ޚަބަރު

އދ. އަތޮޅު މަދަރުސާގެ އައު ޢިމާރާތުގެ މަސައްކަތް ކުރިއަށް


  • އދ. އަތޮޅު މަދަރުސާގެ އައު ޢިމާރާތަކީ މާމިގިއްޔަށް މުހިންމު މަސައްކަތެއް

  • މިއީ 18 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަޝްރޫޢެއް

  • މި ޢިމާރާތުގައި މަލްޓި ޕަރޕަސް ހޯލާ އަލަކާއި 7 ކްލާސް ރޫމާއި އޭވީ ރޫމެއް ހިމެނޭ

ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުން އެންމެބޮޑަށް ބޭނުންވާ ކަންކަމުގެ ތެރޭގައި ރަށުގައި ތިބެގެން އެންމެ މަތީ ފެންވަރަށް ދަރިންނަށް ތަޢުލީމު ޙާސިލްކޮށްދެވޭނެ ގޮތް ހަމަޖެހުން ހިމެނެއެވެ. މިކަން ފުރިހަމަކޮށްދެއްވުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކީ އެއް ކަންތަކެވެ. މުދައްރިސުންގެ ފެންވަރުމަތިކޮށް އެމީހުންނަކީ ފަންނީ ޤާބިލް ބަޔަކަށް ހެދުމަށް ފިޔަވަޅުތަކެއް އަޅުއްވާފައިވެއެވެ. ޤާބިލް މުދައްރިސުން ދާއިރާގައި ހިފެހެއްޓެވުމަށްޓަކައި މުދައްރިސުންނާއި ސްކޫލްތަކުގެ މުވައްޒަފުންގެ މުސާރައަށް މިއިން ޒަމާނަކު ނާންނަހާ ހެޔޮ ބަދަލު މިސަރުކާރުން ގެނެސްދެއްވައިފިއެވެ.

ސްކޫލްތަކުގެ ޢުންމާރާނީ ތަރައްޤީގެ މަސައްކަތްތަކީވެސް ސަރުކާރުން ވަރަށްބޮޑު އަހަމިއްޔަތުކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ. ޒަމާނީ ވަޞީލަތްތަކާއެކު އައު ސްކޫލްތައް ޢިމާރާތްކުރެއްވުމާއި މިހާރު ހުރި ސްކޫލްތަކުގެ މަރާމާތުގެ މަސައްކަތާއި ސްކޫލްތަކަށް ޖާގަ އިތުރުކުރައްވަން ކުރައްވާ މަސައްކަތްތައް ފާހަގަކުރެވެއެވެ.

އަރިއަތޮޅު ދެކުނުބުރީ މާމިގިލީގައި ހުންނަ އެއަތޮޅު އަތޮޅު މަދަރުސާގެ އައު ޢިމާރާތަކީ މިފަދަ މަސައްކަތެކެވެ. އެޢިމާރާތުގައި މަލްޓި ޕަރޕަސް ހޯލްއަކާއި، 7 ކްލާސް ރޫމާއި އޭވީ ރޫމެއް ހިމެނެއެވެ.

މި މަސައްކަތް ޙަވާލުކޮށްފައިވަނީ ޔެސް މޯލްޑިވސް ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ 2021 ވަނަ އަހަރުގެ ޕީއެސްއައިޕީ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ، 18 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަޝްރޫޢެކެވެ. މި މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މާގިނަ ދުވަހެއްނުވެ މި މަސައްކަތް މުޅިން ނިމި މި ސްކޫލްގެ ދަރިވަރުންނަށް މި ޢިމާރާތުގެ އުފާވެރިކަން ލިބޭނެކަމަށް މަސައްކަތް ކުރާފަރާތުން ބުނެއެވެ.

މާމިގިލީ ކައުންސިލުން ވިދާޅުވީ، ތަޢުލީމީ ދާއިރާއިން މާމިގިލީގެ ރައްޔިތުންގެ މިހާރުގެ އެންމެ ބޮޑު އުންމީދަކީ މަތީ ތަޢުލީމު ދޭ މުއައްސަސާއެއް ނުވަތަ ޔުނިވަރސިޓީއެއްގެ ގޮތްޕެއް އެރަށުގައި ޤާއިމުވެގެން ދިއުންކަމަށެވެ.

ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާގޮތުން މާމިގިލީގައި ތިބެގެން ނޫނަސް ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން މާމިގިއްޔަށް ނިސްބަތްވާ 67 ދަރިވަރަކު ފުރަތަމަ ޑިގްރީއަށް އަންނަނީ ކިޔަވަމުންނެވެ. އަދި 46 ދަރިވަރަކު ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ޑިގްރީ ނިންމާފައެވެ. އިތުރު 6 ދަރިވަރަކު ސަރުކާރުގެ ލޯން ސްކީމްގެ ދަށުން ކިޔަވަމުން ދެއެވެ.