްޤީކުރާ ތިލަމާލޭ ބްރިޖްގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. މިގޮތުން ގުޅިފަޅުގައި ބްރިޖްގެ އެކިބައިތައް ޕްރީކާސްޓްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިގޮތުން ބްރިޖްގެ ތަނބުތަކާއި ގުޅޭ އެކި މަސައްކަތްތަކާއި، ބްރިޖެގް މައި ޑެކު ތައްޔާރުކުރުމުގެ މަސައްކަތް އެކި ބައިބަޔަށް ގުޅީފަޅުގައި އަންނަނީ ކުރަމުންނެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީގެ ފަރާތުން ޕްރޮޖެކްޓަރ ޙަވާލުވެހުންނެވި، ޕްރޮޖެކްޓް މެނޭޖަރ މުޙައްމަދު ޖިނާން ވިދާޅުވީ، މައިޑެކުގެ މަސައްކަތުގެ ތެރެއިން މިހާރު ގުޅީފަޅުގައި މަސައްކަތް ފަށާފައިވާކަމަށެވެ. ބްރިޖްގެ މައި ޑެކްގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ މާލެ ސަރަޙައްދުންނެވެ. މިމަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ގުޅާލުމަށް ހަމަޖެހިފައިވަނީވެސް މާލެއާއި ވިލިމާލެއެވެ. އަދި ވިލިމާލެއިން ގުޅިފަޅަށެވެ. މިދެ ސަރަޙައްދުގައިވެސް މިހާރު އެންމެ ބޮޑު މަސައްކަތަކަށް ކުރިއަށްދަނީ ބްރިޖްގެ މައި ޑެކްގެ މަސައްކަތެވެ.

މައި ޑެކްގެ އިތުރުން ބްރިޖް ޤާއިމްކުރުމަށް ކަނޑުގައާއި އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތްވެސް އެކި މަރުޙަލާގައި އަންނަނީކުރަމުންނެވެ. މީގެއިތުރުން ވިލިމާލެއާއި ގުޅިފަޅުގެ އެއްގަމުގައި ޖަހާ ބްރިޖުގެ ތަނބުތައް ޖެހުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެކި ބައިތަކަށް ގުޅާލުމަށް ހަމަޖެހިފައިވާ ތިލަމާލޭ ބްރިޖްގެ އެކި ސެގްމަންޓުތަކުގެ މަސައްކަތް ގުޅިފަޅު ޕްރީކާސްޓް ޔާޑުގައި އަންނަނީ ކުރަމުންނެވެ.

ބްރިޖްގެ މަސައްކަތުގެ ތެރެއިން ކަނޑުގައި ޖަހާ ގިނަ ތަނބުތަކެއް މާލެއާއި ގުޅިފަޅާއި ދޭތެރޭ ދަތުރުކުރާއިރު ފެންނަގޮތަށް މިހާރު ފެނުންމައްޗަށް ހުންނަކަން ފާހަގަކުރެވެއެވެ. އެކި ސަބަބުތަކާއިގުޅިގެން ބްރިޖްގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ލަސްތަކެއް އައިނަމަވެސް ކަނޑައަޅާފައިވާ ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރިއަށްދާކަން ހައުސިންގ މިނިސްޓްރީން ފާހަގަކުރައްވައެވެ.

ގްރޭޓަރ ސަރަޙައްދަށް ބޮޑު ބަދަލެއް އިޤްތިޞާދީގޮތުންވެސް އަދި ޢުމްރަނީގޮތުންވެސް ގެނައުވާނެ މިމަޝްރޫޢު ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގައެވެ. އަދި ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ 2024 ހުގެ ނިޔަލަށެވެ. ހަތަރު ސަރަޙައްދެއް ގުޅުވާލާ، ޖުމްލަ 6.7 ކިލޯމީޓަރުގެ މިބްރިޖު ތަރައްޤީކުރުމަށް 7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކުރުމަށްވަނީ ހަމަޖެހިފައެވެ.