ޚަބަރު

ހުޅުމީދޫ ސްކޫލްގެ އައު 6 ކްލާސް ރޫމާއެކު ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް


  • މިއީ 560އަށްވުރެ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން އަންނަ ސްކޫލެއް

  • 2019 ވަނަ އަހަރު ތިން ސްކޫލެއް ވަނީ އެއްކޮށްލާފައި

  • މިއީ ވަސީލަތުގެ ގޮތުން ފާހަގަކޮށްލެވޭ ސްކޫލެއް

ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައި ވަކި ރަށެއްގައި ހުރި ވަކި ސްކޫލަކަށް ދާންނުޖެހޭކަން އަދުގެ ސަރުކާރުގެ ތަޢުލީމީ ސިޔާސަތު ވަނީ ސާބިތުކޮށްދެއްވާފައެވެ. އެކަން އެންމެ ބޮޑަށް ފެންނަނީ އާބާދީ މަދު ރަށްތަކުގައި ތަޢާރަފްކުރި ސެޓެލައިޓް ސްކޫލްތަކުންނެވެ. މީގެ އިތުރުންވެސް އާބާދީ މަދު ރަށްތަކުގެ ސްކޫލްތަކަކީ ވަޞީލަތުގެ ގޮތުން ފުރިހަމަ އަދި ރަނގަޅު ފެންވަރުގެ ތަޢުލީމެއް ފޯރުކޮށްދޭ ސްކޫލެއްކަން ސަރުކާރުން ދަނީ ސާބިތުކޮށްދެއްވަމުންނެވެ.


އައްޑޫ ސިޓީއަކީ ޒަމާނުއްސުރެ ޢިލްމީ ގޮތުން ޤާބިލު ރައްޔިތުންތަކެއް ދިރިއުޅޭ ތަނެކެވެ. އައްޑޫ ސިޓީ ހުޅުމީދޫގައި ހުރި އެންމެ މުހިންމު އެއް މުއައްސަސާއަކީ ރަށުގެ ރައްޔިތުންނަށް ތައުލީމު ފޯރުކޮށްދިނުމަށް ބިނާކޮށްފައިވާ ސ. އަތޮޅު މަދަރުސާއެވެ. ހުޅުދޫ ސްކޫލާއި، ސ.އަތޮޅު މަދަރުސާ އަދި މީދޫގައި ހުރި ޝަމްސިއްދީން ސްކޫލް 2019 ވަނަ އަހަރު އެއްކޮށްލުމަށްފަހު ތަޢުލީމް ފޯރުކޮށްދެމުން އަންނަ މި ސްކޫލްގައި 567 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުން ގެންދެއެވެ.

ފާއިތުވި މާޒީގައި މި ސްކޫލުންވެސް ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. މި ސްކޫލްގެ ޕްރިންސިޕަލް އާމިނަތު ޒީނިޔާ ފާހަގަކުރެއްވި ގޮތުގައި، މި ކާމިޔާބީތަކުގެ ސިލްސިލާއަށް އިތުރުވި އެންމެ ޚާއްސަ ކާމިޔާބީއަކީ މިއަދު މި ސްކޫލުން ތައުލީމު އުނގަންނައިދިނުމުގައި ގެންގުޅޭ ޚާއްސަ ގޮތްފޮތެވެ.

"ފެންވަރު ރަނގަޅު ތައުލީމެއް ދިނުމުގައި އެންމެ އިސްކަމެއް އަޅުގަނޑުމެން ދެނީ ދަރިވަރުންނަށް ހުނަރާއި އެކުދިންގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުން. ހަމައެކަނި މައުލޫމާތުތަކެއް ފޯރުކޮށްދިނުމެއް ނޫން. އެގޮތުން ކުރާ މަސައްކަތުގައި ސްކޫލުގައި ވަރަށްގިނަ އިތުރު ހަރަކާތްތައް ހިންގާ. ޔުނިފޯމް ހަރަކާތްތައް ހިންގާ." ސްކޫލްގެ ޕްރިންސިޕަލް އާމިނަތު ޒީނިޔާ ވިދާޅުވިއެވެ.

ހުޅުދޫއާއި މީދޫގެ ކުދިންނަށް ތަޢުލީމު ފޯރުކޮށްދޭން ބިނާކޮށްފައިވާ މި ސްކޫލުން ފައުންޑޭޝަން ލެވެލްއިން ފެށިގެން ގްރޭޑް ދިހައަކާ ހަމައަށް ތަޢުލީމު ފޯރުކޮށްދެއެވެ.

ރާއްޖޭގެ އެހެނިހެން ސްކޫލްތައް ފަދައިން މިސްކޫލަށްވެސް ކޮންމެވެސްވަރެއްގެ ޖާގައިގެ ދަތިކަމެއް އޮތްނަމަވެސް އެމައްސަލަ ސަރުކާރުން ދަނީ ހައްލުކޮށްދެއްވަމުންނެވެ. އެގޮތުން 6 ކްލާސް ރޫމްގެ ތިން ފަންގިފިލާގެ އައު ޢިމާރާތެއް ދަނީ ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ޢިމާރާތާއެކު ސްކޫލުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބޭނެކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ. އަދި އައު ޢިމާރާތާއެކު ތަޢުލީމަށްވެސް ހެޔޮ ބަދަލެއް އަންނާނެކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

"މިހާރު އިމާރާތްކުރެވެމުންދާ 6 ކްލާސްރޫމްގެ އިމާރާތާއެކީގައި އަޅުގަނޑުމެންނަށް ޖާގައިގެ ދަތިކަން އެއްކޮށް ހައްލުވެގެން ދާނެ. ޚާއްޞަކޮށް، އެތަނުގައި ލައިބްރަރީގެ ވަސީލަތްތައް ފުޅާވެ ކުދިންގެ ތަޢުލީމަށްވެސް ބޭނުންކުރަން ފެށޭނެ. ޕްރިންސިޕަލް އައިމިނަތު ޒީނިޔާ ވިދާޅުވިއެވެ.

