ޚަބަރު

ގުޅީފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢު މިއަދު ފަށްޓަވަނީ


  • ގުޅީފަޅު ހިއްކަން ފަށަނީ މިއަދު ހަވީރު

  • ސަރުކާރުގެ މުހިއްމު މަޝްރޫޢުތަކެއް ހިންގުމަށް ހަމަޖެހިފައިވާ ސަރަޙައްދެއް

  • 192 ހެކްޓަރުގެ ބިން ހިއްކުމަށް ޙަވާލުކޮށްފައިވަނީ، 120 މިލިއަން ޑޮލަރަށް ނެދަލޭންޑްސްގެ ބޮސްކާލީސްއަށް

ގުޅީފަޅު ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިއަދު ހަވީރު ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ގުޅީފަޅު މަޝްރޫޢަކީ ސަރުކާރުގެ ގިނަ ސިޔާސަތުތަކަކާއި ގުޅިފައިވާ މުހިއްމު މަޝްރޫޢެކެވެ. މިވަގުތު ކުރިއަށްދާ ގެދޮރުވެރިކުރުވުމުގެ މަޝްރޫޢުގެ ދަށުން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށްވެސް ނިންމާފައިވާ އެއް ސަރަޙައްދަކީ ގުޅީފަޅު ސަރަޙައްދެވެ. މިމަސައްކަތްކުރުމަށް ބޭނުންވާ ބިން ހިއްކުމަށް މިހާރު މިވަނީ ތައްޔާރުވެފައެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާއެވެ. ގުޅީފަޅުގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކާފައިވަނީވެސް އެކުންފުނިންނެވެ. ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގައި ގުޅީފަޅު ހިމެނޭ ސަރަޙައްދުން 192 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ، 120 މިލިއަން ޑޮލަރު ނުވަތަ 2 ބިލިއަން ރުފިޔާކަމަށް ސަރުކާރުންވަނީ މީގެކުރިން ހާމަކުރައްވާފައެވެ.

ގުޅީފަޅު ހިއްކުމަށް ކުރިއަށްގެންދާ މަސައްކަތުގައި، ގުޅީފަޅު ފަޅުން، 18 މިލިއަން ކިއުބިކް މީޓަރުގެ ސަރަޙައްދަކަށް ވެލި އެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް ރިވެޓްމަންޓް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާ ބިން ޚާއްސަކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ އިތުރުން، މާލޭގައި ހިންގަމުންދާ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރުގެ ޚިދުމަތް ގުޅީފަޅަށް ބަދަލުކޮށް ސަރަޙައްދީ ބަނދަރެއް ތަރައްޤީކުރުމަށެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޢިއުލާންކުރައްވާފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅު ހިއްކައިގެންނެވެ. ސަރުކާރުންވަނީ ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު ޢާއްމުކުރައްވާފައެވެ.