ޚަބަރު

ދަރިވަރުންގެ ސެޓްފިކެޓްތައް ޕޯސްޓް މެދުވެރިކޮށް ފޮނުވާނެ އިންތިޒާމް ހަމަޖައްސައިފި


ރާއްޖޭގައި ބާއްވާ އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުންގެ ސެޓްފިކެޓްތައް ރައްކާތެރިކަމާއެކު އިމްތިޙާނު ސެންޓަރުތަކަށް ފޮނުވޭނެ އިންތިޒާމު މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަމަޖައްސަވައިފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މޯލްޑިވްސް ޕޯސްޓްއާއި ދެމެދު މިކަމާއި ގުޅޭ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

ސެޓްފިކެޓްތައް ރައްކާތެރިކަމާއެކު އިމްތިޙާނު ސެންޓަރުތަކަށް ފޮނުވުމަށް ޕޯސްޓާއެކު އެޑިއުކޭޝަން އެއްބަސްވުމެއް ޤާއިމްކުރެއްވީ ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަޤުވާމީ އަދި ޤައުމީ ފެންވަރުގެ ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުތަކުގެ ސެޓްފިކެޓް ދަރިވަރުންނަށް ފޯރުކޮށް ދިނުމުގައި ގިނަ ދަތިތަކެއް ކުރިމަތިވަމުންދާތީއެވެ. އެގޮތުން ދަރިވަރުންގެ ސެޓްފިކެޓް ނުލިބި އެތައް ދުވަހެއް ފާއިތުވުމާއި، ސެޓްފިކެޓްތަކަށް އެކިވަރުގެ ގެއްލުންވުމާއި، ސެޓްފިކެޓް ގެއްލުން ފަދަ އެތައްކަމެއް ދިމާވެފައިވާކަން މިނިސްޓްރީން ފާހަގަކުރައްވައެވެ.

މިކަމަށް ޙައްލެއް ގެނެސްދިނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މޯލްޑިވްސް ޕޯސްޓްއާއެކު ޤާއިމްކުރި އެއްބަސްވުމުގެ ދަށުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ރާވާ ހިންގާ އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުންގެ ސެޓްފިކެޓްތައް ރައްކާތެރިކަމާއެކު އަތޮޅުތެރޭގެ ރަށްރަށުގެ ސެންޓަރުތަކަށް ފޯރުކޮށްދިނުމުގެ ކަންކަން މޯލްޑިވްސް ޕޯސްޓްއިން ކުރަމުންދާނެއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިޙްސާން ވިދާޅުވީ، މީގެކުރިން ރަށްރަށުގެ ސެންޓަރުތަކަށް ސެޓްފިކެޓްތައް ފޮނުވުމުގައި އެންމެ ބޮޑަށް ދަތިވަނީ، ސެޓްފިކެޓްތައް ހަވާލުކުރާނެ ފަދަ އިތުބާރުކުރެވޭ މީހަކު ސެޓްފިކެޓް ދޫކުރާ ދުވަހު މާލެ ނާދެވޭތީ ދިމާވާ ދަތިތައްކަމަށެވެ.

"މިގޮތަށް ޢަމަލުކުރާތީ އިތުބާރުކުރެވޭ މީހަކު ދަތުރުވަރިއެއްގައި ދިމާނުވުމާއި، ނުވަތަ ދިމާވުމުން އެފަރާތްތަކުން ސެޓްފިކެޓްތައް އުފުލުމުގައި ސެޓްފިކެޓްތަކަށް ގެއްލުން ލިބުމާއި، ސެޓްފިކެޓް ގެއްލުމާއި މިކަހަލަ ކަންތައްތައް ކޮންމެވެސް ވަރަކަށް ކުރިމަތިވެފައި އެބަހުރި އަޅުގަނޑުމެނަށް. ވަރަށް ޢާއްމުކޮށް މިކޮޅަށް ސެޓްފިކެޓްތަކާއި ޙަވާލުވުމަށް ދަތުރުވެރިއެއްގައި ދިމާނުވުމާއި، ދަރިވަރުންނަށް ސެޓްފިކެޓް ލިބުން ވަރަށް ލަސްވެގެން ގޮސްފައި އެބަހުރި" ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، އާދަމް މުޙައްމަދު ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން ބޭނުންވާ ގޮތަށް ދަރިވަރުންގެ ސެޓްފިކެޓްތައް ރައްކާތެރިކަމާއެކު ފޯރުކޮށްދޭނެކަމަށެވެ.

"މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން އެދިލައްވާގޮތަށް އަދި އެއަށްވުރެވެސް ފުރިހަމައަށް އަޅުގަނޑުމެން މިކަން ކޮށްދޭނެކަމުގެ ޔަގީންކަން ދެން" އާދަމް މުޙައްމަދު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ޕޯސްޓް އޮފީސް މެދުވެރިކޮށް އަތޮޅުތެރޭގެ ސެންޓަރުތަކަށް ސެޓްފިކެޓް ފޮނުވަން ފެށުމާއެކު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނަށް ސެޓްފިކެޓް ލިބޭތާ ގިނަވެގެން 20 ދުވަހުގެ ތެރޭގައި ސެންޓަރުތަކަށް ޙަވާލުކުރެވޭނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އެހެންކަމުން ކުރިއަށްއޮތްތަނުގައި ދަރިވަރުންނާއި ހަމައަށް ސެޓްފިކެޓްތައް އަވަހަށް ފޮނުވައިދޭނެކަމުގެ ޔަގީންކަން މިހާރު ލިބޭނޭކަމަށްވެސް މިނިސްޓްރީން ފާހަގަކުރެއެވެ.