މިސްކޫލްގައި ދަރިވަރުންނަށް ތަޢުލީމް ފޯރުކޮށްދިނުމަށް ބޭނުންކުރާ ވަސީލަތްތަކަކީވެސް އެންމެ ޒަމާނީ އައު ވަސީލަތްތަކެވެ. އެ ވަސީލްތަތައް ކޮންމެ ދުވަހަކުވެ ކުދިންގެ ކިޔެވުމުގައި ދަނީ ބޭނުންކުރަމުންނެވެ.

"މި ސްކޫލުގައި މިހާރު މި ލިބެންހުރި ވަސީލަތްތަކަށް ބަލާއިރު ރާއްޖޭގެ ގިނަ ސްކޫލުތަކުގައި ހުރި ވަރަށްވުރެ ވަޞީލަތްތަކުގެ ގޮތުން މުއްސަނދި ސްކޫލެއް އަޅުގަނޑުމެންނަކީ. އަޅުގަނޑުމެންގެ ހުރިހާ ކްލާސް ރޫމްތަކަކީ ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ޤާއިމުކުރެވިފައި ހުރި ކްލާސްރޫމްތައް." ހުޅުމީދޫ ސްކޫލު ވަސީލަތްތަކުގެ ގޮތުން ކުރި އަރާފައިވާ މިންވަރު އޮޅުންފިލުއްވައިދެއްވަމުން ޕްރިންސިޕަލް އައިމިނަތު ޒީނިޔާ ވިދާޅުވިއެވެ.

ވަސީލަތްތަކުގެ ގޮތުން ސްކޫލުން ހޯދާފައިވާ ކުރިއެރުންތައް ބޭނުންކޮށްގެން ދަރިވަރުންނަށް ރަނގަޅު ތައުލީމެއް އުނގަންނައިދިނުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރައްވަނީ ސްކޫލުގެ މުދައްރިސުންނެވެ. ޖުމުލަ 66 މުދައްރިސުންނާއެކު ހުޅުމީދޫ ސްކޫލުން އަންނަނީ ކުރިއަރަމުންނެވެ. ދަރިވަރުންނަށް އުނގަންނައިދިނުމުގެ މަސައްކަތުގައި ދުވަހުގެ ގިނަ ވަގުތުތައް ހޭދަކުރަމުން އަންނަ ހުޅުމީދޫ ސްކޫލުގެ މުދައްރިސުންގެ މޫނުމަތިން މިއަދު ފެންނަނީ އުފާވެރިކަމާ ހިތްހަމަޖެހުމެވެ.


"މިސަރުކާރުން ގެންނެވި ވަރަށް ބޮޑު ހެޔޮ ބަދަލެއް މުވައްޒަފުންގެ މުސާރައަށް މިގެންނެވި ބަދަލަކީ. ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ މުވައްޒަފުންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ މުވައްޒަފުން. މަސައްކަތު މީހާއިން ފެށިގެން ޕްރިންސިޕަލާއި ހިސާބަށްވެސް ރަސްމީ ގަޑީގެ މަސައްކަތް ނިމުނީމަ އަދި މަސައްކަތް ނިންމައެއް ނުލެވޭ. އެހެންވީމަ މުސާރައަށް މިގެނެވުނު ހެޔޮ ބަދަލަކީ މުވައްޒަފުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަޖެހުމެއް. ވަރަށް ބޮޑު ކުރިއެރުމެއް. މީގެސަބަބުން މަސައްކަތަށްވެސް ވަރަށް ބޮޑެތި ފައިދާތަކެއް، މަސައްކަތު މާހައުލަށްވެސް، އަދި އެބޭފުޅުންގެ ހިތްހަމަޖެހުމަށްވެސް އަދިހަމަ އެގޮތަށް އަމިއްލަ ދިރިއުޅުމަށްވެސް ހެޔޮ ބަދަލުތަކެއް އައިއްސި." ހުޅުމީދޫ ސްކޫލުގެ މުވައްޒަފުންގެ އިހުސާސްތައް ބަޔާންކޮށްދެއްވަމުން ޕްރިންސިޕަލް އައިމިނަތު ޒީނިޔާ ފާހަގަކުރެއްވިއެވެ.

ތައުލީމީ ނިޒާމަށް މިހާރު އަންނަމުން މިދާ އިންގިލާބީ ބަދަލުގެ ނަތީޖާ ފެންނަނީ ދަރިވަރުންގެ ނަތީޖާތަކުންނެވެ. އޯލެވެލް ނަތީޖާއަށް ބަލާއިރު ސ.އަތޮޅު މަދަރުސާއަކީ ޤައުމީ ގަދަ 10ގައި ފާހަގަކޮށްލެވޭ ސްކޫލެކެވެ. ސ.އަތޮޅު މަދަރުސާއިން އެ އަންނަނީ ރަށަށް އަދި ޤައުމަށްބޭނުންވާ ތަޢުލީމީ ޢިލްމީ ޖީލެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންނެވެ.