ޚަބަރު

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި، އަދިވެސް އަލި ފަނޑުވުމެއް ނެތް


  • އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުން ލިބުނު ފައިސާ އެކީ ހޭދަކުރީ ޤުރުއާން ކްލާސް ބިނާކުރުމަށް

  • ޤުރުއާން ކްލާސް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

  • 50 އަހަރު ކުރިން މާމަ ހިންގަމުން އައި ޤުރުއާން ކްލާސް މިއަދު ހިންގަނީ މުޙައްމަދު އިސްމާޢީލް

ބުރަ މަސައްކަތްކަތާއި، ގަދަ ހިތްވަރާއި، މާމަގެ ހުވަފެންތަކާ ގުޅުންހުރި "ތަދްރީސުލް ޤުރުއާނުންކަރީމް" ޤުރުއާން ކުލާސް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ އަތްޕުޅުން ހުޅުއްވަވައިދެއްވުމަކީ ފ.ނިލަންދޫ، ގްރީންހެވަން އަލްޤާރީ މުޙައްމަދު އިސްމާޢިލްގެ ހުވަފެނެކެވެ.

27 މެއި 2023 އަކީ ފ.ނިލަންދޫ، ގްރީންހެވަން މުޙައްމަދު އިސްމާޢީލްގެ ހަޔާތުން ވަރަށްވެސް އުފާވެރި ދުވަހެކެވެ. ދިގު އިންތިޒާރެއްގެ ފޮނި ނިމުން ބައްދަލުކުރި ތާރީޚީ ދުވަހެވެ. 1438 ވަނަ އަހަރު ޓީވީ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ "އެންމެ އަލިގަދަ ތަރި" ޤްރުއާން މުބާރާތް ކާމިޔާބުކުރި މުޙައްމަދު އިސްމާޢީލް، އޭނާގެ އަމިއްލަ ޤްރުއާން ކުލާހެއް އުފައްދައި ހުޅުވި ދުވަހެވެ. މމުބާރާތުން ލިބުނު ފަސްލައްކަ ރުފިޔާގެ ފައިސާ އިނާމް މުޙައްމަދު އިސްމާޢީލް ހޭދަކުރެއްވީ ޤުރުޢާނުގެ ޢިލްމު ފުޅަކުރެއްވުމަށެވެ.

"އެންމެ ފުރަތަމަ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޕްރޮގްރާމަށް ޝައުގުވެރިކަން އުފެދުނީ އަޅުގަނޑާއެކު ކޯހުގައި ކިޔެވި އާދަމް ނަސީމް ބައިވެރިވެ އެއްވަނަ ހާސިލުކުރި ހިސާބުން. އެހިސާބުން ފެށިގެން ރަށުގެ މީހުން އެދުނު [މުބާރާތަށް ކުރިމަތިލާން]. ހަމައެއާއެކު އާދަމް ނަސީމްގެ ވަރަށް ބޮޑު ހިތްވަރެއް އަޅުގަނޑަށް މިކަމުގައި ލިބިގެންދިޔަ. އެހެންވެ އަޅުގަނޑަށް ޤަބޫލުކުރެވުނީ މީ އަޅުގަނޑަށްވެސް ކުރެވިދާނެ އަދި ކާމިޔާބު ކުރެވިދާނެ މުބާރާތެއްކަން."
ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ހަނދާންތައް އައުކުރައްވަމުން އަލްޤާރީ މުޙައްމަދު އިސްމާޢިލް ވިދާޅުވިއެވެ.

ކޮންމެއަކަސް މި އުންމީދާއި ހިތްވަރާއެކު މުބާރާތުގައި އޭނާ ބައިވެރިވިއެވެ. އަދި 1438ވަނަ އަހަރު ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ ޝަރަފް ހޯދައި، ފަސްލައްކަ ރުފިޔާގެ ފައިސާގެ އިނާމު އޭނާ ވަނީ ހޯއްދަވާފައެވެ.

"އަޅުގަނޑުގެ ލޯބިވާ މާމަ އެންމެ ކުޑައިރުއްސުރެން އަޅުގަނޑު ޤުރުއާނަށްޓަކައި އެކޮށްދެއްވި ބުރަ މަސައްކަތާއި، އަޅުގަނޑުގެ ބޮޑުބޭބެއިންނާއި އަޅުގަނޑުގެ އާއިލާޔާ މަންމަޔާ ބައްޕަ އަދި އަޅުގަނޑުގެ އަންހެނުންނާއި އަންހެނުންގެ އާއިލާއިން އަބަދުވެސް އެ މުބާރާތް ފެށުނީއްސުރެ ދެމުން އައި ތަރުހީބު މަތިން އެވަގުތު ހަނދާންވި. ޚާއްސަކޮށް އަޅުގަނޑު އެންމެ ބޮޑަށް ހަނދާންވީ އަޅުގަނޑުގެ މާމަގެ މަތިން." އެ އުފާވެރި ވަގުތުކޮޅު އަލްޤާރީ މުހައްމަދު އިސްމާޢީލްގެ އިހުސާސްތައް ހުރީ އެފަދަ ގޮތަކަށެވެ.

ރާއްޖޭގެ ކަންކޮޅުތަކުން މުބާރާތުގައި ބައިވެރިވި އެތައް ބައިވެރިންނަކާއި ވާދަކުރުމަށްފަހު އޭނާ ވަނީ ކާމިޔާބު ހާސިލުކުރައްވާފައެވެ. ޢުމްރާ ދަތުރާއި ފަސްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި އެހެނިހެން އިނާމުތައްވެސް ހާސިލުކުރެއްވިއެވެ. ކާމިޔާބުގެ އެ އިނާމުތައް އަލްޤާރީ މުޙައްމަދު އިސްމާޢިލް ހޭދަކުރައްވަން ގަސްތުކުރެއްވީ ދިގުދެމިގެންދާ ފަދަ ގޮތަކަށެވެ.

"އަޅުގަނޑަށް އެ މުބާރާތުން ލިބުނު ފައިސާ، ޤުރުއާނުން ލިބުނު މިހާ ބައިވަރު ފައިސާ އެއްވީމަ އަޅުގަނޑު ގަސްތުކުރީ މި އެއްކޮށް ހޭދަކޮށްލާނީ މިކަމަށްޓަކައޭ. އެހެންވެ އަޅުގަނޑަށް ފައިސާގެ ގޮތުގައި ލިބުނު އިނާމު އަޅުގަނޑު އެއްކޮށް ހުސްކޮށްލީ މިހިރަ ޢިމާރާތް ބިނާކޮށް މިރަށުގައި ޤުރުއާނުގެ ރަނގަޅު މުސްތަޤުބަލެއް ބިނާކުރުމަށްޓަކާ." އަލްޤާރީ މުޙައްމަދު އިސްމާޢިލްގެ ހުނަރުން ހޯދި ފައިސާގެ އިނާމު ހޭދަކޮށްގެން އިމާރާތްކުރި އޭނާގެ އަމިއްލަ ޤުރުއާން ކުލާސް ކުރިމަތީގައި ހުރެ ވާހަކަދައްކަވަމުން ވިދާޅުވިއެވެ.


"ތަދްރީސުލް ޤުރުއާނުންކަރީމް"ގެ ނަމުގައި ހުޅުވުނު އިމާރާތަކީ ދެ ކުލާސް ރޫމާއި، އޮފީހަކާއި، ފާޚާނާއާއި މުދައްރިސުން ބައިތިއްބާނެ ކޮޓަރިއަކާއި ސައިކޮޓަރިއެއް ހިމެނޭ އިމާރާތެކެވެ. ސަތޭކައެއްހާ ދަރިވަރުންގެ ޖާގައިގެ މި ޢިމާރާތަކީ ހުވަފެންތަކެއްގެ ފެށުމެކެވެ. އަދި މާޒީގެ ރަން ހަނދާންތަކެއް ދެމިހުންނާނެ ޢިމާރާތެކެވެ. އެ ރަންހަނދާންތައް ގޮސް ގުޅެނީ އަލްޤާރީ މުޙައްމަދު އިސްމާޢިލްގެ މާމަ މީގެ 50 އަހަރު ކުރިން ހިންގަމުން އައި ޤުރުއާން ކުލާހާއެވެ.

