ޓުއަރިޒަމް

ރާއްޖެ، އެންމެ ފުރަތަމަ ބަޔޮސްފިއަރ ޤައުމުގެ ގޮތުގައި


ރާއްޖެއަކީ، އެންމެ ފުރަތަމަ ބަޔޮސްފިއާރ ޤައުމުގެ ގޮތުގައި އިއުލާން ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ޖަރުމަންވިލާތުގެ ބާރލިންގަ މިހާރު ކުރިއަށްދާ އައިޓީބީ ފެއާރ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ގާލާ ނައިޓްގަ ވާހަކަފުޅު ދައްކަވަމުންނެވެ.

މިމަހުގެ 8 ން 13 ށް ކުރިއަށްދާ އައިޓީބީ ފެއާރ ރަސްމީކޮށް ހުޅުވުމުގެ ގޮތުން ބޭއްވި ގާލާ ނައިޓްގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ރާއްޖެއަކީ އެންމެ ފުރަތަމަ ބަޔޮސްފިއަރ ގައުމުގެ ގޮތުގައި އިޢުލާން ކުރެއްވުމަށް ކަމަށެވެ. މިކަމަށް މިހާރުވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް މިއަހަރު ތައާރަފް ކުރެއްވުމަށް ނިންމަވާފައިވާ ޓޫރިޒަމް ގްރީން އެވޯރޑަކީވެސް ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ އެވޯރޑަކަށް ހައްދަވާނެ ކަމަށާއި، އެ އެވޯރޑް ދެއްވުމުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތައް ހިމެނޭނެހެން އެވޯޑްގެ ކަންކަން ފަރުމާކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރގެ ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ޕްލޭންތަކެއް އެކުލަވާލެވި އެއަށް އަމަލުކުރެއްވުމަށް ފައްޓަވާނެކަން ފާހަގަ ކުރެއްވިއެވެ. މިއަހަރުގެ އައިޓީބީ ފެއާރގެ އިންތިޒާމްކުރާ ޤައުމަަކީ ދިވެހިރާއްޖެ ކަމަށްވުމާއެކު، ގާލާ ނައިޓްގައިވަނީ، ދިވެހި ސަގާފަތާ އާދަކާދަ ދައްކުވައިދޭ ހުށަހެޅުންތަކެއް ދައްކާލާފައެވެ. އެ ހުށަހެޅުމުގެ ތެރެއިން ޚާއްސަ ކަމެއްގެ ގޮތުން ރާއްޖޭގައި ދޯނި އުފެދިގެން އައިގޮތް ދައްކާލާފައިވެއެވެ. އަދި އެންމެ އިހުޒަމާނުގައި، ޚާއްސަ ދުވަސްތަކަށް ތައްޔާރުވަމުން އައިގޮތްވެސް ދައްކާލާފައިވެއެވެ. މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ ޒުވާނެއްގެ ސޭންޑް އާޓްގެ ހުނަރުވެސް ދައްކާލާފައިވެއެވެ.