ދުނިޔޭގެ ވިޔަފާރި

އިންފްލޭޝަނާއި ގުޅިގެން ޢީދުގައި ޕާކިސްތާނުގެ ޖަމަލު ވިޔަފާރި ދަށަށް!


ތަކެތީގެ އަގުބޮޑުވެ، އިންފްލޭޝަން މައްޗަށް ދިއުމާއި ގުޅިގެން މިދިޔަ ޢީދުގައި ޕާކިސްތާނުގެ ޖަމަލު ވިޔަފާރި ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.

ހަބަރުތައް ބުނާގޮތުން އީދާއި ދިމާކޮށް ޖަމަލުގެ ވިޔަފާރިކުރާ މީހުން ވަނީ އެތައް ދުވަހެއް ކުރިން ބާޒާރުތަކަށް ޖަމާވެފައެވެ. ނަމަވެސް ޢީދު ނިމިގެންދިޔައިރުވެސް އެކަށީގެންވާވަރާއި ގާތަށްވެސް ވިޔަފާރިނުވާކަމަށް ވިޔަފާރިވެެރިން ބުނެއެވެ.

ވިޔަފާރިވެރިން ބުނާގޮތުން ޖަމަލުގެ ވިޔަފާރި ދަށްވުމުގެ މައިގަނޑު ސަބަބަކީ އާއްމުންގެ އަތްމަތި ދަތިވުމާއި، ތަކެެތީގެ އަގުތައް އުފުލުމެވެ. އެގޮތުން ޖަމަލުގެ އަގުވެސް ވަނީ ވަރަށް ބޮޑަށް އުފުލި، 3000 ޑޮލަރަށްވުރެ މައްޗަށް ގޮސްފައެވެ.

އާއްމުން ބުނާގޮތުން ބޮޑު އަގު ދީގެން ޖަމަލު ގަތުމުުގެ ތަނަވަސްކަން ގިނަ މީހުންގެ ކިބައިގައި ނެތުމުން އީދާއި ގުޅިގެން އުލްހިޔާ ކަތިލުން އޮތީ ދަތިކަމަކަށްވެފައެވެ.

ބައެއް ވިޔަފާރިވެރިން ބުނާގޮތުން އެ މީހުން ވިއްސަކަށް ޖަމަލު ބާޒާރަށް ވިއްކަން ގެންދިޔަނަމަވެސް، އެތަނުން ވިކިފައިވަނީ އެކަތި ނުވަތަ ދޭއްޗެވެ.

ޖަމަލުގެ އިތުރުން ބަކަރި، ގެރި އަދި ކަންބަޅިވެސް ޕާކިސްތާނުގެ އެކި ބާޒާރުތަކުން ޢިދާއި ދިމާކޮށް ވަނީ ގެނެސްފައެވެ. ނަމަވެސް ޖަމަލު ގަންނަން ގިނަ މީހުން ބޭނުންވަނީ، 11 ވަރަކަށް އާއިލާއަށް އެއް ޖަމަލުން ފުދޭތީކަމަށްވެސް ޕާކިސްތާނުގެ ވިޔަފާރިވެރިން ބުނެއެވެ.

ޕާކިސްތާނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން އިފްލޭޝަން މައްޗަށް ގޮސްފައިވާއިރު، މޭމަހުވެސް ރެކޯޑް މިންވަރަކަށް އެ ޤައުމުގައި ވަނީ ތަކެތީގެ އަގު އުފުލިފައެވެ.