"މީގެ 50 އަހަރު ކުރިން އަޅުގަނޑުގެ މާމަ ހިންގަމުން އައި ޤުރުއާން ކުލާސް އެޑިއުކޭޝަން މިނިސްޓްރީގެ އާ ޕޮލިސީގެ ދަށުން އުވިގެން އެބަދޭ. އެހެންވެ އަޅުގަނޑުގެ ވިސްނުމަށް އައީ އެ ޤުރުއާން ކުލާސް އަޅުގަނޑުގެ ނަން މައްޗަށް ބަދަލުކޮށް މަސްއޫލުވެރިކަން އަޅުގަނޑު ނަގައި، އެ ޤުރުއާން ކުލާސް މި ތަނަށް ބަދަލުކޮށް ޤުރުއާން ކުލާސް މިތަނުގައި ހިންގަން." މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.


އަލްޤާރީ މުޙައްމަދު އިސްމާޢިލްގެ ހުވަފެންތައް ހުރީ ވަރަށް ފަހިކޮށެވެ. އޭނާގެ އުންމީދަކީ މި ޤުރުއާން ކުލާހަކީ ނިލަންދޫގެ ކުދިންނަށް އަސާސީ މަރުހަލާއިން ފެށިގެން ގޮސް ސްކޫލު ނިންމާ މަރުހަލާގެ ދަރިވަރުންނާ ހަމައަށް ވަރަށް ރަނގަޅަށް ޤުރުއާން އުނގަންނައިދޭށެވެ. އަދި މި ކުލާހުން ކިޔަވައިގެން ދާ ކުދިންނަކީ ޤާރީ ކޯސް ލެވެލް 1، 2، 3 އަދި 4 ނިންމާ ދަރިވަރުންގެ ފެންވަރު ހުންނަ ދަރިވަރުންތަކަކަށް ހެދުމެވެ. ކުދިންގެ ޝައުގުވެރިކަން އިތުރުކުރުމަށް މިހާރުވެސް މި ތަނުގައި ޤުރުއާނުގެ އިތުރަށް ޢަރަބި ބަސްވެސް އުނގަންނައިދެއެވެ. މީގެ އިތުރުން ޤުރުއާން ހިތުދަސްކުރުމުގެ ކުލާސްތައްވެސް ވަރަށް ފޯރިއާއެކު ހިންގަމުންދެއެވެ. ހިތުން ދަސްކުރާ ކޮންމެ ފޮތަކަށް އިނާމުވެސް ދެމުން ދެއެވެ.

"ޤުރުއާން ހިތުދަސް ދަރިންތަކެއް މިތާނގައި (ނިލަންދޫގައި) އުފެއްދުން އެއީ އަޅުގަނޑުގެ އެންމެ ބޮޑު މަޤްޞަދަކީ" މުޙައްމަދު އިސްމާޢީލްގެ ޢުއްމީދުތައް ހިސާކުރައްވަމުން ވިދާޅުވިއެވެ.

ކޮންމެއަކަސް މުޙައްމަދު އިސްމާޢީލް އެ ސާބިތުކޮށްދެއްވީ، ހިތުގައި ޢަޒުމެއް އޮވެގެން މަސައްކަތްކޮށްފިނަމަ ކޮންމެ ކަމަކީވެސް ކާމިޔާބުވާނެ މަސައްކަތެއްކަމެވެ. މުޙައްމަދު އިސްމާޢީލްގެ އެ ޢަޒުމުން މިހާރުގެ ޒުވާނުންނަށްވެސް އެތައް ފިލާވަޅެއް ލިބިދެއެވެ.