ޚަބަރު

ރައްޔިތުން އެދޭ ބަދަލުތަކާއެކު މުލަކު މަގުހެދުމުގެ މަސައްކަތް ބާރަށް ކުރިއަށް


  • މުލަކު މަގުތައް ހެދުމަށް އާރްޑީސީއާއި ޙަވާލުކޮށްފައިވަނީ 2021 ވަނަ އަހަރު

  • މިމަޝްރޫޢުގެ މަސައްކަތް ފުރަތަމަ ކުރިއަށްދިޔަ ގޮތާއި މެދު ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުން އޮތް

  • މުލަކު މަގު ހެދުން މިހާރު ކުރިއަށްދާ ސްޕީޑާއި މެދު ރައްޔިތުންނާއި ކައުންސިލް ތިބީ ހިތްހަމަޖެހިފައި

  • މުޅި ޕްރޮޖެކްޓް ނިމޭނެ ތާރީޚެއް އަދި ނޭނގޭ

މުކަލައަތޮޅު މުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއެވެ. އެކުންފުންޏާއި މި މަސައްކަތް ޙަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގައެވެ.

މ. މުކަލުގެ މަގު ހެދުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް 2021 ވަނަ އަހަރު ފެށިނަމަވެސް، މަސައްކަތް ކުރިއަށްނުދާކަމުގެ ޝަކުވާއާއި ކަންބޮޑުވުން އެރަށުގެ ރައްޔިތުންގެ އޮތެވެ. އެއީ މުލަކަކީ ފެންތިލަ ރަށަށްވުމާއެކު ވިއްސާރަ މޫސުމުގައި، ރައްޔިތުންނަށް އުފުލަންޖެހިފައިވާ ތަކުލީފުގެ ބޮޑުކަމުންނެވެ. ފެންތިލަ ވުމުގެ ސަބަބުން، ވިއްސާރަ މޫސުމުގައި ފެން ހިނދުމަކީ އެރަށުގައި ނާދިރުކަމެއްކަން އެރަށު ކައުންސިލުން ފާހަގަކުރައްވައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މުކަލު ކައުންސިލްގެ ރައީސް އަޙްމަދު ޖަމާލް ވިދާޅުވީ، މަސައްކަތް ފެށިގެން ދިޔަ ދުވަސްކޮޅު މަސައްކަތް ކުރިއަށްނުދާތީ ރައްޔިތުންނާއި ކައުންސިލްގެވެސް ގިނަ ކަންބޮޑުވުންތަކެއް ހުރިކަމަށެވެ. އެކަންކަން އާރްޑީސީއާއި ހިއްސާކޮށް، މިހާރު މަސައްކަތް ކުރިއަށްދާގޮތާއި މެދު ކައުންސިލުން ހިތްހަމަޖެހޭކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުން އެތައް ޒަމާނެއް ވަންދެން ހައްލުވާނެކަމުގެ އުއްމިދުގައި ތިބި މައްސަލައަށް ޙައްލު ލިބިގެންދާތީ ރައްޔިތުންވެސް ތިބީ ހިތްހަމަޖެހިފައިކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

"މިރަށުގައި މީގެކުރިން މަގު ހެދުމުގެ މަސައްކަތްކޮށްފައެއް ނުވޭ. ފުރަތަމަ ފިޔަވަހީގެ ދަށުން މިމަސައްކަތް ކުރަނީ. އެހެންކަމުން މަސައްކަތް ކުރިއަށް މިހަރުދާ ސްޕީޑާއި މެދު އަޅުގަނޑުމެން މިތިބީ ހިތްހަމަޖެހިގެން." ކައުންސިލް ރައީސް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އެރަށުގައި ފުރަތަމަ ފިޔަވަހީގެ ދަށުން މަގު ހެދުމުގެ މަސައްކަތް ކުރަމުންދަނީ، ރަށުގެ ޢާއްމުން އެންމެ ގިނައިން ބޭނުންކުރާ ބޮޑެތި މަގުތަކުގައިކަމަށެވެ. އަދި ޢާއްމުކޮށް ފެން ބޮޑުވެ ފެން ހިންދުން ދަތިވާ ސަރަޙައްދުތަކަށް އިސްކަންދިގެންކަމަށް ކައުންސިލުން ފާހަގަކުރައްވައެވެ.

އާބާދީގައި ގާތްގަނޑަކަށް 2000 މީހުން ދިރިއުޅޭ މުކަލުގައި ވިއްސާރަ މޫސުމުގައި މަގުތައް ޗަކަވުމަކީ އެތައް ދުވަހެއްވީ މައްސަލައެކެވެ. އަދި އެމައްސަލަ ބޮޑުވެފައިވަނީ، ރަށަށް އިތުރުވަމުންދާ ފުރޮޅުލީ އުޅަނދުތަައް އިތުރުވުމާއި އެކުގައިކަން ކައުންސިލުން މީގެކުރިންވަނީ ފާހަގަކުރައްވާފައެވެ.

މުލަކު މަގުހެދުމުގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން މަސައްކަތުގެ ކޮންޓްރެކްޓަރ އާރްޑީސީން ބުނީ، އެރަށުގައި މިހާރު ކުރިއަށްދަނީ، އެރަށުގެ ބައެއް މަގުތަކުގައި ކަރބް ސްޓޯން ޖެހުމުގެ މަސައްކަތްތަކަމަށެވެ. މުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ 15 މަގެއްގައި ޖުމްލަ 5.9 ކިލޯމީޓަރުގެ ސަރަޙައްދު ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތްކުރުމަށް ބަޖެޓުން 106 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށްވަނީ ނިންމާފައެވެ.

މުލަކުގެ މަގުތަކުގެ މަސައްކަތް އާރްޑީސީއާއި ޙަވާލުކޮށްފައިވަނީ 1 އަހަރާއި 2 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެހެންނަމަވެސް މަސައްކަތް ފެށިގެންއައިއިރު ލަސްތަކެއް ދިމާވުމުގެ ސަބަބުން އެ މުއްދަތަށް މަސައްކަތް ނުނިމެއެވެ.

މަސައްކަތް ނިމޭނެ ތާރީޚެއް އަދި ޔަޤީން ނުވިނަމަވެސް މުލަކުގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ބާރު ސްޕީޑުގައި ދާކަން އެރަށު ކައުންސިލުން ފާހަގަކުރައްވައެވެ.