ކުޅިވަރު

ވިމްބަލްޑަންއިން ފެޑެރާގެ ހަނދާން އައުކޮށްފި


ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ކުރީގެ ތަޖުރިބާކާރު ކުޅުންތެރިޔާ ސްވިޓްޒަލަންޑުގެ ރޮޖާ ފެޑެރާގެ ހަނދާން އައުކޮށް، ސެންޓަރ ކޯޓުގައި އޭނާއަށް ވަގުތުކޮޅެއް ޚާއްސަކޮށްފިއެވެ.

އަށް ފަހަރަށް މިމުބާރާތް ކާމިޔާބުކޮށްފައިވާ ފެޑެރަރގެ ހަނދާން އާކުރުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއްވަނީ ސެންޓަރ ކޯޓްގައި ރޭ ބާއްވާފައެވެ. މިހަފްލާފައި ފެޑެރަރ ވަނީ ބައިވެރިވެފައެވެ. މިގޮތުން ފެޑެރަރއަށް ވަނީ ކޯޓަށް ވަދެތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ފަރާތުން ހޫނު މަރްހަބާއެއް ކިޔާފައެވެ. އަދި އޭނާ ވިމްބަލްޑަންގައި ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ހާއްސަ ވީޑިއޯއެއްވެސް ދެއްކުން އޮތެވެ.

ވިމްބަލްޑަންގެ ސަޕޯޓަރުންގެ މަގްބޫލްކަން ވަރަށް ބޮޑަށް ލިބިފައިވާ ފެޑެރަރ މިހަފްލާގައި ވާހަކަ ދައްކާފައިނުވި ނަމަވެސް އޭނާ ސެންޓަރ ކޯޓްގެ ރޯޔަލް ބޮކްސްގައި އިން އިނުން އެކަނިވެސް ވަނީ ވަރަށް ބޮޑަށް ފާހަގަ ވެގެން ގޮސްފައެވެ. އުމުރުން 41 އަހަރުގެ ފެޑެރަރ ކުޅުން ހުއްޓަލާފައިވަނީ މިދިޔަ އަހަރުއެވެ.

އޭނާ ކުޅުން ހުއްޓާލުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެގެންދިޔައީ ކެރިއަރުގެ ފަހުކޮޅުގައި ދިމާވި އަނިޔާގެ ގިނަ މައްސަލަތަކެވެ. މިގޮތުން އޭނާގެ ކަކުލަށް ލިބިފައިވި އަނިޔާ އަކާއި ގުޅިގެން ދެތިން ފަހަރު އޮޕަރޭޝަން ކޮށްފައިވެއެވެ. އޭނާ ވިމްބަލްޑަން މުބާރާތް އެންމެ ފުރަތަމަ ކާމިޔާބުކޮށްފައިވަނީ 2003 ވަނަ އަހަރުއެވެ. އަދި ޖެހިގެން އައި ހަތަރު މުބާރާތް ކާމިޔާބުކޮށް އޭނާ ވަނީ މިމުބާރާތް ޖެހިޖެހިގެން ފަސް ފަހަރު ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން 2009، 2012 އަދި 2017 ވަނަ އަހަރުގެ މުބާރާތްވެސް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. އަދި 2017 ވަނަ އަހަރުގެ މުބާރާތާއެކު އޭނާވަނީ މިމުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކުޅުންތެރިޔާގެ ރިކޯޑްވެސް މުގުރާލާފައެވެ.

ފެޑެރަރ ވަނީ އޭނާގެ ފާހަގަކޮށްލެވޭ ކެރިއަރުގައި އޭޓީޕީގެ 103 މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި ދުނިޔޭގެ އެއްވަނަ ރޭންކިންގގައި 310 ހަފްތާ ހޭދަކޮށްފައެވެ.